އެމްޑީޕީގެ ދަނޑިކޮށި ޖަގަހައިގައި މިއަދު ހެނދުނު ކުރިއަށްގެންދިޔަ މި ރަސްމިއްޔާތުގައި، އެމްޑީޕީގެ ދިދަ ނަންގަވައި ދެއްވީ އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އެވެ. އަދި ދިވެހި ގައުމީ ދިދަ ނަންގަވައި ދެއްވީ އެ ޕާޓީގެ ރައީސް ޢަބްދުﷲ ޝާހިދު އެވެ.
ދިދަނެގުމުގެ ރަސްމިއްޔާތަށް ފަހު އަހަރީދުވަހުގެ ކޭކުފެޅުން ވެސް ދަނޑިކޮށީ ޖަގަހައިގައި ކުރިއަށް ދިޔައެވެ. ކޭކުފެޅުމުގައި ވެސް އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު އާއި ޗެއާޕާސަން ފައްޔާޒް އިސްމާއީލްގެ އިތުރުން، އެ ޕާޓީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ގައުމީ މަޖިލީހުގެ މެންބަރުން ނާއި އާންމު މެންބަރުންގެ ތެރެއިން ވެސް ގިނައަދަދެއްގެ މެންބަރުން ބައިވެރިވިއެވެ.
އެމްޑީޕީގެ ދަނޑިކޮށި ޖަގަހައިގައި މިއަދު ކުރިއަށްދިޔަ ކޭކުފެޅުން - ފޮޓޯ: އެމްޑީޕީ
އެމްޑީޕީ އަށް 20 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން މުޅި އަހަރަށް ބަހާލައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އެ ޕާޓީން އިއްޔެ ހާމަކުރިއެވެ.
ކޭކުފެޅުމުގައި ދިދަނެގުމުގެ ހަރަކާތުގެ އިތުރުން ވެސް މިއަދު މެންދުރު ފަހު ބާއްވާ ފުޓްސަލް މުބާރާތަކާއި، ޒުވާނުންގެ ރޫހުގެ ފަރާތުން އަލަށް މިރޭ ތައާރަފުކުރާ ޕޮޑްކާސްޓެއް ވެސް ކުރިއަށްގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.
އަދި މީގެ އިތުރުން ރާއްޖޭގެ ކޮންމެ ސިޓީއެއްގައި ހާއްސަ ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، ސިޓީތަކުގައި ބާއްވާ ފުރަތަމަ ޖަލްސާ ބާއްވާނީ އަންނަ މަހުގެ 11 ވަނަ ދުވަހު ކުޅުދުއްފުށި ސިޓީގައި ކަމަށް ވެސް އެމްޑީޕީން މައުލޫމާތުދެއެވެ.
އަދި "ރަން ރީނދޫ" ގެ ނަމުގައި ޖުލައި 18 ވަނަ ދުވަހު، އެމްޑީޕީގެ ދަންމަރެއް ހިފައިގެން ރާއްޖޭގެ ކޮންމެ ރަށެއްގައި ދުވުމެއް ފެށުމަށް ނިންމާފައިވާ ކަމަށާ، އެ ދުވުން ނިމޭނީ އަންނަ އަހަރުގެ މެއި މަހު ކަމަށް ވެސް އެ ޕާޓީން ބުނެއެވެ.
އަދި ކާނިވަލަކާއި، މިއުޒިކު ޝޯއެއްގެ އިތުރުން އާޓު އެގްޒިބިޝަނެއް ވެސް ބޭއްވުމަށް ނިންމައިފައި ވާއިރު، ހުރިހާކަމެއްގެ ފައިނަލް ތާވަލެއް ކަނޑައެޅެމުން އަންނަވަރަކަށް މީޑިއާގައި މައުލޫމާތު ހިއްސާކުރަމުން ދާނެކަމަށް ވެސް އެމްޑީޕީން ބުނެއެވެ.
އެ ޕާޓީ އަށް 20 އަހަރު ފާހަގަކުރުމުގެ ގޮތުން ދިގު މުއްދަތެއްގައި ގިނަ ހަރަކާތްތަކެއް ރާވާ ހިންގުމުގެ މަގުސަދެއްކަމަށް އެމްޑީޕީން ބުނަނީ، އެ ޕާޓީން މި ދިވެހިރާއްޖެއަށް ގެނެސްފައިވާ ހެޔޮ ރަނގަޅު ބަދަލުތައް ފާހަގަކުރުމާއެކު އަތޮޅުތެރޭގައި ތިބި އާންމު މެންބަރުންގެ ބައިވެރިވުން ވީހާވެސްބޮޑަކަށް ޕާޓީގެ ހަރަކާތްތަކުގައި ހިމެނުން ކަމަށެވެ.
2005 ވަނަ އަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހު ރަޖިސްޓްރީކުރި އެމްޑީޕީ އަކީ ރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު ސިޔާސީ ޕާޓީ އެވެ. އެއަށްފަހު ގިނަ ޕާޓީ އެކުލެވޭ ނިޒާމެއްގެ ދަށުން 2008 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ފުރަތަމަ ރިޔާސީ އިންތިހާބު އެމްޑީޕީން ކާމިޔާބުކުރިއެވެ.
އެއަށްފަހު 2018 ވަނަ އަހަރު އޮތް ރިޔާސީ އިންތިހާބު ވެސް އެމްޑީޕީ އިން ކާމިޔާބު ކޮށްފައި ވާއިރު، ޖެހިގެންއައި 2019 ވަނަ އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް އެމްޑީޕީ އިން ވަނީ ބޮޑު ކާމިޔާބީއެއް ހޯދައިފައި ކަން ފާހަގަކޮށްލެވެއެވެ.