މިކަން ހާމަކުރައްވާ އެމްޑީއޭގެ ނައިބު ރައީސް، އަދި ޕޮލިސީ އެންޑް ޑިވެލޮޕްމެންޓް ކައުންސިލްގެ ޗެއަރ، ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް ކުރެއްވި އެކްސް ޕޯސްޓެއްގައި ބުދަދުވަހު ވިދާޅުވީ، ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީއޭ އިން ގިނަ ދާއިރާތަކަކަށް ވާދަކުރާނެ ކަމަށާ، އެ ޕާޓީގެ ފަރާތުން ވާދަކުރުމަށް ބޭނުންފުޅުވާ އެމްޑީއޭގެ ކޮންމެ މެންބަރަކަށްވެސް ކައުންސިލް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެެވެ.
މިއަންނަ ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން، އެކި ދާއިރާތަކަށް އެ ޕާޓީގެ ފަރާތުން ވަރަށް އަވަހަށް ދަތުރުތައް ފަށާނެކަން ހާމަކުރައްވަމުން އައްބާސް ވިދާޅުވީ، އެމްޑީއޭއަކީ އަބަދު ވެސް ރައްޔިތުންނާ ގާތުން މަސައްކަތް ކުރަމުންދާ، ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު އިސްކުރާ ޕާޓީއެއް ކަމަށެވެ.
"ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީއޭ ގެ ފަރާތުން ގިނަ ދާއިރާ ތަކަކަށް ވާދަކުރާނެ. މިޕާޓީގެ ފަރާތުން ވާދަކުރުމަށް ބޭނުންފުޅުވާ މިޕާޓީގެ ކޮންމެ މެންބަރަކަށްވެސް ފުރުސަތު އޮންނާނެ. އެހެން ކަމުން ލޯކަލްކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އެމްޑީއޭ އިން އެކި ދާއިރާތަކަށް ވަރަށް އަވަހަށް ދަތުރުތަށް ފެށިގެން ދާނެ. އެމްޑީއޭ އަކީ އަބަދުވެސް ރައްޔިތުންނާ ކައިރިން މަސައްކަތް ކުރަމުންދާ ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު އިސްކޮށް ރައްޔިތުންގެ ހައްގުގައި ބަސްބުނެ ވަކާލާތު ކުރާނެ ހަރުދަނާ ސިޔާސަތެއްގެ މައްޗަށް ހިގަމުންދާ ސިޔާސީ ޕާޓީއެއް." އައްބާސްގެ އެކްސް ޕޯސްޓްގައި ވިދާޅުވިއެވެ.
އެމްޑީއޭގެ ލީޑަރު އަޙުމަދު ސިޔާމް އާއި އެ ޕާޓީގެ ގައުމީ ކައުންސިލް މެންބަރު އަދި ވިމެންސް ކައުންސިލްގެ ޗެއަރ ނަޒީރާ އިބްރާހީމް.- ފޮޓޯ: އެމްޑީއޭ
އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމަށް އެކުލަވާލާފައިވާ ސިޓީ ކައުންސިލް އަދި އަތޮޅު ކައުންސިލްތަކާއި ރަށްރަށުގެ ރަށުކައުންސިލް ތަކަށް އާ ދައުރަކަށް، މޭޔަރުންނާއި ކައުންސިލްތަކުގެ ރައީސުންނާއި، ކައުންސިލް މެންބަރުން އިންތިހާބުކުރުމަށް ބާއްވާ އާންމު އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ އޭޕްރީލް މަހުއެވެ.