ޓްރިނިޑާޑް އެންޑް ޓޮބޭގޯގެ އެންމެ މަތީ މަދަނީ އެވޯޑް ކަމަށްވާ ދަ އޯޑަރ އޮފް ދަ ރިޕަބްލިކް އޮފް ޓްރިނިޑާޑް އެންޑް ޓޮބޭގޯ އެވޯޑް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް އިއްޔެ އަރުވާފައި މިވަނީ އެ ގައުމަށް މޯދީ ކުރެއްވި ތާރީހީ ދަތުރުފުޅުގައެވެ.
އެ ގައުމުގެ ރައީސް ކްރިސްޓީން ކާލާ ކެންގަލޫ މޯދީއަށް އެވޯޑު އަރުވާފައި ވާއިރު، ބޭރުގެ ލީޑަރަކަށް މި އެވޯޑް ލިބުނު މިއީ ފުރަތަމަ ފަހަރު ކަމުން، މިއީ ޖަޒުބާތުން ފުރިގެންވާ ތާރީހީ ހާއްސަ ކަމެއް ކަމުގައި ބައިނަލްއަގުވާމީ މީޑިއާގައި މޯދީ ވިދާޅުވިއެވެ.
"މިފަދަ ޝަރަފްވެރި އެވޯޑެއް ލިބުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް. މިއީ އަޅުގަނޑަށް އެކަންޏެއް ނޫން މިއީ މުޅި އިންޑިއާގެ 140 ކްރޯޑް ރައްޔިތުންނަށް ވެސް ލިބުނު ޝަރަފެއްކަމަށް އަޅުގަނޑު ގަބޫލުކުރަން." އެވޯޑް އެރުވުމުގެ ރަސްމިއްޔާތުގައި މޯދީ ވިދާޅުވި އެވެ.
ބޭރުގައުމުތަކަށް މޯދީ ފައްޓަވާފައިވާ ދަތުރުފުޅުތަކުގެ ދެވަނަ ފިޔަވަހީގެ ދަށުން މޯދީ ޓްރިނިޑާޑް އެންޑް ޓޮބެގޯއަށް ވަޑައިގެންނެވުމުން، އެ ގައުމުގެ ބޮޑުވަޒީރު ކަމްލާ ޕެރްސާދު-ބިސެސާ ވަނީ އެކަމާނާގެ މުޅި ކެބިނެޓާއެކު، އިންޑިއާގެ ސަގާފީ ހެދުމުގައި، އަދި ބޮޖްޕޫރީ ޗައުޓަލް މިއުޒިކާއެކު އެއާޕޯޓަށް ވަޑައިގެން، އިންޑިއާ ބޮޑުވަޒީރު މޯދީއަށް ހޫނު މަރުހަބާއެއް ވިދާޅުވެފައެވެ.
މި ދަތުރު ފުޅުގައި ބޮޑުވަޒީރު މޯދީ ވަނީ ކަމްލާ ޕެރްސާދު-ބިސެސާ އަކީ އިންޑިއާގެ ބިހާރުގެ އަންހެން ދަރިއެއްކަމަށް ވިދާޅުވެ އެކަމަނާއަށްް ތައުރީފުކުރައްވާފައި ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެއެވެ.
ޓްރިނިޑާޑް އެންޑް ޓޮބޭގޯގެ އާބާދީގެ 45 އިންސައްތައަކީ އިންޑިއާ ނަސްލުގެ މީހުން ކަމަށްވާއިރު، ގުދުރަތީ ޖަޒީރާ ތަކެއްގެ މައްަޗަށް އުފެދިފައިވާ އެ ގައުމުގެ ޖުމްލަ އާބާދީއަކީ އެންމެ 1.3 މިލިއަނެވެ.
އަދި އެ ގައުމުގެ ގިނަ ޑިސްޓްރިކްޓްތަކުގެ މީހުން ބަސް މޮށި އުޅެނީ އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ބޮޖްޕޫރީ އާއި ބިހާރު ބަހުން ކަން ފާހަގަ ކޮށްލެވެއެވެ.