ހުއްދަނެތި އިންޑިއާއިން ބޭރު ކުރަން އުޅުނު ބޭސްތައް - ފޮޓޯ: އިންޑިއާ ކަސްޓަމްސް
ހުއްދަނެތި ރާއްޖެ އެތެރެ ކުރަން އުޅުނު ގިނަ އަދަދެއްގެ ބޭސްތަކެއް ހިފަހައްޓައިފި
ޖުނާން އަޙުމަދު 23 ޖޫން 2025 (ހޯމަ)   10:35
ހުއްދަ ނެތި ދިވެހި ރާއްޖެއަށް އެތެރެ ކުރަން އުޅުނު ގިނަ އަދަދެއްގެ ބޭސްތަކެއް އިންޑިއާގެ ކޮޗިން އެއާޕޯޓުން ހިފަހައްޓައިފިކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

ރާއްޖޭގައި އާންމުކޮށް ބޭނުން ކުރާ ބޭސް ލިބުން ދަތިވެފައި ވަނިކޮށް ރާއްޖެއަށް އެތެރެކުރަން އުޅުނު މި ބޭސްތަކާ އެއްކޮށް ރާއްޖެ އައުމަށް މަސައްކަތް ކޮށްފައިވަނީ ދެ ދިވެއްސެއް ކަމަށާ، ކޮޗިން ކަސްޓަމްސްގެ އެއާ އިންޓެލިޖެންސް ޔުނިޓުން އެ ބޭސްތައް ހިފެހެއްޓީ އިއްޔެ ކަމަށް ވެސް އިންޑިއާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައި ވެއެވެ.

ރާއްޖޭގައި ބޭހުގެ ދަތިކަން ބޮޑުވުމުން އެކަން ހައްލު ކުރުމަށް އިންޑިއާ ސަރުކާރާއެކު ދިވެހި ސަރުކާރުން ދާދިފަހުން އެއްބަސްވުމެއް ވެސް ހަދައިފައި ވާއިރު، އެ ބޭސްތައް ހިފެހެއްޓުމަށްފަހު ބޭސްތަކާއެކު ރާއްޖެ އައުމަށް މަސައްކަތްކުރި ދެ މީހުން މިހާރު ވަނީ ދޫކޮށްލައިފައެވެ. އެ ތަކެތީގެ އަގު ގާތްގަނޑަކަށް ފަސް ލައްކަ އިންޑިއަން ރުޕީސްއަށް އަރާނެ ކަމަށް ބެލެވޭއިރު، އެ ބޭސް ބޭރު ކުރަން މަސައްކަތް ކުރީ އެމީހުންގެ ހޭންޑް ލަގެޖުގައެވެ.

އިންޑިއާއިން ބަލްކުކޮށް ބޭސް އެކްސްޕޯޓު ކުރާ ނަމަ އިމްޕޯޓް އެކްސްޕޯޓް ލައިސަންސާއި، ޓެކްނިކަލް އޮފިސާ އޮފް ޑްރަގްސްގެ ސެޓްފިކެޓް ބޭނުންވާއިރު، އެ ބޭސްތައް އިންޑިއާއިން ބޭރު ކުރަން އުޅުނީ އެ ދެ ކަންތައް ވެސް ފުރިހަމަ ނުކޮށް ކަމަށް މައުލޫމާތު ލިބެއެވެ.

ކޮމެންޓް