ރައީސްގެ ދަތުރާ ދިމާކޮށް ނ.އަތޮޅަށްދިޔަ ސިފައިންގެ ކޯސްޓްގާޑް ކެނދިކުޅުދޫ ބަނދަރުގައި.-
އެޑްވާންސް ޓީމްވެސް ދިޔަފަހުން ރައީސްގެ ނޫނު ދަތުރު ކެންސަލްކޮށްފި
ޖުނާން އަޙުމަދު 6 ޖުލައި 2025 (އާދީއްތަ)   21:09
ނ. އަތޮޅަށް މި ހަފުތާގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ކުރައްވަން ހަމަޖެހިފައި އޮތް ދަތުރު ކުއްލިއަކަށް ކެންސަލް ކޮށްފިއެވެ.

ނ. އަތޮޅަށް ރައީސް ދަތުރެއް ކުރަން ނިންމަވަފައިވާކަން އެ އަތޮޅުގެ ކައުންސިލްތަކަށް ރައީސް އޮފީހުން އޮތީ ރަސްމީކޮށް އަންގައިފަ އެވެ. އަދި ދަތުރުގެ ކަންކަން ހަމަޖެއްސުމަށްޓަކައި އެ އަތޮޅުގެ އެކި ރަށްރަށަށް ވަނީ ދަތުރުގެ އެޑްވާންސް ޓީމްތައް ޒިޔާރަތްކޮށްފައެވެ. އޭގެ ތެރޭގައި ސިފައިންނާއި ރައީސް އޮފީހުގެ ބޭފުޅުން އަދި ދައުލަތުގެ މީޑިއާގެ ފަރާތްތައް ހިމެނެއެވެ.

މިހާރުވެސް ރައީސްގެ ދަތުރާ ގުޅިގެން ނ.އަތޮޅަށް ދިޔަ، ސިފައިންގެ ކޯސްޓްގާޑާއެކު 3 އުޅަނދު އެއަތޮޅު ކެނދިކުޅުދޫ ބަނދަރުގައި އެބަ އޮތެވެ.

ފިޔެސް އާ ވާހަކަ ދެއްކި ނ.އަތޮޅު ކައުންސިލެއްގެ ރައީސް ވިދާޅުވީ، ރައީސްގެ ދަތުރު މިމަހުގެ 7 ކުން 9 އަށް ޝެޑިއުލްކޮށް އިންތިޒާމުތައް ހަމަޖައްސަނިކޮށް، ކުއްލި އަކަށް އެންގީ ދަތުރު ލަސްވި ކަމަށެވެ. އަދި ބައެއް ރަށްރަށަށް އެންގީ ދަތުރު ކެންސަލްވީ ކަމަށެވެ.

ރައީސް މުއިއްޒު މީގެ ކުރިންވެސް ނ.އަތޮޅަށް ދަތުރެއް ކުރެއްވުމަށް މިއަހަރުގެ މާޗް މަހު ނ.އަތޮޅަށް ވަޑައިގަތުމަށް ޝެޑިއުލްކުރައްވައި ކައުންސިލްތަކަށް އެންގެވުމަށްފަހު ކެންސަލް ކުރެއްވީއެވެ. ނ.އަތޮޅު ބައެއް ކައުންސިލަރުންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ގޮތުގައި، އެފަހަރު ރައީސްގެ ދަތުރު ކެންސަލް ކުރެއްވީ ދަތުރު ކުރެއްވުމަށް ހަމަޖެއްސެވި ދުވަސްވަރާ އޯލެވެލް ދުވަސްވަރާ ދިމާވެގެން ކަމަށް ވިދާޅުވެއެވެ. އަދި މިފަހަރު ކެންސަލް ކުރެއްވީ ޓާމް ޓެސްޓް ދުވަސްވަރު ކަމަށްވެފައި ރައްޔިތުންނާ ބައްދަލުކުރައްވަން ސްކޫލްތަކުގެ ހޯލުތައް ހޯދުމުގައި ދަތިތަކެއް ހުންނާނެ ކަމަށް ވިދާޅުވެއެވެ.

ރައީސް މުއިއްޒު ދެފަހަރު ނ.އަތޮޅަށް ވަޑައިގަތުމަށް އިންތިޒާމުތަކެއް ހަމަޖެއްސެވުމަށްފަހު ކެންސަލް ކުރެއްވިނަމަވެސް، މިކަން ރަސްމީކޮށް ސަރުކާރުގެ ފަރާތުން އާންމު ކޮށްފައެއް ނުވެއެވެ.

ކުރީފަހަރު ރައީސް ނ.އަތޮޅަށް ވަޑައިގެންނެވުމަށް އިންތިޒާމު ކުރެއްވި ދުވަސްވަރު އެ އަތޮޅުގެ ގިނަ ޕްރޮޖެކްޓްތަކެއް ސަރުކާރުގެ ކުންފުނިތަކާ ހަވާލުކުރިއެވެ. ނަމަވެސް އޭގެ ގިނަ ޕްރޮޖެކްޓްތަކުގެ އަމަލީ މަސައްކަތްތައް އަދިވެސް ނުފެށެވެ.

ރައީސް މިފަހަރު ދަތުރު ކެންސަލް ކުރެއްވީ އެ އަތޮޅު އެއްވެސް ރަށެއްގައި ސަރުކާރުގެ އެއްވެސް މަޝްރޫއުއެއް އެކަށީގެންވާ ގޮތެއްގައި ނުހިނގާތީ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް ހުރުމުން ކަމަށް ވެލިދޫ ދާއިރާގެ މަޖިލިސް މެންބަރު، މުހައްމަދު އައްބާސް ވަނީ ވިދާޅުވެފަ އެވެ.

"މި ގޮތަށް (ނ. އަތޮޅަށް މި ހަފުތާގައި ދަތުރު ނުކުރައްވަން) މި ނިންމެވީ ނ.އަތޮޅުގެ އެއްވެސް ރަށެއްގައި ސަރުކާރުގެ އެއްވެސް ޕްރޮޖެކްޓެއް އެކަށީގެންވާ ގޮތެއްގައި ނުހިނގާތީ ނ. އަތޮޅުގެ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް ހުރުމުން ރައީސް ޑރ. މުއިއްޒުގެ ދަތުރުފުޅުން ހާސިލުވާނެ އެއްވެސް ކަމެއް މިވަގުތު ނެތްތަކަން ޔަގީންވުމުން،" އެކްސްގައި އައްބާސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.

ކޮމެންޓް