ދިވެހިން އެންމެ ގިނައިން މުދާ ގަންނަ ބޭރުގެ ވެބްސައިޓްތަކުން %30 ގެ ފީއެއް ބީއެމްއެލް އިން ނަގާ.--
ޓެމޫތަ؟ ގައުމުތަ؟ ބުރަ އުފުލަންވީމަ ރައްޔިތުންނެވެ.
ލޫކަސް ޖަލީލް 3 ޖުލައި 2025 (ބުރާސްފަތި)   09:30
ވިޔަފާރީގެ ޒަމާން ބަދަލުވެއްޖެއެވެ. އަހުމަދީ ބާޒާރު، މަޖީދީ ބާޒާރުގައި ފިޔަފާޅި ޖަހައިގެން ނޫން ގޮތަކަށް ވިޔަފާރި ކުރެވުނު ޒަމާން މާޒީވެއްޖެއެވެ. ހިކި މަސްކޮޅާއި ރޯނުފޯލި ކާޑުގެއަށް ދީގެން، ރައްޔިތު ބައްތެލިން މާލެ ފޮނުވައިގެން މުދާ ބާޓާ ކުރުން ނޫން ގޮތެއް ނެތް ދުވަސްވަރު އޮބައި ގޮސް، ޕޯސްޓުން ރަށު ގެއަށް މުދާ ގެނެވެން ފަށައިފިއެވެ. އީ-ކޮމާރސްގެ ދުނިޔެއަށް އަލި ވިލިއްޖެއެވެ. މި ޑިޖިޓަލް ދުނިޔޭގައި ކޮންމެ މީހަކީވެސް ވިޔަފާރިވެރިއެކެވެ. އަތުކުރީގައި އެ އޮތީ ފިހާރައެވެ.

ދިވެހީންގެ ބޭންކު ކީ ނަމަވެސް ދިވެހީންނަށް ވިޔަފާރީގެ ފަސޭހަކަމެއް ނުގެނެސްދޭ ބޭންކް އޮފް މޯލްޑިވްސް އިން ނިންމި ނިންމުމެކެވެ. އޮންލައިންކޮށް ދިވެހިން އެންމެ ގިނައިން މުދާ ގަންނަ ބޭރުގެ ވެބްސައިޓްތަކުން %30 އިތުރަށް ފީއެއްގެ ގޮތުގައި ނަގަން ފެށީއެވެ. އެއްބަހެވެ. މީހެއްގެ އެކައުންޓްގައި ހުންނަ ދިވެހި ފައިސާއަށް ޑޮލަރު ދޭނެ ވަރު ބޭންކުގައި ނުހުރެދާނެއެވެ. ބޭންކުގައި ނެތް ޑޮލަރެއް ނުދެވޭނެއެވެ. ރާއްޖެ ދައްޗެވެ. މައްސަލައަކީ ސަރުކާރުން އުފައްދަމުން އައި ނެރޭޓިވްއެވެ. ރާއްޖޭގައި ޑޮލަރު ނުހިފެއްޓުމާއި ޑޮލަރުގެ ދަތިކަމުގެ ޒިންމާ ގޭގައި އިނދެ ޓެމޫން ދަރިފުޅަށް ބޫޓެއް އޯޑަރުކުރި މައިމީހާ އުފުލަން ޖެހުމެވެ. އެންމެ އާދައިގެ މީހާ އާ މުޅި ޒިންމާ މަތިކުރި އިރު ސަރުކާރުގެ އިސްރާފު އެންމެ ތަންކޮޅެއްވެސް ކުޑަ ނުކުރުމެވެ.

އެތައް ބަޔަކު އެއް ޑޮލަރުން ފަސް ޑޮލަރުން ދިހަ ޑޮލަރުން ޓެމޫން ގަންނަ ތަކެއްޗަށް ރާއްޖޭން ޑޮލަރުތަކެއް ބޭރުވާނެއެވެ. ޕޭޖުތަކުން ވިއްކަން ގެންނަ މުދަލަށް ވެސް ޑޮލަރު ބޭރުވާނެއެވެ. ނަމަވެސް ގައުމަށް އަންނަ ކޮންމެ ދަތިކަމެއްގެ އެންމެ ބޮޑު ޒިންމާ އާއި ބުރަ އެންމެ އާދައިގެ ރައްޔިތުން އަބަދު އުފުލަން ޖެހެނީ ކީއްވެ ހެއްޔެވެ؟ ދިމާވެގެން އުޅޭ ދައްޗަކީ ބޭރުގެ ދަރަނި ބިލިޔަނުން ދައްކަން ޖެހިފައި އޮތުމެވެ. ބޮއްޔާއި ރޯނާއި ހިކިމަހުން އެ ލޯނު ދެއްކެން ނެތުމެވެ. ދިވެހި ފައިސާއިން އެކަން ވާން ނެތުމެވެ. ގައުމަށް ލިބޭހާ ޑޮލަރެއް ދައުލަތުގެ ލޯނަށް ދައްކަން ޖެހިފައި އޮތުމެވެ. މާމަ ފައްޓަރުބައި ވިއްކާލައިގެން ވިޔަސް ދައުލަތުން ދައްކަން ޖެހޭ ލޯނުގެ ބުރަ އެންމެ އާދައިގެ ރައްޔިތުން އުފުލަން ޖެހުމެވެ. ރިސޯޓް ކުލިންނާއި ބޮޑެތި ވިޔަފާރިތަކުން ދައުލަތަށް ނުލިބި ހުރި ފައިސާ ހޯދަން އެއްވެސް މަސައްކަތެއް ނުކުރެވުމެވެ. ސަރުކާރުގެ އިސްރާފަށް ހުއްޓުމެއް ނައުމެވެ. އެމްބަސީތައް އުފެއްދުމާއި ސިޔާސީ މަގާމުތައް ދައުލަތަށް ނުކަތާ ވަރަށް އިތުރުވުމެވެ.

މިލިޓަރީ ހޭދަ އިންތިހާއަށް ބޮޑުވުމެވެ. ހަމަ މި ތަދުގަނޑު ތެރޭގައި ހަތަރު ޓޭންކަރު ގަނެފިއެވެ. އެއީ ގައުމުން ބޭރުވި ޑޮލަރެވެ. ބޭކާރު ގޮތުގައެވެ. ނަމަވެސް ސަރުކާރަށް ފެނުނީ އައިޝާ އޭނާގެ ދަރިފުޅަށް ޓެމޫން އޯޑަރަށް ޖެހި ބޫޓަށް އެރި 7 ޑޮލަރެވެ. ސަރުކާރުން އެންމެ ޓޭންކަރަކަށް 7 ލައްކަ އެމެރިކާ ޑޮލަރު ހޭދަކުރިއެވެ. %99 މޫދު އޮތް ގައުމެއްގައި ކޮންތާކު ދުއްވަންތޯއެވެ؟ އަޅުގަނޑުމެން މި އުޅެނީ ކޮން ބަޔަކާ ހަނގުރާމަ ކުރަންތޯއެވެ؟ މި އިސްރާފު އިސްރާފަށް ނުވެއެވެ. ގައުމުން ބޭރުވާ ޑޮލަރަށް ނުވެއެވެ. ޕެރޭޑް ޖަހާއިރު ޓޭންކަރު ފެނުނީމަ ކުޑަކުދިން އުފާވާނެއެވެ. ދަރަނި ނުދެއްކި ކިރުދަޅު ނުގަނެވުނީމާ ވާ ދަތި މާ ބޮޑުވާނެއެވެ.

ޒިންމާ ނަގަން ޖެހުނީ ޓެމޫން ތަކެތި އޯޑަރު ކުރި އައިސަޔާއި ފަހީމާ އާއި ފާތުމައެވެ. ސަރުކާރުގެ ޒިންމާއެއް ނެތެވެ. ބޭރު ކުރި ޑޮލަރެއް ނެތެވެ. ކުރި އިސްރާފެއް ނެތެވެ. ހަރަދުތައް ކުޑަކުރުމުގެ ވިސްނުމެއްވެސް ނެތެވެ. ރައްޔިތުން ކާންވީ ގަރުދިޔަޔާ ބަތެވެ. ލާންވީ ސަރުކާރުން ބުނާ ހެދުމެވެ. އަރަންވީ ބާޓާ ފައިވާނަށެވެ.

މަޖީދީމަގު އެއްކޮޅުން އަނެއް ކޮޅަށް ފިހާރަތަކަށް ހިނގާއިރު ކޮންމެ ފިހާރައެއްގައި މަދުވެގެން ދެ ބިދޭސީން ތިބޭތަން ފެންނާނެއެވެ. މަސްދޯންޏަކަށް އަރައިފިނަމަ ފަޅުވެރިންނަކީ ބިދޭސީންނެވެ. އެ މީހުންގެ މުސާރައަކީ ގައުމުން ބޭރުވާ ޑޮލަރެވެ. ބޭރަށް ގޮސް ކިލޯ ކިރައިގެން އަގުހެޔޮކޮށް ފިހާރައަށް ގެންނަ އަންނައުނަކީ ބޭރުވާ ޑޮލަރެވެ. އެއްވެސް ފިހާރައަކުން ބޮޑު ފައިދާގައި ނޫނީ މުދާ ނުވިއްކައެވެ. ރާއްޖެއަށް އެތެރެވާ ކޮންމެ މުދަލަކީ ބޭރުވާ ޑޮލަރެވެ. ޑޮލަރު ބޭރުވަނީ ދަރިފުޅަށް އަގުހެޔޮކޮށް ޓެމޫން ގަންނަ ހެދުމަށް އެކަންޏެއް ނޫނެވެ.

އިމްޕޯޓް ދަށްކޮށް އެކްސް ޕޯޓް އިތުރުކުރަން ސަރުކާރުން ކުރީ ކީއްހެއްޔެވެ؟ ދިވެހި ރާއްޖޭގައި ހައްދާ، އުފައްދާ ތަކެތި ގަތުމަށް ބާރު އެޅުމަށް ކުރީ ކީއްހެއްޔެވެ؟ ރޯނުވެސް ކުރަނީ އިމްޕޯޓެވެ. ފަންގިވެސް ކުރަނީ އިމްޕޯޓެވެ. ދުނިޔޭގެ އެންމެ ބޮޑު އެއް ލަގްޒަރީ މާކެޓަށް ބޭނުންވާ ސީފުޑްވެސް ކުރަނީ އިމްޕޯޓެވެ. ތަރުކާރީއާ މޭވާވެސް އިމްޕޯޓެވެ. ރިސޯޓްތަކުގެ ޓޮޕް މެނޭޖްމަންޓްގެ މުސާރަ އެކަށް ބޭރު މީހުންނަށެވެ. ޓެމޫ އިން މަހަކު ބޭރުވާ 7 މިލިއަން ޑޮލަރަަށް ވުރެ ބޮޑު އެއްޗެއް ބޭރުވާނެއެވެ

ނަމަވެސް، ސިޔާސަތެއް ތަންފީޒުކުރެވުނީ އާންމުންގެ އޮންލައިން ވިޔަފާރިއަށެވެ. ފަހިކޮށްދޭންވީ ފުރުސަތެވެ. ތަނަވަސް ފުރުސަތެވެ. ކޮންމެ ރައްޔިތަކުވެސް އަތްމަތިދަތިނުވެ އުޅެވޭނެ ގޮތެވެ. ރާއްޖޭގައި ހައްދާ، އުފައްދާ ތަކެތީގެ އިމްޕޯރޓް ދަށްކުރެވޭނެ ގޮތެވެ. ކުދި ވިޔަފާރިތައް ކުރި އަރާނެ ގޮތެވެ. އޮންލައިންކޮށް ގަނޑުކޮށް ގެންނަ މުދަލަށް ޓެކްސް ދެއްކޭނެ އިންތިޒާމެވެ. ޑިޖިޓަލް ވިޔަފާރިގެ ބަންދުކުރުމެއް ނޫނެވެ. ހުޅުވައިދިނުމެވެ.

ވިޔަފާރިއަކީ ހަމަ އެކަނި މާލޭ ބިންވެރިޔަކަށް ކުލި ދައްކައިގެން ފިހާރައެއް ހުޅުވައިގެން ކުރާ ކަމެއް ނޫނެވެ. އޮންލައިން ސައިޓްތަކުން ގަނޑުކޮށް މުދާ ގެންނަ މީހުން ސަރުކާރަށް އެނގޭނެއެވެ. ފިހާރައަކަށް ވިޔަސް އޮންލައިން ޕޭޖަކަށް ވިޔަސް، އޮންލައިން ޕޭޖުންވެސް ކުރަނީ ވިޔަފާރިއެވެ. މާލޭ ބޮޑު މަގެއްގެ ފިހާރައިންވެސް ކުރަނީ ވިޔަފާރިއެވެ. ޕޭޖަކީ ޑިޖިޓަލް ފިހާރައެވެ. މުދާ އެތެރެކުރާ މިންވަރަށް ބަލާފަ ވިޔަފާރިތައް ގިންތިކޮށް ފީތަކާއި އެހެން ކަންކަން އިންތިޒާމުކުރެވޭނެއެވެ.

އޮންލައިން ވިޔަފާރިތަކަށް ފުރުސަތު ފަހިވާން ޖެހެއެވެ. ބައެއް މީހުން އޮންލައިން ވިޔަފާރިތައް ކުރަނީ ގޭ ކުލި ދައްކައި ހަރަދުތައް ހަމަޖައްސާށެވެ. ޑެލިވަރީ ކުރަން ދަނީ ސިވިލް ސާވިސް ވަޒީފާގަ އުޅޭ ކުއްޖާ ވަޒީފާ ނިންމާފަ ލިބޭ ހުސް ވަގުތުއެވެ. ފިހާރައިން ޑެލިވަރީއަށް ދާނީ ބިދޭސީއެކެވެ. ބޭރުވާނީ ޑޮލަރެވެ.

ދަތި އެއީ ހަމައެކަނި ބޮޑެތި ވިޔަފާރިތަކަށް ވާ އެއްޗެއް ނޫނެވެ. ދަތި އެންމެ ދައްޗަކީ އާންމު މީހާއަށް ވާ ދައްޗެވެ.

ކޮމެންޓް
ސަނާ
2 days ago
ވާއޮ! ލޫކަސްގެ ލިޔުމެއް ދޯ! ވަރަށް ރަނގަޅު ވަހަކައެއް
އަޖުހަދު
2 days ago
ވަރަށް ފުރިހަމަ
ރައްޔިތުމީހާ
2 days ago
ވަރަށް ޝައުގުވެރިވެ އިނދެ މިލިޔުން ކިޔާލައިފިން. ލިޔެފައި މިވަނީ އެންމެ އާދައިގެ ރައްޔިތެއްގެ ވިސްނުމުން.