ވައްޑެ މިހެން ވިދާޅުވީ، ދެ އަހަރުދުވަހުގެ މުއްދަތަށް އެމްޑީޕީގެ ޕޯޑިއަމްއާ ދުރުގައި އުޅުއްވުމަށްފަހު، އެމްޑީޕީގެ ރޭގެ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ވައްޑެގެ ވާހަކައިގައި އެމްޑީޕީ އަލުން އިންތިޒާމުވެލަންޖެހޭ ކަމަށް ވިދާޅުވެ، އާ ޖޯޝަކާއި އާ ފޯރިއަކާއެކު، ނުކުމެ މި އަނދިރިކަމުން ގައުމު ނެރެ އަނެއްކާވެސް އަލިކަމުގެ ތެރެއަށް، ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ކޮންމެހެން ވެސް އެބަ ޖެހޭކަމަށް ވިދާޅުވިއެވެ.
ވައްޑެގެ ވާހަކައިގައި ވަނީ ޒުވާނުންގެ މުޒާހަރާގައި ބައިވެރިވި ދެ ޒުވާނަކަށް ޖިނާއީ ދައުވާކޮށްފައިވާތީ އެކަމަށް ފާޑުވިދާޅުވެފައެވެ. އަދި ރައީސް މުއިއްޒު ކޮންމެ ދުވަހަކު ދިވެހިންގެ އަތުން އެތައް ހައްގެއް އަތުލަމުންދާ ކަމަށް ވިދާޅުވެ ވައްޑެ ވިދާޅުވީ، މި ސަރުކާރުން ވެވަޑައިގެންނެވި ވައުދުތައް ނުފުއްދި ދިގުލަމުން ގޮސް މި ސަރުކާރާމެދު ރައްޔިތުންގެ އިތުބާރު މުޅިންގެއްލިއްޖެ ކަމަށެވެ.
އެގޮތުން ކެބިނެޓް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އަދިވެސް ޕީއެންސީގެ އިސް ސަފުގައި ތިއްބެވި ގިނަ ބޭފުޅުންގެ ތެރެއިން ވެސް ރައީސް މުއިއްޒަށް މިހާރު އިތުބާރު އޮތީ މަދު ބަޔަކަށް ކަން ވައްޑެގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
ރައީސް މުއިއްޒު ހަވާލުވެވަޑައިގެން ހުންނެވި މި ސަރުކާރަކީ އެ މަނިކުފާނުގެ އަތްފައި ހަރުނުލާ ކައްސާ ގޮތަށް ހުރި "ލޮނދި" ތަނެއްކަން ސިފަކުރައްވަމުން ވައްޑެ ވިދާޅުވީ އިރާދަ ކުރެއްވިއްޔާ މި ދައުރުގެ މެދުތެރޭ މިއަންނަ ކައަންސިލް އިންތިހާބަކީ ރައީސް މުއިއްޒުގެ ވެރިކަން ނިމިގެންދާނެ އިންތިހާބަކަށް ވެގެންދާނެ ކަމަށެވެ.
"ކުރިއަށް އޮތް 'ކައުންސިލް' އިންތިހާބަކީ އިރާދަކުރެއްވިއްޔާ މީނާގެ ދޮގާއި މީނާގެ މާކަރާއި މީހާގެ މިރާއްޖެއަށާއި މުޅި ދުނިޔެއަށް ބޭޒާރުކޮށްލާނެ އިންތިހާބު،" ވައްޑެ ވިދާޅުވިއެވެ.
އޮޅިގެން، އޮޅުވާލައިގެން ވެރިކަމަށް އެރިފައި ހުންނެވި ރައީސް މުއިއްޒަށް ދަންނަވާލަން ބޭނުންފުޅުވަނީ މަނިކުފާނުގެ ވެރިކަން ވެއްޓޭނެކަމީ ޝައްކު ހިނގާކަމެއް ނޫންކަމަށާ، ވެއްޓޭނީ ކޮން ވަގުތަކު ލާ ބާނިއަކުން، ކޮން ވަގުތަކު ނަގާ ރާޅަކުން، ކޮން ވަގުތަކު އަޅާ އޮއިވަރަކުން ކަން ނޭނގޭ ކަމަށެވެ.