ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން.-- ފޮޓޯ: މަޖިލިސް
ކައުންސިލަރުން މަދުކުރާ ގަރާރަށް އާންމުންގެ ޚިޔާލު ހޯދަން ހުޅުވާލައިފި
ޖުނާން އަޙުމަދު 23 ޖޫން 2025 (ހޯމަ)   19:08
ރަށްރަށުގެ ކައުންސިލަރުންގެ އަދަދު މަދުކޮށް، މުސާރައާއި އިނާޔަތްތައް ކުޑަކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތް ހޯދުމަށް މަޖިލީހަށް ހުށަހެޅި ގަރާރަށް އާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލައިފިއެވެ.

ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ޝުޖާއު ހުށަހެޅުއްވި އެ ގަރާރަށް އާންމުން ޚިޔާލު ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވާކަން ހާމަކޮށް ރައްޔިތުންގެ މަޖިލީހުން މިއަދު ކުރި އިއުލާނެއްގައި ބުނީ ޚިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ ހުށަހެޅޭނީ، އަންނަ މަހުގެ އަށްވަނަ ދުވަހުގެ މެންދުރު 12:00ގެ ކުރިން ކަމަށެވެ.

އެގޮތުން، ޚިޔާލު ހުށަހެޅޭނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ނުވަތަ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މެއިލް މެދުވެރިކޮށެވެ.

އެ ގަރާރުގައި ކައުންސިލަރުންގެ އަދަދުތަކާ ގުޅޭގޮތުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އެގޮތުން ދައުލަތުގެ ޚަރަދު ބޮޑުވެ، އިގްތިސޯދުކުރަން ޖެހިފައިވާ މިފަދަ ދަނޑިވަޅެއްގައި ގާނޫނުގައި ބަޔާންކުރާތީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ކޮންމެ ރަށަކުން މަދުވެގެން ފަސް ކައުންސިލަރުން ތިބެން ލާޒިމުކޮށްފައި އޮތް އޮތުން ރަނގަޅުތޯ ސުވާލުއުފައްދާފައި ވެއެވެ.

ފާއިތުވި 15 އަހަރުތެރޭ ލޯކަލް ކައުންސިލްގެ ހަތަރު އިންތިޚާބެއް ބާއްވައި، އެތައް ހާސް ކައުންސިލަރުންނެއް އިންތިޚާބުކޮށް، އެތަކެއް ބިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން އެ ނިޒާމަށް ޚަރަދުކުރި ނަމަވެސް އެ ނިޒާމުގެ ސަބަބުން ރަށްތަކުގެ ތަރައްގީއަށް ގެނެވުނު އިތުރު ބަދަލެއް ފެންނަން ނެތްކަން ވަނީ ގަރާރުގައި ފާހަގަކޮށްފައެވެ. ޚާއްސަކޮށް އިދިކޮޅު ޕާޓީން ނެރޭ ކެންޑިޑޭޓުން ގިނަފަހަރަށް ސަރުކާރަށް އެއްބާރުލުން ނުދޭކަމުގެ ޝަކުވާ އޮންނަ ކަމަށް ބުނެފައިވެއެވެ. ކޮންމެ ވެރިކަމެއް އޮތްނަމަވެސް ކަން ހިނގަފައި ހުރީ އެމަގުންކަންވެސް އެ ގަރާރުގައި ފާހަގަކޮށްފައި ވެއެވެ.

މި ގަރާރަށް މަޖިލީހުގައި ބަހުސް ކުރިއިރު ސަރުކާރު ނިސްބަތްވާ ޕީއެންސީގެ މެންބަރުން ވާހަކަ ދެއްކެވީ ގަރާރަށް ތާއީދު ކުރައްވައެވެ. އެހެންނަމަވެސް އެމްޑީޕީގެ މެންބަރުން ވާހަކަ ދެއްކެވީ ގަރާރާ ދެކޮޅަށެވެ.

އެމްޑީޕީގެ މެންބަރުން، ވިދާޅުވީ ކައުންސިލަރުން މަދުކުރުމަކީ ތާއީދު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު ވިދާޅުވީ، ޚުދުމުޚްތަރު ވެރިކަން ކުރަން ބޭނުންވާ މީހުން ރައްޔިތުންގެ ވޯޓުން ހޮވާމީހުން ބައިތިއްބާކަށް ބޭނުމެއް ނުވާނެ ކަމަށާއި މިކަމަކީ ނިޒާމު ފުނޑާލައި ބާރުތައް އަތަށް ނެގުމަށް ކުރަމުންދާ ކަމެއް ކަމަށެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ވިދާޅުވީ ގަރާރު ހުށަހެޅުމުގެ މާކުރިން ރައީސް މުއިއްޒު އެކަމުގައި ގޮތެއް ނިންމަވައި ރައްޔިތުންނަށް އޮތީ ހާމަކުރައްވާފައި ކަމަށެވެ.

"މިއީ ޚުދުމުޚްތާރު ވެރިން އަމަލުކުރައްވާ ގޮތް. ކުރިން ގޮތް ނިންމަވާނެ، އަދި އޭގެ ފަހުން ގެންގުޅުއްވާ ޕަޕެޓުން ލައްވާ، ރައްޔިތުންގެ މަޖިލީހަކީ އެމަނިކުފާނުގެ ޕަޕެޓް ހައުސް، މި ޕަޕެޓް ހައުސް ލައްވާ މިހާރު އެ އުޅުއްވަނީ އެމަނިކުފާނުގެ މި ވިޒަން، އެ މަނިކުފާނުގެ މި ޚުދުމުޚްތަރު ވެރިކަން އެމަނިކުފާނުގެ މި އޮޓޯކްރެޓިކް ހިޔާލުތައް މިތަނުން އެންޑޯސް ކުރަން. މިއީކީ އަޅުގަނޑުމެންނަށް ބަލައިގަނެވޭނެ ކަމެއް ނޫން." މީކާއީލް ވިދާޅުވިއެވެ.

ކައުންސިލްތަކުގެ އިންތިހާބަށް 10 މަސް ދުވަހަށް ވެފައި ވަނިކޮށް މިފަދަ ގަރާރެއް ހުށަހެޅުއްވިއިރު، ސިޔާސީ މުވައްޒަފުންގެ އަދަދު ގިނަވެގެން އެވާހަކަ އާންމުން ދައްކާއިރު އަދި އެމީހުންގެ މުސާރަ ކައުންސިލަރުންނަށްވުރެ ބޮޑު އިރު އެކަމަށް އެމްޑީޕީ މެންބަރުންގެ ފަރާތުން ވަރަށް ބޮޑަށް، ގަރާރުގެ ބަހުސްގައި ފާޑު ވިދާޅުވިއެވެ.

ކައުންސިލަރުންގެ އަދަދު މަދުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް މީގެ ކުރިން ވަނީ ޚިޔާލު ފާޅުކުރައްވާފައެވެ. އެގޮތުން، ކައުންސިލްތަކުގައި ފުލްޓައިމްކޮށް މަސައްކަތްކުރާން  ކައުންސިލުގެ ރައީސާއި، ނައިބު ރައީސް އެކަނި ތިބޭ ގޮތަށް ކަނޑައަޅައި، ބާކީ ކައުންސިލަރުންނަކީ ޕާޓްޓައިމް މެންބަރުންނަށް ހެދުމަކީ އެ މަނިކުފާނު ހުށަހަޅުއްވާ ޚިޔާލުކަމުގައި ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް