އިބްރާހީމް ޝަރީފް (41އ) ގ. ސެމިޓޯން، މާލެ، އާއި ޙަމްޒާ ޝަރީފް (44އ) ގ. ސެމިޓޯން، މާލެ - ފޮޓޯ: ޕޮލިސް
މަސްތުވާތަކެތި ބޭނުންކޮށް ވިޔަފާރިކުރުމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ޖުނާން އަޙުމަދު 6 ޖުލައި 2025 (އާދީއްތަ)   11:23
މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް، ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ފުލުހުން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މިކަމާގުޅިގެން ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި އިއްޔެ ހައްޔަރުކޮށްފައިވަނީ ގ. ސެމިޓޯން، މާލެ، އިބްރާހީމް ޝަރީފް (41އ) އާއި ގ. ސެމިޓޯން، މާލެ، ޙަމްޒާ ޝަރީފް (44އ) އެވެ.

މަސްތުވާތަކެތި ވިއްކުމާއި ބޭނުންކުރުން ހުއްޓުވުމާއި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވޭ ހާއްސަ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނުގައި އެ މީހުން ހައްޔަރުކޮށް ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނީ 90.54 ގުރާމް ހުންނާނެ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން އިބްރާހީމް ޝަރީފްއާއި ޙަމްޒާ ޝަރީފްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށ ްވެސް ފުލުހުން ބުންޏެވެ.

މި މައްސަލަ ޑްރަގް އެންފޯސްމަންޓުން ދަނީ ތަހުގީގުކުރަމުންނެވެ.

ކޮމެންޓް