ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް - ފޮޓޯ: މަޖިލިސް
ފަނޑިޔާރުން އެބޭފުޅުންގެ ހުވަޔާހިލާފަށް ހުކުމް އިއްވަނީ ރިޝްވަތު ހިއްޕަވައިގެން
އުއްތަމަ ފަނޑިޔާރު ވެސް ބޭނުންޖެހުނު ވަގުތު ހަނު ހުންނަވައި ގައުމަށް ވަނީ ގައްދާރުވެފައި
ޖުނާން އަޙުމަދު 1 ޖުލައި 2025 (އަންގާރަ)   13:40
ފަނޑިޔާރުން، އެބޭފުޅުން ކުރައްވައިގެން ތިއްބެވި ހުވަޔާއި ހިލާފަށް ވަކި މީހަކު ބޭނުންވާހައި ގޮތަކަށް ހުކުމްތައް އިއްވަމުން ދަނީ ރިޝްވަތުގެ ހަރާމް ފައިސާ ހިއްޕަވައިގެން ކަމަށާ، އުއްތަމަ ފަނޑިޔާރަކީ ވެސް ގައުމު އެބޭފުޅާއަށް ބޭނުންޖެހުނު ވަގުތު ހަނު ހުންނަވައި ގައުމަށް ގައްދާރުވެފައިވާ ބޭފުޅެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު، މުޙައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.

އައްބާސް މިހެން ވިދާޅުވީ، މަޖިލީހަށް މިހާރު ހުށަހަޅައި ބަހުސް ކުރަމުންދާ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްގައި މިއަދު ވާހަކަދައްކަވަމުންނެވެ.

ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު ނުވަތަ ރިޓަޔާ ކުރައްވާފައި އެ ހުންނެވި އުއްތަމަ ފަނޑިޔާރަކީ ގައުމަށް ގައްދާރުވި ބޭފުޅެއްގެ ގޮތުގައި ސިފަކުރައްވާ އައްބާސް ވިދާޅުވީ، އެ ބޭފުޅާގެ ބޭނުން ގައުމަށް ޖެހުނު ހިނދު ދިވެހި ދައުލަތުން ރައްޔިތުންގެ ފައިސާއިން އިނާޔަތާއި ހިމާޔަތާއި ރައްކާތެރިކަން ހޯއްދަވައިގެން ހުންނަވައި ހަނު ހުންނެވުން އެއީ ގައުމަށް ގައްދާރުވުން ކަމަށެވެ.

އައްބާސް އެ އިޝާރާތްކުރެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއްގެ މައްސަލަ ބަލައި އެ ކޯޓުގެ ބާރު ކަނޑުވައިލިއިރު އުއްތަމަ ފަނޑިޔާރު ހަނު ހުންނެވި ހުންނެވުމުގެ މައްޗަށް ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.

ފަނޑިޔާރުންގެ ގާނޫނަށް މިހާރު ހުށަހަޅާފައިވާ އިސްލާހުތަކުގައި ވެސް ފަނޑިޔާރުންގެ މައްޗަށް ސިޔާސީ ނުފޫޒު ފޯރުވާ މައްސަލައަށް ހައްލެއް ހޯދައިދީފައި ނުވާ ކަމަށް ވިދާޅުވެ އައްބާސް ވިދާޅުވީ، ފަނޑިޔާރުންނަށް މިނިވަންކަމާއެކު މަސައްކަތްކޮށް އަދުލު އިންސާފު ގާއިމު ކުރެވޭނީ ޖުޑީޝަލް ސާވިސް ކޮމިޝަން މިނިވަން ކުރެވިގެން ކަމަށާއި އެ ކޮމިޝަނުގެ މިހާރުގެ ކޮމްޕޮޒިޝަން އޮތީ ވެސް ސަރުކާރަށް ކަމަށް އައްބާސް ވިދާޅުވި އެވެ.

"ބައްލަވާ ދާދި މިދާކަށްދުވަހު ސުޕްރީމް ކޯޓުގައި ހިނގަމުންދިޔަ މައްސަލައަށް މި އިއްޒަތްތެރި މަޖިލިސް ބޭނުން ކޮށްގެން ނުފޫޒު ފޯރުވީ ކޮން ފަރާތަކުންކަމެއް އަޅުގަނޑަކަށް ނޭނގޭ، ސުޕަމެޖޯރިޓީ އޮތް ފަރާތުން 10 މިނެޓު ތެރޭގައި ކުރަން ބޭނުންވި ހުރިހާ ކަމެއް ކޮށް ނިންމިތަން ފެނިގެން ދިޔައީ." އައްބާސް ވިދާޅުވިއެވެ.

އަދި ފަނޑިޔާރުން ކުރާ ހުވަޔާއި ހިލާފަށް ވަކި މީހަކު ބޭނުންވާހައި ގޮތަކަށް ހުކުމްތައް އިއްވަމުން ދަނީ ރިޝްވަތުގެ ހަރާމް ފައިސާގައި ހިފައިގެން ކަމަށާ، އެކަން ހުއްޓުވުމަށް ކިތަންމެ އިސްލާހެއް ގެނައި ނަމަވެސް ފަނޑިޔާރުންގެ ހިތުގައި ބިރުވެރިކަމެއް ނެތީވިއްޔާ އެކަން ނުހުއްޓޭނެ ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ.

ކޮމެންޓް