އޭ.އައިން އުފައްދާފައި ތަސްވީރެއް
ރާއްޖޭގައި ޑޮލަރު ރޭޓް އުފުލެމުން ދާއިރު...
އިގްތިސޯދު ހަމަމަގުން ކައްސާލައި، ރައްޔިތުންނަށް ކުރިމަތިވާ ގޮންޖެހުންތައް
އިބޫ އެމް 2 ޖުލައި 2025 (ބުދަ)   07:41
ރާއްޖޭގެ އިގްތިސޯދު ބިނާވެފައިވަނީ ޔޫއެސް ޑޮލަރަށް ބަރޯސާވެގެންނެވެ. މުޅި އިގްތިސޯދު ދުވަހުން ދުވަހަށް ދުއްވައިގަންނަ މައި މުޢާމަލާތަކީ ބޭރު ފައިސާއެވެ. މިހާލަތުގައި، ޑޮލަރުގެ ރޭޓް އުފުލުމަކީ ދިވެހިރާއްޖޭގެ އާންމު ރައްޔިތުންގެ ދިރިއުޅުމަށް ވަރަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރާ ކަމެކެވެ.

ޑޮލަރުގެ އަގު އުފުލެމުންދާއިރު އެންމެ ބޮޑަށް ފާހަގަވާ ކަމަކީ، ބޭރުން އިމްޕޯޓްކުރާ މުދަލުގެ އަގުތައް އުފުލުމެވެ. ރާއްޖެއަކީ ބޭނުންކުރާ ހުރިހާ މުދަލެއްހެން ބޭރުން ގެންނަން ޖެހޭ ޤައުމެއް ކަމުން، ޑޮލަރުގެ އަގު ބޮޑުވުމަކީ ކާބޯތަކެތީގެ އަގާއި، އާންމު ދިރިއުޅުމަށް ބޭނުންވާ އެހެނިހެން މުދަލުގެ އަގުތައް އުފުލި، އާދައިގެ ރައްޔިތުންނަށް ދިރިއުޅުން ބުރަވެގެންދާ ކަމެކެވެ. މީގެ އިތުރުން ބާޒާރުން މުދާ ހުސްވާ ހާލަތްތައްވެސް ކުރިމަތިވެއެވެ. ސަބަބަކީ ޑޮލަރު ހޯދަން ދަތިވުމުން ވިޔަފާރިވެރިންނަށް މުދާ އިމްޕޯޓް ކުރުން ދަތިވުމެވެ.

މުދަލުގެ އަގުތައް އުފުލުމާއެކު، ލިބޭ މުސާރައިގެ ހަމައަގު ވެއްޓިގެންދެއެވެ. ކުރިން މުސާރައަކުން ގަންނަން ލިބުނު މިންވަރު މިހާރު ނުލިބޭތީ، ރައްޔިތުންގެ ގަންނަ ބާރު ދަށަށް ދެއެވެ. އަދި ކުއްޔަށް ދިރިއުޅޭ މީހުންނަށް ކުލި ބޮޑުވުމާއި، ފެނާއި ކަރަންޓު ފަދަ އަސާސީ ޚިދްމަތްތަކުގެ އަގުތައްވެސް އުފުލެއެވެ. މިއީ ވަކިވަކި ކޮންމެ އާއިލާއެއްގެ ދިރިއުޅުމަށް ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތައް ކުރިމަތިކުރުވާ ކަންކަމެވެ.

މިފަދަ ޙާލަތެއްގައި، ރައްޔިތުންގެ ޢާންމު ޙާލަތަށް ނުބަލާ ދައުލަތުގެ އިޤްތިޞާދީ ލަނޑުދަނޑިތައް ކަނޑައަޅާ، އެ ލަނޑުދަނޑިތައް ޙާޞިލްކުރެވިދާނެބާ؟ މި ސުވާލަކީ ވެރިންގެ ފިކުރަށް ގެނެވުން މުހިންމު ސުވާލެކެވެ. ރައްޔިތުންގެ ބައިވެރިވުމާއި، ރައްޔިތުންނަށް އެކަމުގެ އަސަރު ފޯރާނެ މިންވަރު ބަލައި ނުލައި އިޤްތިޞާދީ ސިޔާސަތުތައް އެކުލަވައިލުމަކީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހޭނެ ކަމެކެވެ.

ސަރުކާރުގެ ފިސްކަލް ސިޔާސަތު ބޮއްސުންލާ، ބޭންކިން ނިޒާމާއި މަރުކަޒީ ބޭންކުގެ މިނިވަންކަން ނަގާލާ، ވިޔަފާރީގެ އަސާސްތަކާ ސަރުކާރުން ތޮޅެން ފެށީމާ އިޤްތިޞާދު ހަލާކުގެ އަނދަވަޅަކަށް ވެއްޓޭނެކަން ދަންނަންވާނެއެވެ. ޚާއްސަކޮށް ބޭރު ފައިސާގެ ސިޔާސަތު ހޭރިޔާ ނުކޮށްފިނަމަ، ޤައުމަށް އެ ވަދެވެނީ އިގްތިސޯދީ ތޫފާނެއްގެ ތެރެއަށެވެ.

މިފަދަ ނުރައްކާތެރި ހާލަތަކުން އަރައިގަތުމަށް ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހެއެވެ. ނަމަވެސް މިހާތަނަށް ފާހަގަކުރެވޭ ގޮތުގައި، ޤައުމުގެ އިޤްތިޞާދު ހަމަޔަކަށް އެޅުވުމަށް އެޅިފައިނުވާ ބައެއް މުހިންމު ފިޔަވަޅުތައް ހުރިކަން އެނގިގެންދެއެވެ. އޭގެ ތެރޭގައި:

ސަރުކާރު ކުޑަކުރުން: ސަރުކާރުގެ ހަރަދުތައް ކުޑަކޮށް، ދައުލަތުގެ މާލީ ބުރަ ކުޑަކުރުމަކީ މުހިންމު ކަމެކެވެ.
ދަރަނިތައް ރީސްޓްރަކްޗަރކުރުން: ދައުލަތުގެ ބޮޑެތި ދަރަނިތައް ހަމަޖައްސައި، ދަރަނިތައް އަދާކުރާނެ ރަނގަޅު އުސޫލުތަކެއް ކަނޑައެޅުން.
މާލީ ބާޒާރުގައި ވާދަވެރިކަން އިތުރުކުރުން: މާލީ ޚިދްމަތްތައް ފަސޭހަކޮށް، ވިޔަފާރިތަކަށް ފުރުސަތުތައް ފަހިކޮށްދިނުން.
ޓެކްސް ބޭސް ފުޅާކުރުން: ޓެކްސް ނަގާ ދާއިރާތައް ފުޅާކޮށް، ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުން.
އެފް.ޑީ.އައި އިތުރަށް އިންސެންޓިވައިޒްކުރުން: ބޭރުގެ އިންވެސްޓްމަންޓް ރާއްޖެއަށް ގެނައުމަށް ހިތްވަރުދީ، ފަސޭހަކޮށްދިނުން.
ސަބްސިޑީ ރޭޝެނަލައިޒް ކުރުން: ސަބްސިޑީ ދެވޭ ދާއިރާތައް ރަނގަޅަށް ދިރާސާކޮށް، އެންމެ އެދެވޭ ގޮތަކަށް ސަބްސިޑީ ދިނުމުގެ ނިޒާމު ހަރުދަނާކުރުން.
ކުދި ވިޔަފާރީގެ އިޤްތިޞާދީ ވާދަވެރިކަން އިތުރުކުރުން: ކުދި ވިޔަފާރިތަކަށް ފުރުސަތުތައް ފަހިކޮށްދީ، އިޤްތިޞާދަށް އެފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުން.

އޮޔާދާ އިޤްތިޞާދަކަށް ސަނާ ކިޔާނީ ބުއްދިފިލާ ގޮސްފަތިބި ބައެކެވެ. ޤައުމުގެ އިޤްތިޞާދީ ހާލަތު ދަށަށް ދާއިރުވެސް، އެކަން ބަލައިނުގަނެ ގޯސް ސިޔާސަތުތަކަށް ތާއީދުކުރުމަކީ ޤައުމަށް ގެއްލުންހުރި ކަމެކެވެ. ވެރިން ގޯސް ހަދަންޏާ އިޚްލާޞްތެރިންގެ ވާޖިބަކީ، ހަދާ ގޯސްތައް ކިޔައިދީ، އެކަންކަން ހޭރިޔާކުރާނެ މަގު ދައްކައިދިނުމެވެ. އެ މަގު ޚިޔާރު ނުކުރާ ވެރިންގެ ކިބައިން ސަލާމަތްވެ، ފެތޭ އޮޑީގެ ރިޔާދަށުނުވާން ރައްޔިތުން ވިސްނަންވާނެއެވެ.

ޤައުމު ބަނގުރޫޓުވިޔަ ނުދިނުމަށްޓަކައި، ރައްޔިތުންގެ ހޭލުންތެރިކަން މުހިންމެވެ. މި ދަނޑިވަޅަކީ ހަމައެކަނި ވެރިންނަށް އިޞްލާޙަށް ގޮވާލާ ވަގުތެއް ނޫނެވެ. ކޮންމެ ރައްޔިތަކުވެސް ޤައުމީ އިޤްތިޞާދު ދަށަށް ދަނީ ކީއްވެގެންކަން ދަނެގަނެ، އެކަމުގެ އަސަރު އޭނާގެ ދިރިއުޅުމަށް ކުރާނެ ގޮތްތައް ދެނެގަތުމަކީ މުހިންމު ކަމެކެވެ. އިޤްތިޞާދީ ހާލަތާ ގުޅޭ މަޢުލޫމާތުތަކަށް ރައްޔިތުން ބަލާ، ދައުލަތުގެ ބަޖެޓާއި، ސަރުކާރުގެ ހަރަދުތަކާއި، ބޭރު ދަރަނީގެ ކަންކަން ދަސްކުރުމަކީ ހޭލުންތެރި ކަމުގެ ފެށުމެވެ. ސަރުކާރުން އިޤްތިޞާދު ބެލެހެއްޓުމުގައި ހަދާ ގޯސްތައް ރަނގަޅަށް ދެނެގަނެ، އެކަމާބެހޭގޮތުން ޢާންމު މަޝްވަރާތަކުގައި ބައިވެރިވުމުގެ ހިތްވަރު ރައްޔިތުންގެ ކިބައިގައި ހުންނަންޖެހެއެވެ.

އަދި ހަމަ އެހެންމެ، ވަޢުދުތަކަށް ޖެހި، ރިޢާޔަތްކުރުމެއްނެތި ނިންމާ ނިންމުންތަކުގެ ނަތީޖާ އަންނަނީ ޤައުމަށް ކަމާއި، އެ ނަތީޖާއާ ކުރިމަތިލާން ޖެހެނީ ރައްޔިތުންކަން ހަނދާންކުރަންވާނެއެވެ. އިޤްތިޞާދީ ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި، ކޮންމެ ރައްޔިތަކުވެސް ތެދު މަޢުލޫމާތަށް ބުރަވެ، އެކަށީގެންވާ ސިޔާސަތުތަކަށް ތާއީދުކުރުމަކީ ޒިންމާއެކެވެ. 

ޤައުމެއްގެ އިޤްތިޞާދީ ހަމަޖެހުން ބިނާވެފައިވަނީ، ވެރިންނާއި ރައްޔިތުންގެ ގުޅިފައިވާ މަސައްކަތުގެ މައްޗަށެވެ. ފެތޭ އޮޑިއެއް ސަލާމަތް ކުރެވޭނީ އޭގައި ތިބި އެންމެން ގުޅިގެން މަސައްކަތް ކޮށްގެންނެވެ. އެހެންކަމުން، ދިވެހިރާއްޖޭގެ މި އިޤްތިޞާދީ މިސްރާބު ރަނގަޅު މަގަކަށް އަނބުރާލުމަށްޓަކައި، ރައްޔިތުންގެ ހޭލުންތެރިކަމާއި، ވެރިންގެ އިޚްލާޞްތެރިކަން އަމަލީ ގޮތުން ދެއްކުމަކީ ކޮންމެހެންވެސް ބޭނުންތެރި ކަންކަމެވެ.

ކޮމެންޓް