ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު - ފޮޓޯ:މަޖިލިސް
ޑޮލަރުންކުރާ ވިޔަފާރިން ފީނެގުމާ ދެކޮޅަށް ހުށަހެޅި ކުއްލިމައްސަލަ ބޭރުކޮށްލައިފި
ރިސޯޓުތަކުން ޑޮލަރު މާރުކުރަން މަޖުބޫރު ކުރާތީ އެކަމުގެ ކަންބޮޑުވުން ވެސް މި މައްސަލައިގައިވޭ
ޖުނާން އަޙުމަދު 1 ޖުލައި 2025 (އަންގާރަ)   09:56
ދިވެހިން އާންމުގޮތެއްގައި އޮންލައިން ވިޔަފާރި އެންމެގިނައިން ކުރާ ބޭރުގެ ވެބްސައިޓުތަކުން ކުރާ ކޮންމެ މުއާމަލާތަކަށް 30 ޕަސެންޓުގެ ބޮޑު ފީއެއް ބީއެމްއެލް (ބޭންކް އޮފް މޯލްޑިވްސް) އަށް ނަގާތީ އާއި ރިސޯޓުތަކަށް ލިބޭ ޑޮލަރު މާރު ކުރަން މަޖުބޫރު ކުރާތީ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުމުން އެ މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި އެވެ.

ޑޮލަރުން ކުރާ ވިޔަފާރީގެ މުއާމަލާތްތަކުން 30 އިންސައްތަ ފީއެއް ނަގަން ސަރުކާރުން ނިންމާފައި ވަނީ އިއްޔެއެވެ. މި ނިންމުން މީޑިއާއާ ހިއްސާކުރަމުން ބީއެމްއެލްއިން ބުނެފައި ވަނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދެއްކުމަކީ ރާއްޖޭން ޑޮލަރު އެންމެ ގިނައިން ބޭރުވެގެންދާ އެއްކަންތައް ކަމަށާ، ފައިސާދައްކާއިރު 30 އިންސައްތައިގެ ފީއެއް ނަގަން ނިންމީ އެހެންވެގެން ކަމަށެވެ.

އިދިކޮޅު އެންމެބޮޑު ޕާޓީ އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހުށަހެޅުއްވި މި މައްސަލައިގައި ބުނެފައި ވަނީ ޓެމޫ އާއި ޝީއިން ފަދަ ވެބްސައިޓުތަކުން ކުރާ ވިޔަފާރިން 30 ޕަސެންޓުގެ ފީއެއް ނަގަން ފެށުމަކީ އާންމުންގެ ވަރަށް ބޮޑު ކަންބޮޑުވުން އޮތް ކަމެއް ކަމަށެވެ.

އެހެންކަމުން މިއީ ދިވެހި ރައްޔިތުންނަށް ވަރަށްބޮޑެތި ތަކުލީފުތައް، ހާއްސަކޮށް، އެކިއެކި ބޭނުންތަކުގައި ރާއްޖެއިން ބޭރަށް ދަތުރު ކުރާ ރައްޔިތުންނަށާއި، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ވެސް ނުހަނު ބޮޑު ތަކުލީފެއް ކުރިމަތިވާނެ ކަމެއް ކަމަށް ވެސް އެ ކުއްލި މައްސަލައިގައި ބުނެފައިވެ އެވެ.

މައުރޫފް ބުނެފައި ވަނީ ރިސޯޓުތަކުން ރާއްޖޭގެ ބޭންކަކަށް ޑޮލަރު މާރު ކުރުން މަޖުބޫރުކޮށް މާރު ކުރާ ޑޮލަރުގެ ތެރެއިން 90 ޕަސެންޓު މަރުކަޒީ ބޭންކު އެމްއެމްއޭއަށް ފޮނުވަން މަޖުބޫރު ކުރަނީ ސަރުކާރަށް ޑޮލަރު ހޯދުމުގެ ބޭނުމުގައި ކަމަށާ، މިގޮތަށް ސަރުކާރަށް ޑޮލަރު ނެގުމުގެ ސަބަބުން މުދާ އިމްޕޯޓް ކުރާ ފަރާތްތަކަށް ޑޮލަރު ލިބުން އިތުރަށް ދަތިވުމާއި ބޭންކުތަކުން އެ ފަރާތްތަކަށް ފޯރުކޮށްދެމުން އައި ޑޮލަރު ލިބުން ވެސް ހުއްޓުމަކަށް އައިސްފައިވާ ކަމަށެވެ.

އެހެންކަމުން މައުރޫފްގެ މައްސަލައިގައި އެދިވަޑައިގެންފައި ވަނީ އެ މައްސަލަތަކަށް ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރުމަށެވެ. ނަމަވެސް އެ މައްސަލަ މިވަނީ ޕީއެންސީގެ މެޖޯރިޓީ އޮތް މަޖިލީހުގެ ތަޅުމުން މިހާރު ބޭރުކޮށްލާފައެވެ.

ކޮމެންޓް