މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އައްބާސް ވިދާޅުވީ، ވެރިކަމަށް ދެ އަހަރު ފާއިތުވާއިރު ރައީސުލްޖުމްހޫރިއްޔާގެ ވައުދުތައް ނުފުއްދަވާ ކަމަށެވެ. އަދި ދިވެހި ރައްޔިތުންގެ ނަމުގައި ލޯނު ނަގައިގެން ރަސްމާލެ ހިއްކަން ނުޖެހޭ ކަމަށާ، އޭގެ ބަދަލުގައި ސަރުކާރުން ކުރަން ޖެހޭ ކަމަކީ އެކި ސްކީމުތަކުގެ ދަށުން ދޫކުރި ގޯއްޗާއި ފުލެޓުތައް ލިބިފައިވާ ފަރާތްތަކަށް އެތަންތަން ހަވާލުކުރުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިދިޔަ ސަރުކާރުން ކަނޑުން ވިޔަސް ފަޅުން ވިޔަސް ދިން ގޯތިތަކަކީ ރަނގަޅު ކަމެއް ކަމުގައި މި ސަރުކާރުން ނިންމައިފި ކަމަށާއި ސަރުކާރުން ދެން ޖެހޭނީ އެ ގޯތިތައް ދޭން ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ.
"މިއަދު ރަށްފުށުގަޔާއި މާލޭގަޔާއި ބޯހިޔާވަހިކަން ނެތް މީހުންނަށް ގެދޮރު އަޅައިދޭންވީ. ފުށިދިއްގަރުފަޅެއް ނޫން ހިއްކަން ވީ ދައުލަތުން ރައްޔިތުންގެ ނަމުގަ ލޯނު ނަގައިގެން. ރައްޔިތުން ނަމުގަ ލޯނު ނަގައިގެން ފުށިދިއްގަރުފަޅު ހިއްކާކަށް ނުޖެހޭ. 4،000 ފުލެޓުގެ ހައްގުވެރިންނަށް 4،000 ފުލެޓު ދެއްވަންވީ، އިއްޒަތްތެރި ރައީސް،" އައްބާސް ވިދާޅުވި އެވެ.
އައްބާސް މިމޭރުމުން ވާހަކަ ދެއްކެވިއިރު، ރަސްމާލެ ހިއްކުމަށް ތިން ކުންފުންޏެއް މެދުވެރިކޮށް 600 މިލިއަން ޑޮލަރުގެ ލޯނު ނަގަން ސަރުކާރުން ވަނީ ނިންމާފައެވެ.
އަދި އައްބާސްގެ ވާހަކައިގާ "އަތޮޅުތެރޭގެ ރަށްރަށަށް ރައީސަށް އަރަން ނުކެރެނީ" ކަމަށް ވިދާޅުވިއިރު، ރައީސް މުއިއްޒު މިއަދުން ފެށިގެން ނ.އަތޮޅަށް ކުރެއްވުމަށް އިންތިޒާމުކުރެއްވި ރަސްމީ ދަތުރުފުޅުވެސް އިއްޔެ ވަނީ ކުއްލި ގޮތަކަށް ކެންސަލް ކުރައްވާފައެވެ.