ކުޅުދުއްފުށީ އެއާޕޯޓް އެސިސްޓެންޓް މެނޭޖަރުގެ މަގާމުގައި ހުންނެވި ޢަބުދުލް އަޙަދު - ފޮޓޯ: މީސްމީޑިއާ
ކުޅުދުއްފުށީ އެއާޕޯޓްގެ އެސިސްޓެންޓް މެނޭޖަރު ހައްޔަރުކޮށްފި
މުޙައްމަދު ޤާސިމް 7 ޖުލައި 2025 (ހޯމަ)   07:17
ކުޅުދުއްފުށީ އެއާޕޯޓްގެ އެސިސްޓެންޓް މެނޭޖަރު ހައްޔަރުކޮށްފި އެވެ.

ކުޅުދުއްފުށީ އެއާޕޯޓް އެސިސްޓެންޓް މެނޭޖަރުގެ މަގާމުގައި ހުންނެވި ޢަބުދުލް އަޙަދު ފުލުހުން ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފިޔެސްއަށް މައުލޫމާތު ލިބެއެވެ.

މިދިޔަ ބުރާސްފަތިދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އަޙަދު ހައްޔަރުކުރީ ކޯޓް އަމުރެއްގެ ދަށުން ކަރެކްޝަނާ ހަވާލުކުރުމަށް ކަމަށް ފުލުހުން ބުނި ނަމަވެސް އެއަށްވުރެ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމއެއް ނުކުރެއެވެ.

މިކަމާގުޅޭގޮތުން ކުޅުދުއްފުށިން ފިޔެސް އަށް މައުލޫމާތު ދިން މީހަކު ބުނީ، މާލެއަށް ނިސްބަތްވެވަޑައިގަންނަވާ އަޙަދު ހައްޔަރުކުރީ ކުރިމިނަލް ކޯޓްގެ އަމުރެއްގެ ދަށުން ކަރެކްޝަނާ ހަވާލުކުރުމަށް ކަމަށެވެ.

އެ އެއާޕޯޓްގެ އެސިސްޓެންޓް މެނޭޖަރުގެ މަގާމާ 2024 ވަނަ އަހަރުގެ މާރިޗުމަހު ހަވާލުވި އަޙަދުގެ މައްޗަށް މީގެ އަހަރުތަކެއް ކުރިން، ހުއްދަނޫން ގޮތެއްގައި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ބާރު ހިންގުމުގައި ބައިވެރިވި މައްސަލައެއްގައި ދައުވާ އުފުލާފައިވާއިރު، އެ މައްސަލައިގެ އަޑުއެހުމެއް ދާދިފަހުން ބާއްވާފައި ވާކަން ވެސް ފާހަގަކޮށްލެވެއެވެ.

ނަމަވެސް އަޙަދު މި ހައްޔަރުކުރީ އޭރުގެ އެ މައްސަލައާ ގުޅިގެން ކަމެއް އަދި ސާފު ނުވާކަމަށް، ކުޅުދުއްފުށިން ފިޔެސް އަށް މައުލޫމާތު ދިން މީހާ ބުންޏެވެ.

ކޮމެންޓް