އެސްޓީއޯގެ ފަރާތުން މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީއަށް މައުލޫމާތު ދެނީ.-- ފޮޓޯ: މަޖިލިސް
ބައެއް ބޭސްތައް އެތެރެނުކުރެވޭ ސަބަބަކީ އެމްއެފްޑީއޭގެ އުސޫލުތައް - އެސްޓީއޯ
މަރްޔަމް މުޙައްމަދު 2 ޖުލައި 2025 (ބުދަ)   09:32
ރާއްޖެއަށް ބައެއް ބޭސް އެތެރެ ނުކުރެވޭ ސަބަބަކީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގެ ބައެއް އުސޫލްތައް ކަމަށް އެސްޓީއޯއިން ބުނެފިއެވެ.

ބޭސް ލިބުމުގެ ދަތިތަކާ ގުޅިގެން ރައްޔިތުން މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް ސަރުކާރުގެ ކަމާބެހޭ އިދާރާތައް އިއްޔެ ހާޒިރުކުރިއިރު، ކޮމިޓީއަށް ވަޑައިގެންނެވި ބޭފުޅުން ވަނީ ބޭސް ފޯރުކޮށް ދިނުމުގައި ކުރިމަތިވާ ސަބަބުތައް ސާފުކޮށްދީފައެވެ.

އެ މައްސަލަ ކޮމިޓީގެ ސަމާލުކަމަށް ގެންނެވި، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ވިދާޅުވީ ބައެއް ބޭސްތައް އާސަންދައިގެ ތެރޭން ނުލިބޭ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާ ކަމަށާ އެކަން ހައްލުނުވެ އެތައް ދުވަހެއް ފައިތުވެގެން ދާކަމަށެވެ. އޭނާ ތަކުރާރުކޮށް އެއްސެވީ އެ މައްސަލަ ހައްލު ވާނީ ކޮން ތާރީހަކުން ތޯއެވެ.

މެންބަރު ކުޑޫގެ ސުވާލަށް ޖަވާބު ދެއްވަމުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވީ، އެސްޓީއޯއިން އެތެރެކުރަނީ ރާއްޖެއަށް ގެންނަ ބޭހުގެ 30 އިންސައްތަ ކަމަށާއި، ބޭސް އެތެރެކުރުމުގެ އުސޫލްތައް އޮންނަގޮތުން އެއްބަޔަކު ގެންނަ ބޭހެއް އަނެއް ބަޔަކަށް ގެނައުމުގެ ހުއްދަ ނުލިބޭކަމަށެވެ.

"ރާއްޖެއަށް ބޭސް އެތެރެކުރަން މި އޮންނަ އުސޫލަކީ ކޮންމެސް އެއްފަރާތަކުން ބޭހެއް ރަޖިސްޓްރީ ކޮށްފިއްޔާމު، އެފަރާތަކަށް އެކަނި އެ ބޭހެއް އެތެރެ ކުރެވޭނީ. އޭގަ އުޅޭ ދެ މައްސަލައެއް، ފުރަތަމަ މައްސަލައަކީ އެމްއެފްޑީއޭ ގަ އޮންނަ އުސޫލުން ރާއްޖެ އެތެރެކުރެވޭނީވެސް އެފަރާތަށް އެކަނި. އަނެއްކޮޅުން ސަޕްލަޔަރު ސައިޑުން ސަޕްލަޔަރުވެސް ގިނަފަހަރު އެއްޕާޓީއަކަށް އެކަނި މި ހުއްދަ ދެނީ." ޝިމާދު ވިދާޅުވިއެވެ. 

"އަޅުގަނޑުމެންނަށް ޑޭޓެއްދޭން އުނދަގޫ ވަނީ އެއީ މިހާރު އޮންނަ ޕްރޮސެސް ތެރޭން އެތެރެކުރެވޭނެ ބޭސްތަކަކަށް ނުވާތީ. އެހެންވެ އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ޑޮކްޓަރުންނާ ވާހަކަ ދައްކައިގެން ޖެނެރިކްކޮށް ބޭސް ލިޔެގެން އޭގެ އޮލްޓަނޭޓް ބްރޭންޑެއް ހޯދަން."

މި ކޮމިޓީގައި ވާހަކަދައްކަވަމުން އެސްޓީއޯ މެޑިކަލް ސާވިސްގެ ޖެނެރަލް މެނޭޖަރ އަހުމަދު ނިއުޝާދު ވިދާޅުވީ އަސާސީ ބޭސް ހަމަކުރުމަށް ކުރެވުނު މަސައްކަތްތަކުން މާޗްމަސް ނިމުނުއިރު ފަސް ބޭހެއް ފިޔަވައި އެހެން ހުރިހާ ބޭހެއް ހަމަކުރެވުނުކަމަށެވެ. ނަމަވެސް ދެވަނަ ފަހަރަށް އެ ބޭސްތަކުގެ ސްޓޮކް ގެންނަން މަސައްކަތްކުރިއިރު، ގެންނަން އުޅުނު އަދަދަށް ސަޕްލަޔަރުންގެ އަތުން ބޭސް ނުލިބުނުކަން ނިއުޝާދު ފާހަގަކުރެއްވިއެވެ.

އެމްއެފްޑީއޭ ގެ ލިސްޓްގައި 1400 ވަރަކަށް ބޭސް އުޅޭއިރު އޭގެ ތެރެއިން 1000 ބޭސް ހަމަކުރެވިފައިވާކަމަށާއި، ބާކީ ބޭސްތައް އެތެރެކުރުމަށްޓަކައި ރަޖިސްޓްރީ ކުރުމުގެ މަސައްކަތް އެކުންފުނިން ކުރަމުންގެންދާކަންވެސް އިއްޔެގެ ބައްދަލުވުމުގައި އެސްޓީއޯ އިން ފާހަގަ ކުރިއެވެ.

ކޮމެންޓް