ބައެއް ރަށްރަށުގެ ހޮސްޕިޓަލްތައް އިމާރާތްކުރަން ސަރުކާރު ކުންފުނިތަކާ ހަވާލުކުރަން ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން.-- ފޮޓޯ: ހެލްތު މިނިސްޓްރީ
ކައުންސިލް އިންތިހާބުގައި ސަރުކާރަށް ވޯޓް ދޭންޖެހޭ ސަބަބެއް ނެތް - އައްބާސް
"މި ސަރުކާރު ގެނައުމަށް މަސައްކަތްކޮށް ވޯޓު ދިން %80 ރައްޔިތުން ތިބީ މާޔޫސްވެފައި"
ޖުނާން އަޙުމަދު 29 ޖޫން 2025 (އާދީއްތަ)   14:58
ރަށްރަށުގެ ތަރައްގީގެ ޕްރޮޖެކްޓްތަކުގެ އަމަލީ މަސައްކަތް ނުފެށަނީސް އަންނަ އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރަށް ވޯޓް ދޭންޖެހޭ ސަބަބެއް ނެތް ކަމަށް ރައްޔިތުން މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.

މެންބަރު އައްބާސް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތައް ސަރުކާރުން އިއުލާންކޮށް ސޮއިކުރި ނަމަވެސް އެއްވެސް މަޝްރޫއެއް އެއްވެސް ރަށެއްގައި ނުހިގާކަމަށެވެ. އެހެންކަމުން ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީ އަށް ވޯޓް ދޭންޖެހޭ ސަބަބެއް ނެތްކަމަށެވެ.

"މަތިމަތިން އިއުލާންކޮށް ސޮއި ކުރެއްވި ރައްރަށުގެ ތަރައްޤީގެ ޕްރޮޖެކްޓު ތަކުގެ މަސައްކަތައް ބޭނުންވާ ސާމާނު އަދި އެކަށީގެންވާ މީހުން ރަށް ރަށުގެ ސައިޓުތަކަށް އަރާ އަމަލީ މަސައްކަތް ނުފަށަނީސް ސަރުކާރު ނިސްބަތްވާ ޕާޓީ ޕީ.އެން.ސީ އަށް އެއްވެސް ރަށެއްގެ އެއްވެސް ރައްޔިތަކު ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ދޭންޖެހޭ ސަބަބެއް ނެތް." އައްބާސް ވިދާޅުވެފައި ވެއެވެ.

އައްބާސް ވިދާޅުވީ އޭނާ ނިސްބަތްވެވަޑައިގަންނަވާ، ނ.އަތޮޅުގެ އެއްވެސް ރަށެއްގައި މިސަރުކާރުން އިއުލާންކުރި އެއްވެސް މަޝްރޫއެއް ނުހިނގާކަމަށެވެ. އަދި ކުރީ ސަރުކާރުން ފެށި ކަންކަންވެސް ކުރިޔަށް ނުދާކަމަށާއި މި ސަރުކާރު   ވެރިކަމަށް ގެނެސްދިން ރައްޔިތުން ތިބީ މާޔޫވެސްފައިކަމަށެވެ.

"އަޅުގަނޑުގެ ދާއިރާ އަދި ނ.އަތޮޅުގެ އެއްވެސް ރަށެއްގައި މިސަރުކާރުން އިއުލާންކުރި އެއްވެސް ޕްރޮޖެކްޓެއް ނުހިގަ. އަދި ކުރީ ސަރުކާރުން ފަށާފައި ހުރި އެއްވެސް ޕޮރޮޖެކްޓެއް އެކަށީގެންވާ ގޮތެއްގައި ކުރިއަކަށް ނުދޭ.. ސަރުކާރުގެ ވެރިންގެ ބަހާ އަމަލާ ދިމާ ނުވެ. މިސަރުކާރު ގެނައުމަށް މަސައްކަތްކޮށް ވޯޓު ދިން %80 ރައްޔިތުން ތިބީ މާޔޫސްވެފައި." އައްބާސް ވިދާޅުވެފައި ވެއެވެ.

މެންބަރު އައްބާސް މިފަދައިން ވިދާޅުވިއިރު އޭނާ ނިސްބަތްވާ ދާއިރާގެވެސް ގިނަ މަޝްރޫއުތަކެއް ސަރުކާރުގެ އެކި ކުންފުނިތަކާ ހަވާލުކޮށްފައި ވެއެވެ. އެ މަޝްރޫއުތަކުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުތަކުގައި އައްބާސް ވެސް ބައިވެރިވެވަޑައިގަތެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ޕީއެންސީގެ ޓީމުތައް ވަނީ މިދިޔަ ހަފްތާ ބަންދުގައި އެކި އަތޮޅުތަކަށް ދަތުރުކޮށްފައެވެ.

ލޯކަލް ކައުންސިލް އިންތިހާބު އަންނަ އަހަރުގެ އޭޕްރިލް މަހު ބާއްވަން ތައްޔާރުވަމުން އަންނަކަމަށް އިލްކެޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

ކޮމެންޓް