ތޯރިގު މި މައްސަލަ ޕީޖީއަށް މި ހުށަހެޅީ ޖިނާއީ ދައުވާކުރެވޭ ވަރަށް ހެކި ނެތް ކަމަށް ބުނެ އަންގާރަދުވަހު ފުލުހުންގެ އިދާރާއިން އެ މައްސަލަ ފައިލްކުރުމާ ގުޅިގެންނެވެ.
މައްސަލަ ހުށަހެޅުމަށް ތޯރިގު ޕީޖީއަށް ފޮނުވި ސިޓީގައި ވިދާޅުވީ އޭނާ ޕީއެންސީއަށް ވެއްދުމަށްޓަކައި ހުށަހަޅާފައިވާ ފޯމުގައި ޖަހާފައިވަނީ އޭނާގެ ފޮޓޯއާއި ސޮއި އަދި ފިންގަޕްރިންޓް ނޫން ކަމަށާ އެހެންކަމުން އެއީ ސައްހަނޫން ފޯމެއް ކަމަށްވާތީ އެފަދަ ފޯމެއް އިލެކްޝަން ކޮމިޝަނަށް ހުށަހެޅި މައްސަލަ ބަލައިދިނުމަށް ދިވެހި ފުލުހުންގެ އިދާރާއަށް ހުށަހެޅުމުން އެ މައްސަލަ ތަހުގީގުކުރުމެއް ވެސް ނެތި އެ އިދާރާއިން މައްސަލަ ފައިލްކުރުމަށް ނިންމާފައި ވަނީ ޖިނާއީ ދައުވާކުރެވޭ ވަރަށް ހެކި ނެތް ކަމަށް ބުނެ ކަމަށް ވާއިރު، މިފަދަ ނިންމުމެއް ޕީޖީގެ ބަހެއް ނެތި ނިންމިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
އަދި ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތު ދީ ހެކިންގެ ގޮތުގައި ވެސް ދޮގުހެކި ދީފައި ވާއިރު މިފަދަ މައްސަލައެއް ތަހުގީގުކުރުމަކާ ނުލާ ފައިލް ކުރުމަކީ މިފަދަ ކަންކަން ކުރުމަށް ދެވޭ ހިތްވަރެއް ކަމަށް ދެކިލައްވާ ކަމަށް ވެސް ތޯރިގު ހުށަހެޅި ސިޓީގައި ވެއެވެ.
އެހެންކަމުން ގާނޫނު އަސާސީއާއި ގާނޫނުތަކާ ހިލާފަށް ދިވެހި ރައްޔިތުންގެ ހައްގުތަކަށް އަރައިގަނެ ހިންގާ މިފަދަ ކަންކަން ބަލާ އެކަންކަމުގައި އިންސާފު ހޯއްދަވައި ދެއްވުމަކީ ޕީޖީގެ މަސްއޫލިއްޔަތެއް ކަން ފާހަގަކުރައްވާ ތޯރިގުގެ ސިޓީގައި ވިދާޅުވީ، މި މައްސަލަ ތަހުގީގުކޮށް މިކަމުގައި ޝާމިލުވާ އެންމެހާ ފަރާތްތަކާމެދު ފުރިހަމަ ޖިނާއީ ތަހުގީގެއް ހިންގައި ދިނުމަށް ފުލުހުންގެ މައްޗަށް އަމުރު ކޮށްދެއްވުން ޕީޖީގެ ފަރާތުން އެދިވަޑައިގަންނަވާ ކަމަށެވެ.
ކުރިން ފުލުހަށް ހުށަހެޅި މައްސަލައިގައި ތޯރިގު އެދިވަޑައިގެންފައި ވަނީ ފިންގަޕްރިންޓާއި ފޮޓޯ އަދި ސޮއި ފޮރެންސިކް ތަހުލީލުކޮށްގެން ބެލުމަށްފަހު، ފޯމުގައި ޖަހާފައިވަނީ ކާކުގެ ފޮޓޯއެއް ކަމާއި، ފިންގަޕްރިންޓް އަދި ސޮއިކަން އޭނާއަށް އަންގައިދިނުމަށެވެ. އަދި ފޯމުގައި ހެކީންގެ ގޮތުގައި ނަން ޖަހާފައިވާ ދެ ފަރާތުން ކޮށްފައިވަނީ އެ ފަރާތްތަކުގެ ސޮއި އަދި ފިންގަޕްރިންޓްކަން ކަށަވަރުކޮށްދޭން ވެސް އެ ސިޓީގައި އެދިފައި ވެއެވެ.
މިފަދަ މައްސަލައެއް ފުލުހަށް ހުށަހަޅާފައިވާއިރު، އެމްޑީޕީގެ ދަފްތަރުގައި ތިބި މެމްބަރުންނަށް ވަގަށް އެހެނިހެން ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި، ވަކިން ހާއްސަކޮށް ވެރިކަން ކުރާ ޕީއެންސީގެ ދަފްތަރުގައި ހިމަނަމުންދާކަމުގެ ގިނަ ޝަކުވާތަކެއް ލިބިފައިވާ ކަމަށް އެމްޑީޕީން ދާދިފަހުން ވެސް ވަނީ ހާމަކޮށްފައެވެ.