އެ އުސޫލުތައް ރަނގަޅު ކަމަށް ދެކޭ ބައެއް މީހުން އެންމެ ބޮޑަށް ފާހަގަކުރާ ކަމަކީ ކާޑުގެ ބޭނުން ނާޖާއިޒު ގޮތުގައި ބޭނުންކުރުމެވެ. އެކި މީހުންގެ ކާޑުތައް ހިފައިގެން ރާއްޖޭން ބޭރަށް ދަތުރުކޮށް، ކޮންމެ ކާޑަކަށް ޑޮލަރު ނަގައިގެން، ރާއްޖެ އައިސް ބްލެކް މާކެޓްގައި އެ ޑޮލަރު ވިއްކަނީ އެވެ. މިއީ ބައެއް މީހުން މިފަހުން ކުރަމުންދިޔަ "ވިޔަފާރިއެއް" ކަން ވަނީ ހާމަވެފައެވެ.
ބީއެމްއެލް އިން އިއްޔެ މީޑިއާއަށް ހާމަކުރި މައުލޫމާތުގައި ބުނެފައިވަނީ ރާއްޖޭގެ ކަޅު ބާޒާރުގައި ވިއްކަން، ބޭރު ގައުމުތަކަށް އެންމެ މީހަކު ގޮސް، 30 ކާޑުން ވެސް ފައިސާ ނަގައިފައި ހުރިކަން ފާހަގަވެފައިވާ ކަމަށެވެ.
މިގޮތަށް ގިނަ ބައެއްގެ ކާޑުތައް ހިފައިގެން ރާއްޖެއިން ބޭރަށް ގޮސް ދެތިން ދުވަހުގެ ތެރޭގައި ގިނަ އަދަދެއްގެ ޑޮލަރާއެކު ރާއްޖެ އައިސް ފައިވާ ފަރާތްތަކެއްގެ މައުލޫމާތު މޯލްޑިވްސް ކަސްޓަމްސް އިން ހޯދާފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. އަދި އެފަދަ ބައެއް މައުލޫމާތު ވަނީ ފިޔެސް ވެސް ލިބިފައެވެ.
ފިޔެސް އަށް ލިބިފައިހުރި ލިޔެކިޔުންތަކުން 3 މީހެއް ފާހަގަ ކުރެވެއެވެ. އެ ތިން މީހުންވެސް ދަތުރު ކޮށްފައިވަނީ މަހުގެ މެދުތެރޭގައެވެ. ބީއެމްއެލް އިން ކާޑު ލިމިޓް ރިނިއު ކުރަނީ ކޮންމެ މަހެއްގެވެސް 17 ގައި ކަމަށްވެފައި، އެމީހުންގެ ދަތުރުގައި 17 ވަނަ ދުވަސް އެއީ އެގައުމެއްގައި ހުންނަ ދުވަހެކެވެ. އެހެންކަމުން އޭނާ ގެންދާ ކޮންމެ ރުފިޔާ ކާޑު ބޭނުންކޮށްގެން އެ ގައުމެއްގެ އޭޓީއެމް މެދުވެރިކޮށް ދެ ބުރަށް ޑޮލަރު ނުވަތަ އެ ގައުމެއްގެ ފައިސާ ނެގޭނެއެވެ. އޭރު ކާޑު ލިމިޓް ކަނޑައަޅާފައި އޮތީ 250 ޑޮލަރު ގައެވެ. މަހުގެ 17 ގެ ކުރިން 250 ޑޮލަރު ނަގާފައި 17 ގެ ފަހުން 250 ޑޮލަރު ނެގޭނެއެވެ. އެހެންވީމާ ކޮންމެ ކާޑަކަށް ޖުމްލަ 500 ޑޮލަރު ނުވަތަ އެ ގައުމެއްގެ ފައިސާ ނެގޭނެއެވެ. އަދި އެ ފައިސާ ރާއްޖެ ގެނެސް ބްލެކް މާކެޓްގައި ވިއްކާލައިގެން ފައިދާގެ ގޮތުގައި ބޮޑު އަދަދެއް ހޯދޭނެއެވެ.
އެ 3 މީހުންގެ މުއާމަލާތްތަކަށް ބެލުމުންވެސް ފެންނަނީ އެ ހަގީގަތެވެ.
ފުރަތަމަ މީހާ: (ދިވެހި ފުލުހުންގެ ޚިދުމަތުގައި މަސައްކަތް ކުރާ މީހެއް)
މީނާ މެލޭޝިއާ އަށް ދިޔުމަށްޓަކައި ރާއްޖެއިން ފުރީ 14 މެއި 2025 ގައެވެ. ރާއްޖެ އައީ 18 މެއި 2025 ގައެވެ. އޭނާ އެނބުރި ރާއްޖެ އައިއިރު، އޭނާގެ އަތުގައި އެކި މީހުންގެ ނަމުގައި ހުރި 5 ކްރެޑިޓް ކާޑާއި 11 ޑެބިޓް ކާޑު، ޖުމްލަ 16 ކާޑު އޮތެވެ. އަދި 7700 ޔޫއެސް ޑޮލަރު އޮތެވެ.
ދެވަނަ މީހާ: (މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގައި މަސައްކަތް ކުރާ މީހެއް)
މީނާ ދުބާއީ އަށް ދިޔުމަށްޓަކައި ރާއްޖެއިން ފުރީ 14 މެއި 2025 ގައެވެ. ރާއްޖެ އައީ 19 މެއި 2025 ގައެވެ. އޭނާ އެނބުރި ރާއްޖެ އައިއިރު، އޭނާގެ އަތުގައި އެކި މީހުންގެ ނަމުގައި ހުރި 8 ކްރެޑިޓް ކާޑާއި 18 ޑެބިޓް ކާޑު، ޖުމްލަ 26 ކާޑު އޮތެވެ. އަދި 10100 ޔޫއެސް ޑޮލަރު އޮތެވެ.
ތިންވަނަ މީހާ: (ދިވެހި ފުލުހުންގެ ޚިދުމަތުގައި މަސައްކަތް ކުރާ މީހެއް)
މީނާ މެލޭޝިއާ އަށް ދިޔުމަށްޓަކައި ރާއްޖެއިން ފުރީ 15 ޖޫން 2025 ގައެވެ. ރާއްޖެ އައީ 20 ޖޫން 2025 ގައެވެ. އޭނާ އެނބުރި ރާއްޖެ އައިއިރު، އޭނާގެ އަތުގައި އެކި މީހުންގެ ނަމުގައި ހުރި 5 ކްރެޑިޓް ކާޑާއި 10 ޑެބިޓް ކާޑު، ޖުމްލަ 15 ކާޑު އޮތެވެ. އަދި 3100 ޔޫއެސް ޑޮލަރު އޮތެވެ.
ރަސްމީކޮށް ޑޮލަރުގެ އަގު 15.42 ރުފިޔާގައި ހިފަހައްޓާފައި ހުރިއިރު ބީއެމްއެލް ކާޑަށް އެރޭޓުން ޑޮލަރު ލިބެއެވެ. ބޭރު ގައުމުތަކުގެ އޭޓީއެމް އިން ފައިސާ ނެގުމުގެ ޗާޖަކަށް އޭރު ކަނޑައަޅާފައި އޮތީ 5 ޑޮލަރެވެ. ރާއްޖެއަށް ޑޮލަރު އެތެރެކޮށް ބްލެކް މާކެޓްގައި ވިއްކުމުން ކޮންމެ ޑޮލަރަކުން 3.5 އާއި 5 ރުފިޔާއާ ދެމެދުގެ އަދަދަކުން ފައިދާ ލިބޭނެއެވެ. އެ ދުވަސްވަރު އަދި މިހާރުވެސް ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުޅެނީ 19 ރުފިޔާއިން މަތީގައެވެ.
މި މުއާމަލާތްތަކުން އެނގެނީ މިއީ ބައެއް މީހުން ކުރާ ވިޔަފާރިއެއް ކަމެވެ. މި ވިޔަފާރި ކުރާ އިތުރު އެތައް ބަޔަކު އުޅޭނެ ކަމަށް ލަފާކުރެވެއެވެ. މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ބީއެމްއެލް އިން ގެނައި ބަދަލުން މި "ވިޔަފާރި" ވަރަށް ބޮޑަށް ހީނާރު ވާނެއެވެ. ރާއްޖޭން ބޭރުން ޑޮލަރު ނެގޭނެ އަދަދު ވަނީ 125 އަށް ކުޑަކޮށްފައެވެ. އަދި ބޭންކް ޗާޖެއްގެ ގޮތުގައި 10 ޑޮލަރު ނެގުމަށް ވަނީ ހަމަޖައްސާފައެވެ. އެހެންނަމަވެސް ރާއްޖޭން ބޭރުގައި ދިރިއުޅޭ މީހުންނަށާއި ކިޔަވާ ދަރިވަރުންނަށް ވަނީ އިސްތިސްނާ ފުރުސަތުތަކެއް ފަހިކޮށްދީފައެވެ.