ޔާޔާގެ މައްޗަށް އިއްޔެ ކްރި މިނަލްކޯޓުން ކުރި ހުކުމަކީ، އޭނާ އާއި އާދަމް މުޙައްމަދު، ބިޗާނާ، ހދ. ކުޅުދުއްފުށި، މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އޮކްޓޫބަރު 31، 2017 ގައި އެ މީހުން ތިބި މއ. ބްރައިޓްބްލޫ ގޭގައި ހުންނަ ކުއްޔަށްދޭ ކޮޓަރިއަކަށް ފުލުހުން ގަދަކަމުން ދޮރު ހުޅުވައިގެން ވަދެ ބެލި އިރު މަސްތުވާތަކެތި ފެނުނު މައްސަލައަކާއި ގ. ކަމަރާ (ޔާޔާގެ ގެ) އިން މަސްތުވާތަކެތި ފެނުނު މައްސަލައެއްގަ އެވެ.
މި ދެ މީހުން އެ ކޮޓަރިން ހައްޔަރުކޮށް ފާސްކުރި އިރު 20.7422 ގްރާމް ކެނަބިސް ފެނުނެވެ. އަދި މަސްތުވާތަކެތި ކިރުމަށް ބޭނުންކޮށް އުޅޭ ޒާތުގެ ދެ ކައްޓާ ވެސް ފެނުނު ކަމަށާ، ޔާޔާގެ ގޭގައި ވެސް ޑްރަގް ގެންގުޅޭ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ސުވާލުކުރުމުން އޭނާ ވަނީ އަލަމާރީގެ ޝެލްފް ތެރޭގައި އޮތް ކަރުދާސް ކޮތަޅެއްގެ ތެރޭގައި މަސްތުވާތަކެތި ހުންނާނެ ކަމަށް ބުނެ އެކަމަށް އެއްބަސްވެފައި ކަމަށް ވެސް ދައުވާގައި ބުނެފައިވެ އެވެ.
ފުލުހުން ޔާޔާގެ ގެއަސް ގޮސް އެ ކޮތަޅު ބެލިއިރު ފިލްމު ހުސްކުރި އަށް ދަޅުގައި 231.3015 ގްރާމް ކެނަބިސް ހުރި ކަމަށާ، އެ ތަކެތި ހުރި އަލަމާރީގެ ވަތްގަނޑުގައި އޮތް ފޮތި ކޮތަޅެއްގައި ވެސް މަސްތުވާތަކެތި ހުންނާނެ ކަމަށް ޔާޔާ ބުނުމުން އެ ބެލި އިރު ފެނުނު ފިލްމު ހުސްކުރި 4 ދަޅަކުން 110 ގްރާމަށް ވުރެ ގިނަ ކެނަބިސް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ދައުވާއަށް ޖަވާބުދާރީ ވަމުން ޔާޔާ ބުނީ އޭނާ މަސްތުވާތަކެތި ވިޔަފާރި ނުކުރާ ކަމަށާ، ފެނުނު މަސްތުވާތަކެއްޗަކީ އޭނާ ބޯން ގެންގުޅޭ ތަކެތި ކަމަށެވެ. ނަމަވެސް އާދަމް މުޙައްމަދު ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ.
ފަނޑިޔާރު މުޙައްމަދު މިސްބާހް، ހެކި ވަޒަންކުރުމަށް ފަހު ކަނޑައެޅުއްވީ، ދައުލަތުން ކުރި ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާ ސާބިތުވާ ކަމަށާ، އެހެންކަމުން 2 މީހުން ވެސް 25 އަހަރަށް ޖަލަށް ލުމަށާއި ކޮންމެ މީހަކު 100،000ރ. އިން ޖޫރިމަނާކޮށް އެ ފައިސާ އިއްޔެއިން ފެށިގެން 12 މަސް ދުވަސް ތެރޭގައި މީރާ އަށް ދައްކަން ޖެހޭނެކަމަށެވެ.
ޔާޔާއަކީ މީގެ ކުރިން އޮރިޔާންކާޑު ހެދުމުގެ ކުށުގައި 2022 ވަނަ އަހަރުން ވެސް އޭނާ އެއް އަހަރާއި އެއް މަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމެއް ކޮށްފައި ވާކަން ފާހަގަކޮށްލެވެއެވެ. އޭރު އޭނާ ޖަލަށްލީ ޓިކްޓޮކްގައި ބަރަހަނާވެ، އޮރިޔާންކާޑު ހެދުމުގެ ކުށުގެ ދައުވާ ސާބިތުވެގެންނެވެ. އަދި އެފަދަ މައްސަލަތަކުގައި އޭނާ އެތައް ފަހަރެއްގެ މަތިން ހައްޔަރު ވެސް ކުރި އެވެ.