އެމްޑީޕީގެ ކެމްޕެއިން ޖަލްސާއެއް - ފޮޓޯ: އެމްޑީޕީ
އެމްޑީޕީގެ ބޮޑު ޖަލްސާއެއް އަންނަ ހުކުރުގައި ކުޅުދުއްފުށި ސިޓީގައި ބާއްވަނީ
އަދި 18 ވަނަ ދުވަހު "ރަން ރީނދޫ" ގެ ނަމުގައި ހާއްސަ ދުވުމެއް ވެސް ރާއްޖޭގެ ހުރިހާ ރަށެއްގައި ބާއްވާނަން – އެމްޑީޕީ
މުޙައްމަދު ޤާސިމް 5 ޖުލައި 2025 (ހޮނިހިރު)   12:08
އިދިކޮޅު އެންމެބޮޑު ޕާޓީ އެމްޑީޕީގެ ބޮޑު ޖަލްސާއެއް ހދ. އަތޮޅުގެ ކުޅުދުއްފުށި ސިޓީގައި މި މަހުގެ 11 ވާ ހުކުރު ދުވަހުގެ ރޭ ބޭއްވުމަށް ނިންމައިފި ކަމަށް އެ ޕާޓީން ފިޔެސްއަށް މައުލޫމާތު ދީފިއެވެ.

އެމްޑީޕީން ރޭ މައުލޫމާތު ދިން ގޮތުގައި މި މަހުގެ 11 ވާ ހުކުރު ދުވަހުގެރޭ ކުޅުދުއްފުށި ސިޓީގައި އޮންނަ ބޮޑު ޖަލްސާއަކީ އެ ޕާޓީއަށް 20 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރުމަށް މުޅި މި އަހަރު ދުވަހަށް ބަހާލައިގެން ކުރިއަށް ގެންދާ ހާއްސަ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ހަރަކާތެކެވެ.

އަދި މި ޖަލްސާއަށް މާލެއިން ވެސް ވަފުދުތައް ދިޔުމަށް ޓަކައި މިހާރު ހާއްސަ އަރުމާޒެއް ވެސް ތައްޔާރު ކުރެވިފައި އެބައޮތްކަމަށާ، މިހާރުއްސުރެ ވެސް ޖަލްސާގެ ކަންކަމަށް އާންމު މެންބަރުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަމަށް އެމްޑީޕީން ބުންޏެވެ.

އަދި މި މަހުގެ 10 ވާ ބުރާސްފަތި ދުވަހުގެ ރޭ 10:00 އަކީ، އެ ޖަލްސާއަށް ވަފުދުތައް ފުރުމަށް ހަމަޖެހިފައިވާ ގަޑި ކަމަށާ، އެ ޖަލްސާގައި ބައިވެރިވާން ކުޅުދުއްފުށްޓަށް ވަޑައިގެންނެވުމަށް ބޭނުންފުޅުވެލައްވާ އެމްޑީޕީގެ މެންބަރުން، ކޮންމެ މެންބަރަކު ވެސް އެ ދާއިރާއެއްގެ، ޕާޓީގެ ދާއިރާ ރައީސްއަށް އަންގަވާ ނަން ނޯޓުކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.

އެމްޑީޕީގެ އަހަރީދުވަހުގެ ހަރަކާތްތަކުގެ ދަށުން ސިޓީތަކުގައި ބާއްވާ ފުރަތަމަ ޖަލްސާ ކުޅުދުއްފުށި ސިޓީގައި އަންނަ ހުކުރުގައި ބާއްވާއިރު، އެންމެފަހު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ވެރިކަންކުރާ މާލެ ސިޓީގައި އަންނަ އޯގަސްޓު މަހުގައި ކަމަށް އެ ޕާޓީން ބުނެއެވެ.

އަދި މި ޖަލްސާގެ ފަހަށް މި މަހުގެ 18 ވަނަ ދުވަހު "ރަން ރީނދޫ" ގެ ނަމުގައި އެމްޑީޕީގެ ދަންމަރެއް ހިފައިގެން ރާއްޖޭގެ ކޮންމެ ރަށެއްގައި ހާއްސަ ދުވުމެއް ވެސް ބޭއްވުމަށް ވަނީ ނިންމާފައި ކަމަށާ، އެ ދުވުން ނިމޭނީ އަންނަ އަހަރުގެ މެއި މަހު ކަމަށް ވެސް އެ ޕާޓީން ބުނެއެވެ.

your imageއެމްޑީޕީގެ ކެމްޕެއިން ޖަލްސާއެއް - ފޮޓޯ: އެމްޑީޕީ

އަދި މީގެއިތުރުން ކާނިވަލަކާއި، މިއުޒިކު ޝޯއެއްގެ އިތުރުން އާޓު އެގްޒިބިޝަނެއް ވެސް ބޭއްވުމަށް ނިންމައިފައި ވާއިރު، ހުރިހާކަމެއްގެ ފައިނަލް ތާވަލެއް ކަނޑައެޅެމުން އަންނަވަރަކަށް މީޑިއާގައި މައުލޫމާތު ހިއްސާކުރަމުން ދާނެކަމަށް ވެސް އެމްޑީޕީން ބުނެއެވެ.

އެ ޕާޓީ އަށް 20 އަހަރު ފާހަގަކުރުމުގެ ގޮތުން ދިގު މުއްދަތެއްގައި ގިނަ ހަރަކާތްތަކެއް ރާވާ ހިންގުމުގެ މަގުސަދެއްކަމަށް އެމްޑީޕީން ބުނަނީ، އެ ޕާޓީން މި ދިވެހިރާއްޖެއަށް ގެނެސްފައިވާ ހެޔޮ ރަނގަޅު ބަދަލުތައް ފާހަގަކުރުމާއެކު އަތޮޅުތެރޭގައި ތިބި އާންމު މެންބަރުންގެ ބައިވެރިވުން ވީހާވެސްބޮޑަކަށް ޕާޓީގެ ހަރަކާތްތަކުގައި ހިމެނުން ކަމަށެވެ.

2005 ވަނަ އަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހު ރަޖިސްޓްރީކުރި އެމްޑީޕީ އަކީ ރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު ސިޔާސީ ޕާޓީ އެވެ. އެއަށްފަހު ގިނަ ޕާޓީ އެކުލެވޭ ނިޒާމެއްގެ ދަށުން 2008 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ފުރަތަމަ ރިޔާސީ އިންތިހާބު އެމްޑީޕީން ކާމިޔާބުކުރިއެވެ.

އެއަށްފަހު 2018 ވަނަ އަހަރު އޮތް ރިޔާސީ އިންތިހާބު ވެސް އެމްޑީޕީ އިން ކާމިޔާބު ކޮށްފައި ވާއިރު، ޖެހިގެންއައި 2019 ވަނަ އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް އެމްޑީޕީ އިން ވަނީ ބޮޑު ކާމިޔާބީއެއް ހޯދައިފައި ކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް