މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ސޮއިކުރި މެލޭޝިއާ ކުންފުނީގެ ޚަބަރެއް ނުވެގެން އެގްރީމެންޓް އުވާލައިފި
ޖުނާން އަޙުމަދު 6 ޖުލައި 2025 (އާދީއްތަ)   11:54
ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން 55 ރަށެއްގައި ކައުންސިލް އިދާރާގެ އާ އިމާރާތް އެޅުމަށް މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ "ހެކްސްޓަރ ގްލޯބަލް" އާ ހަވާލުކުރި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރި ފަހުން އެ ކުންފުނީގެ އެއްވެސް ހަބަރެއް ނުވެގެން އެ އެއްބަސްވުން ބާތިލުކޮށްފި އެވެ.

ލޯކަލް ގަވަމަންޓް މިނިސްޓްރީގެ ބަހެއް މިކަމުގައި ލިބޭގޮތް ވެފައި ނުވި ނަމަވެސް، ފިޔެސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މަޝްރޫއުގެ މަސައްކަތް ކުރަން ސޮއިކުރި ފަހުން މެލޭޝިއާގެ ހެކްސްޓާ ކުންފުނިން އެއްވެސް މުއާމަލާތެއް ނުކުރާތީ، ގިނަ ގޮތްގޮތުން އެ ކުންފުންޏާ މުއާމަލާތްކުރުމަށް ސަރުކާރުން ކުރި މަސައްކަތްތައް ވެސް ނާކާމިޔާބުވުމުން އެ އެއްބަސްވުން ބާތިލުކުރަން ޖެހުނީއެވެ.

ނަމަވެސް މި އިމާރާތްތައް އެޅުމުގެ އަމަލީ މަސައްކަތް، އަންނަ އޭޕްރީލް މަހު ފެށޭނެ ކަމަށް ވެސް މިނިސްޓަރު އާދަމް ޝަރީފް ޢުމަރު މި އަހަރުގެ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހު ވިދާޅުވައިވާ ކަން ފާހަގަކޮށްލެވެއެވެ.

މި އެއްބަސްވުމުގައި ސޮއިކުރި ހިސާބުން ވެސް، މި މަޝްރޫއާ މެދު ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް އާންމުންގެ ފަރާތުން ސޯޝަލްމީޑިއާގައި ފާހަގަކުރިއެވެ. އަދި ފިޔެސް އިން ބެލި ބެލުމުންވެސް ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް އެބަހުއްޓެވެ.

ފުރަތަމަ ކަމަކަށް މިފަދަ ބޮޑު މަޝްރޫއެއް ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ދޫކޮށްލިއިރު އާންމުކޮށް އިއުލާން ނުކުރުމެވެ. މި މަޝްރޫއަށް ބިޑު ހުށަހެޅުމަށް ނުވަތަ ޝައުގުވެރިކަން ފާޅުކުރުމަށް އިއުލާން ކޮށްފައެއް ނުވެއެވެ.

ދެވަނަ ކަމަކަށް، މަސައްކަތާ ހަވާލުވި ކޮންޓްރެކްޓަރަކީ މެލޭޝިއާގެ "ހެކްސްޓަރ ގްލޯބަލް" ކަމަށާއި އެއްބަސްވުމުގައި ކޮންޓްރެކްޓަރުގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރު އަލީ ޝަރީފް ކަމަށް މިނިސްޓްރީން އާންމުކުރި ޚަބަރުގައި އޮތްނަމަވެސް އެއީ ހަގީގަތެއް ނޫނެވެ. ކޮންޓްރެކްޓް ގައި ސޮއިކުރެއްވި އަލީ ޝަރީފަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައި އޮތް ހެކްސްޓަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރެވެ. އެކުންފުނީގެ ހަމައެކަނި ޝެއާހޯލްޑަރަކީވެސް އޭނާއެވެ. ކުންފުނި ރަޖިސްޓްރީކޮށްފައިވަނީ 16 އޮކްޓޯބަރު 2024 ގައެވެ.

ހެކްސްޓާއާ ހަވާލުކުރުމަށް ފަހު ބާތިލުކުރި އެއްބަސްވުމުގައި ހިމެނޭ 55 ކައުންސިލު އިމާރާތަކީ، ސަރުކާރު ހަރަދުގައި އިމާރާތްކުރާ ގޮތަށް ހަމަޖެއްސި ކޮމްޕޯނަންޓެއް ކަމަށް ވާއިރު، މި މަޝްރޫއާމެދު ގިނަބަޔަކު ސުވާލު އުފައްދަން ފެށުމުން، އެ ކަންބޮޑުވުންތަކުގައި އަސްލެއް ނެތް ކަމުގެ ޔަގީންކަން ދެއެްވަމުން ވަޒީރު އާދަމް ޝަރީފް އޭރު ވިދާޅުވީ، އެ މަސައްކަތް ކުރާނީ މެލޭޝިއާ ކުންފުނިން ކަމަށާ، ދިވެހި ކުންފުނީގެ ހިއްސާދާރު އެ އެއްބަސްވުމުގައި ސޮއިކުރީ މެލޭޝިއާ ކުންފުނިން ޕަވާ އޮފް އެޓާނީ ދީފައި އޮތުމުން ކަމަށެވެ.

ކޮމެންޓް