ސިނގިރޭޓު ވިއްކާ ފިހާރައެއް - ފޮޓޯ: މީސްމީޑިއާ
މިމަހު 17 ގެ ފަހުން ހުއްދަ ނުނަގާ ދުންފަތުގެ ވިޔަފާރި ކުރާނަމަ ފިޔަވަޅުއަޅާނެ
ޖުނާން އަޙުމަދު 2 ޖުލައި 2025 (ބުދަ)   19:02
މިމަހުގެ 17 ވަނަ ދުވަހުގެ ފަހުން ހުއްދައަކާ ނުލާ، ނުވަތަ ލައިސަންސް ނެތި ދުންފަތުގެ ވިޔަފާރީގެ މުއާމަލާތްކުރުން މަނާވާނެކަން އެޗްޕީއޭ (ހެލްތު ޕްރޮޓެކްޝަން އެޖެންސީ) އިން ހަނދުމަ ކޮށްދިނުމެއްގެ ގޮތުން ހާމަކޮށްފިއެވެ.

އެޗްޕީއޭއީން ބުނީ ދުންފަތުގެ ބަވަތްތައް އިމްޕޯޓުކުރުމަށާއި، ރީއެކްސްޕޯޓުކުރުމަށާއި ރާއްޖޭގައި ވިއްކުމަށާއި، ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނާއި ގަވާއިދުގެ ދަށުން ވަކި ލައިސެންސެއް މިހާރު ނަގަންޖެހޭކަމަށެވެ.

ދުންފަތުގެ ވިޔަފާރިކުރުމަށް ނަގަންޖެހޭ މިލައިސެންސް ނެގުމަށް، ވަންގަވް ޕޯޓަލް މެދުވެރިކޮށް ހުއްދަ ހޯދުމުގެ ފުރުސަތުވަނީ މިއަހަރުގެ އޭޕްރީލްމަހުގެ 17 ވަނަ ދުވަހު ހުޅުވާލާފަ އެވެ. އަދި މިމުއްދަތު މިމަހުގެ 17 އަށް ހަމަވެއެވެ.

އެހެންކަމުން ދުންފަތުގެ ވިޔަފާރިކުރަން އެދޭ ފަރާތްތަކުން މިމަހުގެ 17ގެ ކުރިން ލައިސެންސް ނުނަގާ އޭގެފަހުން ވިޔަފާރިކުރާނަމަ އެއީ ގާނޫނީ ކުށެއްކަމަށް އެޗްޕީއޭއިން ބުންޏެވެ.

ދުންފަތުގެ ގާނޫނުގެ ދަށުން މިހާރު ވެސް ވަރަށް ގިނަ ކަންކަން މަނާވެފައި ވާއިރު، ވަކި ސިނގިރޭޓު ވިއްކުމަކީ ވެސް މަނާކަމެއް ކަމަށް ކުރިން ވަނީ ކަނޑައަޅާފައެވެ. އަދި އާންމު ހިދުމަތްދޭ ތަންތަނުގައި، ކަންޑައެޅިފައިވާ ހާއްސަ ސަރަހައްދެއްގައި މެނުވީ ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ވެސް މަނާކަމެކެވެ. އެހެން ނަމަވެސް މިކަންކަން ތަންފީޒުކުރުމުގެ ގޮތުން މޮނީޓަރކޮށް ފިޔަވަޅުއަޅާނެ ފަރާތެއް ނެތުމުން މިކަންކަން ވަނީ ބޮއްސުންލައި އާންމުކަންކަމަށް ވެފައެވެ.

ކޮމެންޓް