ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ).-- ފޮޓޯ: މަޖިލިސް
ހަތަރުހާސް ފުލެޓް ހަވާލުކުރުން ލަސްވާތީ ހުށަހެޅި ކުއްލި މައްސަލަ ބަލައެއް ނުގަތް
ފިޔެސް 30 ޖޫން 2025 (ހޯމަ)   09:49
އެމްޑީޕީ ސަރުކާރުން ފެށި "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފުރަތަމަ އިމާރާތްކުރި ހަތަރުހާސް ފުލެޓް ހަވާލުކުރުން ލަސްވާތީ އެކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ބަހުސްކުރުމަށް ހުށަހެޅި ކުއްލި މައްސަލަ ބަލައި ނުގަނެ ބޭރުކޮށްލައިފި އެވެ.

އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) އެވެ.

ކުޑޫގެ ކުއްލި މައްސަލައިގާ ފާހަގަ ކުރައްވާފައިވަނީ ފުލެޓް ލިބޭނޭ ފަރާތްތައް ކަނޑައަޅައި، އެ ލިސްޓުތައް ގެޒެޓުގައި އިއުލާނުކޮށް، އެއްބަސްވުމުގައި ސަރުކާރުން އެ ފަރާތްތަކާއެކު ސޮއިކޮށްފައިވީ ނަމަވެސް އެ ފަރާތްތަކާ ފުލެޓް ހަވާލުނުކޮށް ލަސްކުރަމުންދާ ކަމަށެވެ.

މައްސަލައިގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، ފްލެޓްތައް ލިބޭނެ ފަރާތްތައް ކުރީގެ ސަރުކާރުން ކަނޑައަޅައިފައިވަނީ ގޯސްކޮށް ކަމަށް ބުނެ، އެ ފޯމުތައް އަލުން އިވެލުއޭޓްކުރަމުން ގެންދާ ކަމަށް ބުނެ އެތައް ދުވަހެއް ލަސްކުރުމަށްފަހު، 4000 ފުލެޓް ދޫކުރުމުގައި ބަލާނީ ކުރީގެ ސަރުކާރުން، 2023 ނޮވެންބަރު 15 ގައި އާންމު ކުރި ލިސްޓަށް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެފައިވާ ކަމަށެވެ.

ފާއިތުވި މޭ މަހުގެ 25 ގައި، މިނިސްޓަރު މުއްތަލިބް އެގޮތަށް ވިދާޅުވެފައި ވުމުން، ކުރީގެ ސަރުކާރުން އެ ކަމުގައި ގޯހެއް ހަދައިފައި ނެތްކަން މިހާރުގެ ސަރުކާރުންވެސް ގަބޫލުކުރާކަން ހާމަވާ ކަމަށް މައްސަލައިގާ ފާހަގަކޮށްފައި ވެއެވެ.

އަދި ޖޫން މަހުގެ ތެރޭގައި ފްލެޓުތަކުގެ އެއްބަސްވުންތަކުގައި ސޮއިކޮށް، ޖުލައި މަހުގައި ނިމޭ 1000 ފްލެޓް ހަވާލުކޮށް، ސެޕްޓެންބަރު މަހުގައި ފްލެޓްތަކަށް މީހުން ވައްދައި އެއްކޮށް ނިންމާނެކަމަށް މިނިސްޓަރު މުއްތަލިބް ފާހަގަ ކުރެއްވިކަންވެސް މައްސަލައިގައި ފާހަގަ ކޮށްފައި ވެއެވެ.

އެހެންނަމަވެސް އެ ފުލެތައް ހަވާލުކުރުމުގެ އެއްވެސް މަސައްކަތެއް މިއަދާ ހަމައަށްވެސް ސަރުކާރުން ކުރިއަށް ގެންގޮސްފައި ނުވާކަމަށާ، އެހެންވެ އެ ފްލެޓްތައް ލިބޭ ފަރާތްތަކުން އިންތިހާއަށް ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށްވެސް ފާހަގަކޮށްފައި ވެއެވެ.

މި ކަމަކީ ވަރަށް ގިނަ ރައްޔިތުންގެ ދިރިއުޅުމާ ގުޅިފައިވާ ނުހަނު މުހިންމު މައްސަލައެއްކަން ފާހަގަކޮށް، ރައްޔިތުންގެ މަޖިލީހާ މަތިކޮށްފައިވާ، ވާޖިބު އަދާކުރުމުގެ ގޮތުން، މި ކަމާމެދު ބަހުސްކުރުމަށްޓަކައި މަޖިލީހަށް ހުށަހެޅީ ކަމަށް މެންބަރު ކުޑޫގެ މައްސަލައިގާ ފާހަގަ ކުރައްވާފައި ވެއެވެ.

މި މައްސަލައާ ގުޅޭގޮތުން މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މަޖިލީހުގެ ގަވާއިދުގައި، ކުއްލި މައްސަލައިގާ ބުނާ ކަމެއް ދިމާވީ ކުއްލިއަކަށް ކަމަށް ބުނެފައިވާ ކަމަށެވެ. އަދި އެގޮތުން ކުއްލި މައްސަލައަކީ ވޭތުވެދިޔަ 7 ދުވަހުގެތެރޭ ހިނގާފައިވާ ކަމަކާ ގުޅޭ މައްސަލައަކަށް ވާންވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އެހެންކަމުން "މި ދެންނެވި ޝަރުތު ފުރިހަމަ ނުވާތީ އެ މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި ހުށަހެޅެން ނެތް." ކަމަށެވެ.

ކޮމެންޓް