ބައެއް ވެބްސައިޓްތަކުން ކުރާ ވިޔަފާރިއަށް ބޭންކް އޮފް މޯލްޑިވްސްގެ ރުފިޔާ ކާޑުން ދައްކާ ފައިސާ އިން %30 ގެ ފީއެއް ނެގުމަށް ވަނީ ކަނޑައަޅާފައެވެ.
އެކަމަށް ހަވާލާ ދެއްވާ، ރޭ އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާގައި ޑރ. ޝަމްހީދު ވިދާޅުވީ ބޭންކްގެ ނިންމުމަކީ ޓެކްސް އެއް ނެގުން ކަމަށެވެ. ޓެކްސް ނެގޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ކަންވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
"މިއީ ޓެކްސް އެއް ނޫން އެހެން ގޮތަކަށް ނުވާނެ. ހަގީގަތުގައި ޓެކްސެއް ނުނެގޭނެ މަޖިލީހަށް ފޮނުވައިގެން މަޖިލީހުން ފާސްކޮށްގެން ނޫނިއްޔަކާ ރައްޔިތުން އަތުން އެއްވެސް ޓެކްސެއް ނުނެގޭނެ. އެހެންވީމާ މި ޓެކްސް ނެގުން ސަރުކާރުން ހުއްޓާލަން އެބަޖެހޭ. މިއީ އިން ޑައިރެކްޓް ޓެކްސެއް ރައްޔިތުން އަތުން ނަގާ. ގާނޫނުއަސާސީގައި އެބުނާ ހަމަހަމަ ކަމެއް ނެތް. ބީއެމްއެލް އިން ނިންމާފައި އޮތް ޣައިރުގާނޫނީ ނިންމުން އެބަޖެހޭ ރިވާސްކުރަން." ޑރ. ޝަމްހީދު ވިދާޅުވިއެވެ.
ޑޮލަރު މާރުކުރަން މަޖުބޫރުކޮށް ގާނޫނު ހަދައިފި ކަމަށާ، އެ ބަދަލުގެ ސަބަބުން ބައިވަރު ޑޮލަރު މާރުކޮށްފި ކަމަށްވެސް ސަރުކާރުން ބުނާ ކަން ޝަމްހީދު ފާހަގަ ކުރެއްވިއެވެ.
"އެވްރެޖް ގޮތެއްގައި ދައުލަތަށް، މީރާއަށް މަހަކަށް 133 މިލިޔަން ޑޮލަރު ލިބޭ. އެހެންވީމާ މިދިޔަ ހަމަސްތެރޭގައި 800 މިލިޔަން ޑޮލަރު ޓެކްސްގެ ގޮތުގައި ލިބޭނެ. މާރުކުރި އަދަދު 300 މިލިޔަން ކަމަށް ބެލެވޭ. އެހެން ކަމަށް ވާނަމަ 1.1 ބިލިޔަން ޑޮލަރު މިއަދާ ހަމައަށް ސަރުކާރަށް ލިބިފައިވާނީ. ޒަރޫރީ ބޭނުންތަކަށް މި ބޭނުންވަނީ، އެއީ ތެލާ ކާބޯތަކެއްޗަށް މި ބޭނުންވަނީ 45 މިލިޔަން ޑޮލަރު. ކޮބާތޯ ބާކީ ހުރި ހުރިހާ ޑޮލަރު..؟" ޝަމްހީދު ސުވާލު އުފެއްދެވިއެވެ.
މިހެން މިކަން އޮއްވާ ފެނިގެންދިޔައީ އެންމެ އާދައިގެ ރައްޔިތުން ޗައިނާގެ އަލީ އެކްސްޕްރެސް ނުވަތަ ޓެމޫ ފަދަ ތަންތަނުން އެއްޗިސް ގަންނަ ފަރާތްތަކުގެ އަތުން ޓެކްސް ނަގަން ފެށިތަން ކަމަށް ޑރ. ޝަމްހީދު ވިދާޅުވިއެވެ.
ސަރުކާރުން ޗައިނީޒް ފްރީ ޓްރޭޑް އެގްރީމެންޓް ގައި ސޮއިކުރިއިރު ޑިއުޓީ ނުނެގޭނެކަން ނޭނގޭ ކަމަށްވެސް ޝަމްހީދު ވިދާޅުވިއެވެ. "މިއަދު އެ ޓެކްސް ނުނެގުނީމާ ބޭންކް އޮފް މޯލްޑިވްސް ކާޑް ޔޫޒާސް އަތުން އެ ޓެކްސް ނެގުމަކީ ކުރެވިގެން ވާނެ ކަމެއް ނޫން."
ޑރ. ޝަމްހީދު ވިދާޅުވީ އެ މައްސަލަ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށާ، މައްސަލަ ގެންދެވެން އޮތް އެންމެ މައްޗަކަށް ގެންދަވާނެ ކަމަށެވެ.