އާންމު ރައްޔިތުން އެމީހުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ސޯޝަލް މީޑިއާގައި ފުލުފުލުން ހާމަކުރިއިރު، ބައެއް ގާނޫނީ ވަކީލުން ވަނީ އެ ބޭފުޅުންގެ "ރައުޔު" ވެސް ސޯޝަލް މީޑިއާގައި އާންމުކުރައްވާފައެވެ.
ގާނޫނީ ވަކީލު އަދި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް ސޯޝަލް މީޑިއާގައި ވިދާޅުވެފައި ވަނީ، ބޭންކް އޮފް މޯލްޑިވްސް ފިޔަވައި ދުނިޔޭގެ އެއްވެސް ބޭންކަކުން އީކޮމާސް ވެބްސައިޓްތަކަށް ވަކި ހާއްސަ ރޭޓެއް ޗާޖް ނުކުރާ ކަމަށާ، ގާނޫނީ ގޮތުން އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
"ބޭންކް އޮފް މޯލްޑިވްސް ފިޔަވައި ދުނިޔޭގެ އެއްވެސް ބޭންކަކުން އީކޮމާސް ވެބްސައިޓްތަކަށް ވަކި ހާއްސަ ރޭޓެއް ޗާރޖެއް ނުކުރޭ. އަދި މިއީ ޤާނޫނީ ގޮތުން ކުރެވިދާނެ ކަމެއްކަމަށްވެސް ނުފެނޭ. " ސިރާޖް ލިޔުއްވާފައި ވެއެވެ. "މިއީ މުދަލުން ޑިއުޓީ ނެގުން. މުދަލުން ޑިއުޓީ ނެގޭނީ ރައްޔިތުންގެ މަޖިލީހުން ގާނޫނު ފާސް ކޮށްގެން. ގާނޫނު ފާސް ކުރުމެއްނެތި ވަކިވަކި އިދާރާތަކުން މިގޮތަށް ފީގެ ނަމުގައި ޓެކްސް/މުދަލުން ޑިއުޓީ ނަގަންފެށުމަކީ ހުޅުވޭނެ ނުރައްކާތެރި ދޮރެއް. "
ސިރާޖް އިތުރަށް ފާހަގަ ކުރައްވާފައިވާ ގޮތުގައި ޑިއުޓީ ދައްކަން ނުޖެހޭގޮތަށް އީކޮމާސްއިން މުދާ ގެނެސް ވިއްކަން ފެށުމުން ޑިއުޓީ ދައްކައިގެން މުދާ ގެންނަ ވިޔަފާރިވެރިންނަށް މިކަމުގައި ނޭދެވޭ އަސަރު ކުރާނެ އެވެ. އަދި ޑިއުޓީ ނުކުރުމުން ދައުލަތުގެ އާމްދަނީއަށްވެސް އަސަރު ކުރާނެ އެވެ. އެހެންނަމަވެސް އެކަމުގެ ހައްލަކީ ބޭންކް އޮފް މޯލްޑިވްސް އިން %30 ފީއެއް ނެގުން ނޫންކަން ސިރާޖް ފާހަގަ ކުރެއްވިއެވެ.
"ހައްލަކީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް އަމަލު ކުރާގޮތަށް ޤާނޫނަށް ބަދަލު ގެނައުން. ބޭންކް ތަކުން މިކަމުގައި އަމަލު ކުރާގޮތަކީ ކާޑުގެ މުއާމަލާތްކުރެވޭ ލިމިޓް ކަނޑައެޅުން. މުދަލުން ޑިއުޓީ ނެގުމެއްނޫން." ސިރާޖް ވިދާޅުވެފައި ވެއެވެ.
ގާނޫނީ ވަކީލް އަދި 18 އާއި 19 ވަނަ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެފައިވާ ގޮތުގައި ބީއެމްއެލް އިން ފީއެއް ނަގަންފެށީ ބާޒާރުގައި ޑޮލަރުގެ އަގު 20 ރުފިޔާއަށް އެރުމުން ހަދާނެ ގޮތް ހުސްވެގެން ސަރުކާރުން އެޅި ފިޔަވަޅެކެވެ.
"ރައްޔިތުންގެ ގައިގަ އޮބިއަޅައިގެން ނެތް ދިޔަ ފެލާއިރު ސަރުކާރުގެ ވެރިން މިހާރުވެސް އެ އުޅުއްވަނީ ބޭރުދަތުރުތައް ކުރުމުގައި އަވަދިނެތި." އަލީ ހުސައިން ވިދާޅުވިއެވެ.
އަލީ ހުސައިންވެސް ފާހަގަ ކުރައްވާފައި ވަނީ ގާނޫނެއް ނެތި އެއްވެސް ޓެކްސް އެއް ނުވަތަ ފީއެއް ވެސް ނުނެގޭނެ ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނެއް ނެތި އެއްވެސް ޓެކްސެއް ނުވަތަ ފީއެއް ރައްޔިތުންގެ އަތުން ނުނެގޭނެ. މިއީ ކޮން ގާނޫނަކުން ބާރުލިބިގެން ނަގާ "ފީ" އެއް؟ ޓެކްސް އެކޭ ނުކިޔަންވެގެން ފީ އޭ ތިޔަކިޔަނީ ދޯ؟" އޭނާ ސުވާލު އުފައްދަވާފައި ވެއެވެ.
ބީއެމްއެލްގެ މި ނިންމުމާމެދު އެކި މީހުން ކަންބޮޑުވުން ފާޅުކޮށް، ސުވާލު އުފެއްދި ނަމަވެސް އެކަމާ ގުޅޭގޮތުން ބޭންކުން ސީދާ ޖަވާބެއް ދީފައެއް ނުވެއެވެ. އެހެންނަމަވެސް އިއްޔެ ބީއެމްއެލް އިން އިއްޔެ އާންމުކުރި މައުލޫމާތުގައި ބުނީ، ކަސްޓަމަރުން ބޭރުން ކުރާ ވިޔަފާރިތަކަށް ކޮންމެ މަހަކު އެ ބޭންކުން 45 މިލިއަން ޑޮލަރު ހަރަދު ކުރާ ކަމަށެވެ. އަދި އޭގެތެރެއިން 75 ޕަސެންޓު ހަރަދު ވަނީ ކަސްޓަމަރުން ކުރާ އީ-ކޮމާސް ވިޔަފާރިތަކަށް ކަމަށެވެ.