އޮލިވް ގާޑަން، އެ ރެސްޓޯރަންޓަށް ފޭކް ސްލިޕް ފޮނުވައިގެން ލައްކައަކަށްވުރެ ގިނަ ރުފިޔާގެ ތަކެތި މީހަކު ވަނީ ކައިފައި.-- ފޮޓޯ: ސޯޝަލްމީޑިއާ
ފޭކް ސްލިޕް ފޮނުވައިގެން 115000 ރުފިޔާގެ ތަކެތި ކެއި މީހަކު ޖަލަށް
މަރްޔަމް މުޙައްމަދު 8 ޖުލައި 2025 (އަންގާރަ)   08:40
މާލޭގެ މަޝްހޫރު ރެސްޓޯރެންޓެއް ކަމަށްވާ އޮލިވް ގާޑަންއަށް ފޭކް ސްލިޕް ފޮނުވައިގެން 115,000ރ. ގެ ތަކެތި ކެއި މީހަކު ނުވަ މަހަށް ޖަލަށް ލުމަށާއި އަހަރަކަށް ވުރެ ގިނަ ދުވަހަށް ގޭ ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

އިއްޔެ ކްރިމިނަލް ކޯޓުން ހުކުމްކުރި އެ މައްސަލަ ސާބިތުވީ ދ. ކުޑަހުވަދޫ، ޑޭޒީމާގެ، އަބްދުﷲ ފަޒީލްގެ މައްޗަށެވެ.

ދައުލަތުން އޭނާގެ މައްޗަށް ކުރީ މަރަކާއި ހީލަތް ހެދުމުގެ ކުށުގެ ދައުވާ އާއި މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި ސައްހަ ނޫން ލިޔުމެއް އުފެއްދުމުގެ ކުށުގެ ދައުވާ އެވެ. އޭނާގެ މައްޗަށް މި ދެ ދައުވާކޮށްފައި ވަނީ ދެ ހާދިސާއަކާ ގުޅިގެން ކަމަށް ވާތީ، އެ ދެ ދައުވާގެ ޝަރީއަތް ކުރިއަށް ގެންދިޔައީ އެއްކޮށެވެ.

ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނީ 2019 އޮގަސްޓް 22 އިން ފެށިގެން 2021 އޮކްޓޯބަރު 25 ގެ ނިޔަލަށް އެކި ދުވަސް މަތިން އޭނާ އޮލިވް ގާޑެން ރެސްޓޯރެންޓުން ކާ ތަކެތި އޯޑަރުކޮށް، ކާ ތަކެތި ބަލައިގަނެފައިވާ ކަމަށެވެ. އޭނާ އެ ތަކެއްޗަށް ފައިސާ ދެއްކުމުގެ ގޮތުން އަސްލު ބިލުގައިވާ ފައިސާއަށް ވުރެ މަދުން ފައިސާ ފޮނުވާފައިވާ ކަމަށާއި ސައްހަ ނޫން ސްލިޕް ހަދައިގެން ވެސް ވައިބާ މެދުވެރިކޮށް އެ ރެސްޓޯރެންޓަށް ސްލިޕް ފޮނުވާ ކަމަށް އެ ހުކުމްގައި ބުނެފައިވެއެވެ. 

ފަޒީލް، އެ ދެ ދައުވާ އަށް ވެސް އިއުތިރާފުވެފައިވާއިރު، ސައްހަ ނޫން ސްލިޕް ފޮނުވައިގެން އެ ރެސްޓޯރެންޓުން އެކި ދުވަސްމަތިން 115،000ރ. ގެ ވިޔަފާރި އޭނާ ކޮށްފައިވާ ކަމަށް ހުކުމްގައިވެ އެވެ.

މަކަރާއި ހީލަތް ހެދުމުގެ ދައުވާ އޭނާގެ މައްޗަށް ސާބިތުވާތީ އާއި ކުށަށް އިއުތިރާފުވެފައި ވާތީ އަދި ބަންދުގައި ހޭދަކުރި ދުވަސްތައް ކެނޑުމަށް ފަހު، ފަޒީލް ހަ މަސް ދުވަހަށް ގޭގައި ބަންދުކޮށް، އެއް އަހަރާއި 22 ދުވަހަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފަ އެވެ. ގޭގެ ބަންދުގެ މުއްދަތެއް ދިނީ އޭނާ ކޯޓުގައި އެކަމަށް އެދިފައި ވާތީ އެވެ.

މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި ސައްހަ ނޫން ލިޔުމެއް އުފެއްދުމުގެ ކުށުގެ ދައުވާ ފަޒީލްގެ މައްޗަށް ސާބިތުވާތީ އާއި ކުށަށް އިއުތިރާފުވެފައި ވާތީ އަދި ބަންދުގައި ހޭދަކުރި ދުވަސްތައް ކެނޑުމަށް ފަހު، އޭނާ ތިން މަހާއި 18 ދުވަހަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފަ އެވެ. އެހެންވެ، ފަޒީލް ޖަލުގައި އެއް އަހަރާއި ހަތަރު މަސްދުވަހަށް ވުރެ ގިނަ ދުވަސް ޖަލުގައި ހުންނަން ޖެހޭނެ އެވެ.

މި މައްސަލާގައި އޮލިވް ގާޑެން ރެސްޓޯރެންޓް ހިންގާ ކުންފުނި، ސަންރައިޒް މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓުން ވަނީ އޮޅުވާލައިގެން ފަޒީލް ހިންގި މުއާމަލާތްތަކާ ގުޅިގެން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 115،000ރ. ނަގައިދޭން ވެސް އެދިފަ އެވެ. ކޯޓުން ވަނީ އިއްޔެ އިން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި އެ ކުންފުންޏަށް އެ ފައިސާ ދައްކަން ފަޒީލްގެ މައްޗަށް ހުކުމް ކޮށްފަ އެވެ.

ކޮމެންޓް