ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް
ރައީސް މުއިއްޒު ނ.އަތޮޅަށް ވަޑައިގަންނަވަނީ އިތުރު ދޮގުތައް ހަދަން - އައްބާސް
މަރްޔަމް މުޙައްމަދު 6 ޖުލައި 2025 (އާދީއްތަ)   09:11
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މި ހަފުތާގައި ނ. އަތޮޅަށް ވަޑައިގަންނަވާ ކަމަށާއި އެ ދަތުރުގެ ބޭނުމަކީ އިތުރު ދޮގުތައް ހަދައިގެން ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިހާބު ވެރިކަން ކުރާ ޕީއެންސީ އަށް ހޯދުން ކަމަށް، ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.

އެމްޑީއޭގެ ނައިބް ލީޑަރު ކަމުގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ އައްބާސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާއަށް އެނގިވަޑައިގެންފައިވާ ގޮތުގައި ރައީސް މުއިއްޒު ނ. އަތޮޅަށް ވަޑައިގަންނަވަނީ މި މަހުގެ 7 ކުން 9 އަށެވެ.

އެހެންނަމަވެސް، ރައީސްގެ މި ދަތުރުފުޅަކީ "ވަރަށް ސިއްރުން ރޭވިގެން ކުރައްވާ ދަތުރުފުޅެއް ކަމުން ޕީއެންސީގެ މަޖިލީސް މެންބަރުންނަށްވެސް މައުލޫމާތު އަދި އެނގިވަޑައިގެންފައި ނުވޭ." ކަންވެސް އައްބާސް ފާހަގަ ކުރައްވާފައި ވެއެވެ.

އައްބާސް ވިދާޅުވެފައި ވަނީ މުއިއްޒު ނ. އަތޮޅަށް ވަޑައިގަންނަވަނީ އެ އަތޮޅުގެ "ހުރިހާ ރަށެއްގައި ފަތުއަޑު ކިޔާފައި ހިގަމުންދާ ތަރައްގީގެ ބިޔަ ބޮޑު ގިނަ ޕްރޮޖެކްޓުތައް ބައްލަވާލެއްވުމަށް" ކަމަށެވެ. މިއީ މަލާމާތުގެ ގޮތުން އައްބާސް ވިދާޅުވެފައިވާ ވާހަކަ އެއް ކަމަށް ބެލެވެއެވެ. ތަރައްގީ މަޝްރޫއުތައް ނ.އަތޮޅު ގައާއި އައްބާސް ނިސްބަތްވެވަޑައިގަންނަވާ ވެލިދޫ ދާއިރާގައިވެސް ކުރިއަށް ނުދާ ކަމުގެ ޝަކުވާ އައްބާސް ވަރަށް ގިނައިން ކުރައްވައެވެ.

ރައީސް މުއިއްޒު ނ.އަތޮޅަށް ދަތުރެއް ކުރައްވަން ޝެޑިއުލް ކުރެއްވިކަން އަދި މިހާތަނަށް ރަސްމީ އެއްވެސް އިދާރާއަކުން ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް، އައްބާސް ފާހަގަ ކުރައްވާފައިވާ ގޮތަށް ރައީސް ގެ ދަތުރެއް ނ.އަތޮޅަށް މާދަމާ ފައްޓަވާކަން، ނ.އަތޮޅު ބައެއް ރަށު ކައުންސިލްތައް މެދުވެރިކޮށް ފިޔެސް އަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.

ކޮމެންޓް