މިއަދުގެ ހެނދުނު 09:00ގައި ފެށި މަޖިލީހުގެ ޖަލްސާގައި ފުރަތަމަ ކުރިއަށް ގެންދިޔައީ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ހުށަހެޅުއްވި، ބޮޑު ކަންނެލި މަސްވެރިން ބާނާ މަސް ކިރޭނެ ގޮތެއް ނެތި، 120 ޓަނަށްވުރެ ގިނަ މަސް މިހާރު ވެސް ހަލާކުވާތީ އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމުގެ ކުއްލި މައްސަލައެކެވެ.
ހުށަހެޅުއްވުމާއެކު 40 މެމްބަރުންގެ ވޯޓުން މައްސަލަ ބަލައިގަނެ ބަހުސް ކުރިއަށް ގެންގޮސް ބަހުސަށް ކަނޑައެޅި އެއްގަޑިއިރުގެ ވަގުތު ހަމަވުމުން، މަޖިލީހުގައި ނުނިމި ހުރި މަސައްކަތްތަކަށް ގޮސް އޭގެތެރެއިން، ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ހުށަހަޅުއްވާފައިވާ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސް ކުރިއަށް ގެންދިޔައެވެ. އެ އިސްލާހަށް، ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހްމަދު އައިފާން ބަހުސް ކުރައްވަމުން ގެންދަނިކޮށް 10:30 ގައި މަޖިލީހުގެ ރައީސް އައިފާންގެ މައިކުން އަޑު ކަނޑައިލިއެވެ.
އެއަށްފަހު ހުސްވަގުތުކޮޅަށް ދާ ގަޑި ޖެހުނީ ކަމަށާ، އެ ބިލުގެ ބަހުސް އިތުރަށް ކުރިއަށް ގެންދިއުމަށްޓަކާ ބިލުގެ ބަހުސް ނިންމައި ނުލާވާހަކަ މެމްބަރުންގެ ސަމާލުކަމަށްޓަކައި ދަންނަވާކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.
"ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ ހަތެއް ޖުލައި 2025ވާ ހޯމަ ދުވަހުގެ 09:00ގައި. މަޖިލީސް ނިމުނީ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.
ދޮޅު ގަޑިއިރުތެރޭ މަޖިލިސް ނިންމާލި އިރު، ކޮމިޓީތަކުން ހުށަހަޅާ ކަންކަން ދިރާސާކުރުމާއި ވޯޓަށް އެހުން ވެސް މިއަދުގެ އެޖެންޑާގައި އޮތެވެ.
މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ހަފުތާއަކު ތިން ދުވަހު މަޖިލީހުގެ ޖަލްސާތައް ބާއްވަން ޖެހެއެވެ. އާންމުކޮށް ޖަލްސާތައް ބާއްވަނީ ހޯމަ، އަންގާރަ އަދި ބުދަ ދުވަހެވެ. ނަމަވެސް މަޖިލީހުގެ ޖަލްސާތައް ވަކި ސަބަބެއް ނާންގައި ކެންސަލްކޮށް، ބައެއް ޖަލްސާތައް ކުރުކުރާކަމުގެ ޝަކުވާ މީގެ ކުރިން ވެސް މެންބަރުންގެ ފަރާތުން އުފުލާފައިވާ ކަން ފާހަގަކޮށްލެވެއެވެ.