ފުލުހުންގެ ފަރާތުން ސްކޫލެއްގެ ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ހޭލުންތެރިކަން އިތުރުކުރުމުގެ ސެޝަންއެއްގެ ތެރެއިން.-- ފޮޓޯ: ޕޮލިސް
ދަރިވަރުންގެ ސައިބަރބުލީއާ ދެކޮޅަށް ފުލުހުން ހާއްސަ މަސައްކަތެއް ފަށައިފި
މަރްޔަމް މުޙައްމަދު 6 ޖުލައި 2025 (އާދީއްތަ)   17:29
ސްކޫލްތަކުގެ ދަރިވަރުންގެ މެދުގައި، ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބޭނުންކޮށްގެން ސައިބަރބުލީގެ އަމަލުތައް އިތުރުވަމުންދާތީ، ފުލުހުން ހާއްސަ މަސައްކަތެއް ފަށައިފިއެވެ.

ފުލުހުން މިއަދު މީޑިއާއަށް ދިން މައުލޫމާތުގައި ބުނީ ދިވެހި ފުލުހުންގެ ސައިބަ ކްރައިމް ސެންޓަރުގެ ފަރާތުން އެފަދަ އަމަލުތައް ހުއްޓުވުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައި ވާކަމަށެވެ.

މިގޮތުން ފާއިތުވެދިޔަ ހަފްތާގައި މާލޭގެ 22 ސްކޫލަކަށް ނިސްބަތްވާ އިންސްޓަގްރާމް ކޮންފެޝަން ޕޭޖްތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މައްސަލަ ތަހުގީގު ކުރަން ފަށާފައިވާކަމަށާ، އެފަދަ އިތުރު 20 ކޮންފެޝަން ޕޭޖެއްގެ މައްސަލަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން (އެފް.ސީ.ޕީ) އާއި ސައިބަރ ކްރައިމް ސެންޓަރު ގުޅިގެން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.  

ފުލުހުން ފާހަގަ ކުރި ގޮތުގައި މި މައްސަލައަކީ، ދުވަހުން ދުވަހަށް ބޮޑުވަމުން އަންނަ މައްސަލައެކެވެ. ސްކޫލް ދަރިވަރުންގެ ތެރެއިން ގިނަ ދަރިވަރުންތަކެއް މިކަމުގެ ޝިކާރައަކަށް ވެފައިވާކަމަށާ، މިފަދަ ޕޭޖްތައް އުފައްދައި  ހިންގަމުންދާ ފަރާތްތަކަކީ ވެސް ގިނަ ފަހަރު ސްކޫލް ދަރިވަރުން ކަން ފުލުހުން ފާހަގަކުރިއެވެ.

އަދި ޕޭޖްތައް އުފައްދައި ހިންގާ ދަރިވަރުންގެ މައުލޫމާތު ވަންހަނާކޮށް، އެހެން ދަރިވަރުންނާއި ޓީޗަރުންނާ ބެހޭ ގޮތުން ދޮގު މައުލޫމާތު ފެތުރުމާއި، މަލާމާތް ކުރުމާއި، ފުރައްސާރަ ކުރުމުގެ އިތުރުން ނަފްސާނީ ގޮތުން އަނިޔާ ލިބޭ ފަދަ އެތައް ލިޔުންތަކެއް މިފަދަ ޕޭޖްތަކުގައި ޝާއިއުކުރަމުން ދާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓް