އެމްޑީޕީއަށް 20 އަހަރު ފުރުމުގެ އުފާވެރި މުނާސަބަތުގައި އެ ޕާޓީގެ ހިތްވަރުގަދަ އެންމެހާ މެންބަރުންނަށާއި އަދި ޕާޓީއަށް ތާއީދު ކުރާ އެންމެހާ ފަރާތްތަކަށް ވަރަށް ހޫނު މަރުހަބާއަކާއި މުބާރިކްބާދީ ދަންނަވާކަމަށް ވިދާޅުވެ އެކްސްގައި ޕޯސްޓު ކުރައްވަމުން ރައީސް އިބޫ ވިދާޅުވީ، އެމްޑީޕީ އަކީ ހިތްވަރާއި، އިސްލާހާއި އަދި ތަހުޒީބީ ހިޔާލާއެކު ރާއްޖެއަށް ޑިމޮކްރަސީ ތައާރަފް ކުރުމުގެ ފަޙުރުވެރި ޕާޓީ ކަމަށެވެ.
އަދި އިންސާނީ ހައްގުތަކާއި، ސިޔާސީ މިނިވަންކަމާއި ވެރިކަމުގެ އެންމެހާ ކަންކަމުގައި ރައްޔިތުން ބާރުވެރި ކުރުމުގައި ފުރުސަތު ފަހިކޮށްދިން ޕާޓީއަކީ ވެސް އެމްޑީޕީކަން ފާހަގަ ކުރައްވަމުން އެމްޑީޕީގެ އެޑްވައިޒަރުގެ މަގާމުގައި ވެސް ހުންނެވި ރައީސް އިބޫ ވިދާޅުވީ، ރައްޔިތުންނަށް ތަނަވަސްކަމާއި ފާގަތިކަން ހޯދައިދޭން އެމްޑީޕީއަށް 20 އަހަރުކުރިން ފެށި މިދަތުރު އަދި ނުނިމޭކަމަށާ، އެކަމަށްޓަކާ އަދި ކުރަން ހުރި ކަންކަން ވަރަށް ބައިވަރު ކަމަށެވެ.
"އެމްޑީޕީ އަށް 20 އަހަރު ފުރުމުގެ އުފާވެރި މުނާސަބަތުގައި މި ޕާޓީގެ ހިތްވަރުގަދަ އެންމެހާ މެންބަރުންނަށާއި އަދި ޕާޓީއަށް ތާއީދު ކުރާ އެންމެހާ ފަރާތްތަކަށް ވަރަށް ހޫނު މަރުހަބާއަކާއި މުބާރިކްބާދީ ދަންނަވަން. އެމްޑީޕީ އަކީ ހިތްވަރާއި، އިޞްލާޙާއި އަދި ތަހުޒީބީ ޚިޔާލާއެކު ރާއްޖެއަށް ޑިމޮކްރަސީ ތަޢާރަފް ކުރުމުގެ ފަޙުރުވެރި ޕާޓީ، އިންސާނީ ހައްގުތަކާއި، ސިޔާސީ މިނިވަންކަމާއި ވެރިކަމުގެ އެންމެހާ ކަންކަމުގައި ރައްޔިތުން ބާރުވެރި ކުރުމުގައި ފުރުސަތު ފަހިކޮށްދިން ޕާޓީ."
"ރައްޔިތުންނަށް ތަނަވަސްކަމާއި ފާގަތިކަން ހޯދައިދޭން އަޅުގަނޑުމެން 20 އަހަރުކުރިން ފެށި މިދަތުރު އަދި ނުނިމޭ، ކުރަން ހުރި ކަންކަން ބައިވަރު، ޚުދުމުޚުތާރު ގޮށްމުށްތަކުގެ ދަށަށް ޤައުމު އަނބުރާ ހިނގައިދާނެކަމުގެ ބިރު ބޮޑުވެފައިވާ މި ދަނޑިވަޅުގައި، ޤައުމު އަމާން ބަނދަރަކަށް ގެންގޮސްދިނުމަށް އެމްޑީޕީން ކުރިއަށް ދާނީ ޕާޓީގެ ސަފުތައް ހަރުދަނާކޮށް އެކަތިގަނޑެއްގެ ގޮތުގައި." ރައީސް އިބޫ ވިދާޅުވިއެވެ.
މިއަދަކީ އެމްޑީޕީއަށް 20 އަހަރުފުރޭ އަހަރީދުވަސް ކަމަށްވާތީ މިދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތްތައް ފެށުމުގެ ގޮތުން މިއަދު އެ ޕާޓީގެ މައި ހަރުގޭގައި އަދި އަތޮޅު ތެރޭގެ ރަށްތަކުގައި ވެސް ދިދަނެގުމުގެ ރަސްމިޔާތު ވަނީ ބާއްވާފައެވެ.
އެމްޑީޕީގެ ދަނޑިކޮށި ޖަގަހައިގައި މިއަދު ހެނދުނު ކުރިއަށްގެންދިޔަ މި ރަސްމިއްޔާތުގައި، އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު އާއި ޗެއާޕާސަން ފައްޔާޒް އިސްމާއީލްގެ އިތުރުން، އެ ޕާޓީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ގައުމީ މަޖިލީހުގެ މެންބަރުން ނާއި އާންމު މެންބަރުންގެ ތެރެއިން ވެސް ގިނައަދަދެއްގެ މެންބަރުން ވަނީ ބައިވެރި ވެފައެވެ.