ފާމަސީއެއްގެ ބޭސްހަރުތަކެއް
އާސަންދައިން ލިބެންހުންނަ ބޭހަށް ފައިސާނަގާ ފާމަސީތަކަށް ފިޔަވަޅު އަޅަނީ
މަރްޔަމް މުޙައްމަދު 2 ޖުލައި 2025 (ބުދަ)   14:38
އާސަންދައިގެ ހިދުމަތްދޭ ބޭސްފިހާރަތަކުގައި ހުންނަ އާސަންދައިގެ ދަށުން ލިބެންޖެހޭ ބޭސްތައް އާސަންދައިގެ ދަށުން ދޫނުކޮށް، އެބޭހަށް ފައިސާނަގާ ނަމަ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އާސަންދަ ކުންފުނިން މިއަދު ހާމަކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި މިކަން ހާމަކޮށްފައިވަނީ، ބޭހުގެ މައްސަލައާ ގުޅިގެން މެމްބަރެއްގެ ސުވާލަކަށް ޖަވާބު ދެއްވަމުން އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާއެވެ.

ޒީނިޔާ ވިދާޅުވީ، ބޭހުގެ އަގުތަކަށް ސަރުކާރުން ގެނައި ބަދަލަށް ފަހު، އާސަންދައިން ބޭސް ހޯދަން ދިއުމުން ބޭސް ނުހުންނަ ކަމަށް ގިނަ ފާމަސީތަކުން ބުނަމުންދިޔަނަމަވެސް ހަމަ އެ ބޭސް، އެ ފާމަސީއަށް ގަންނަން ދިއުމުން ލިބެން ހުންނަ ކަމަށް ބުނެ ގިނަ ޝަކުވާތަކެއް ލިބެމުންދާ ކަމީ ބޮޑު ކަންބޮޑުވުމެއް ކަމަށާ، ބޭސް ދޫކުރުމާ ގުޅޭގޮތުން ފާމަސީތަކުން އަމަލުކުރަންޖެހޭ ހާއްސަ އުސޫލެއް އެންސްޕާއިން ކަނޑައަޅާފައި ވާކަމަށެވެ.

ނަމަވެސް، އެ އުސޫލާ ހިލާފުވާ ފާމަސީތަކެއް ފާހަގަކުރެވޭތީ އާސަންދައިން އަންނަނީ އެ އުސޫލު ރިވިއުކޮށް، ފިޔަވަޅު އަޅަމުން އަންނަ ކަމަށާއި، އުސޫލާ ހިލާފުވާ ފާމަސީތައް ޖޫރިމަނާކޮށް، ހަރުކަށި ފިޔަވަޅު އެޅިގެންދާނެ ކަމަށް ވެސް ޒީނިޔާ ވިދާޅުވިއެވެ.

ކޮމެންޓް
ހުސެން
5 days ago
ލާރިއެއް ނުދޭ ސަރުކާރުން. ބޭސްފިހާރަތައް ހުލިވަނީ..