ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭނެ ހާލަތްތަކާއި، އެފަދަ ވޯޓެއް ނެގުމުގެ އެންމެހާ ހަމަތައް ބަޔާންކޮށް މަޖިލީހަށް ސަރުކާރުގެ ފަރާތުން ބިލެއް ހުށަހެޅުއްވުމުން، އަސާސީ އެތައް ކަމެއް ރައްޔިތުންނަށް ފުރިހަމަ ނުވެ މިފަދަ ބިލެއް ހުށަހެޅުމަކީ ކޮށްގެންވާނޭ ކަމެއް ނޫންކަމަށް މަޓޭ ވިދާޅުވިއެވެ.
ޑޮލަރުގެ އަގު ވެސް އިންތިހާއަށް މައްޗަށް ގޮސްފައިވާއިރު ރާއްޖޭގެ އިގުތިސޯދު އޮތީ ކަންބޮޑުވާ ހާލަތެއްގައި ކަން ފާހަގަކުރައްވަމުން މަޓޭ ވިދާޅުވީ، ރައްޔިތުން ތިބީ ކާބޯތަކެތީގެ އަގުތައް އިންތިހާއަށް މަތިވުމުގެ ސަބަބުން ފިހާރަތަކަށް ވިކުރާ ޖަހައި ދަރަނިވެރިވެފައި ކަމަށާ، ރައްޔިތުން މިއަދު ތިބީ އަސާސީ ބޭސްކޮޅެއް ނުލިބި، އާސަންދަ ނުލިބިގެން ސަލާން ޖަހަން ޖެހިފައި ކަމަށެވެ.
"ކޮންމެ ދުވަހަކު ގުޅަނީ ބޭސް ސިޓީއަށް ބޭސް ނުލިބިގެން. މިއީތޯ ކުރަން ފެނުނު އެންމެ މުހިންމު ކަމަކީ މިވަގުތު. މިއަށް ވުރެ ޒިންމާދާރުވާން ޖެހޭ،" މަޓޭ ވިދާޅުވި އެވެ.
ސަރުކާރުން ގައުމު މި ހާލަތަށް ވައްޓާލުމަށް ފަހު މިހާރު މަސައްކަތް ކުރަމުން ދަނީ ރައީސުލްޖުމްހޫރިއްޔާގެ ދައުރު ދަންމާލުމަށް ކަމަށް ވިދާޅުވެ މަޓޭ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އެމަނިކުފާނު އަމިއްލަފުޅަށް ވެވަޑައިގެންނެވި ވައުދުފުޅުތައް ވެސް ނުފުދި މުޅި ގައުމު މިވަނީ އޮޔާ ގޮސްފައި ކަމަށާ، ރަށްރަށުގައި ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތް ނިމިފައި ހުއްޓަސް އޭގެ ފައިދާ އެކަށީގެންވާ ގޮތުގައި ނުވަތަ އެއްވެސް ގޮތަކަށް ރައްޔިތުންނަށް ނުލިބޭ ކަމަށެވެ.
"ކޮންމެ މަހަކު 50،000 ރުފިޔާ ދީގެން މަޖިލިސް ކޮންޓްރޯލް ކޮށްގެން ރައީސުލްޖުމްހޫރިއްޔާ ބޭނުންވާ ގޮތަކަށް މުޅި ގާނޫނުތަކާއި ނިޒާމު ބަދަލުކުރަން މި ކުރާ މަސައްކަތް ހުއްޓާލަން ޖެހޭ. ރައްޔިތުން ބޭނުންވާ އަސާސީ ހިދުމަތް ފޯރުކޮށް ނުދީ މި ކޮން ސަކަރާތެއްތޯ." މަޓޭ ވިދާޅުވި އެވެ.
މި ބިލަކީ މިއީ މީގެ އެތައް އަހަރެއް ކުރިން ވުޖޫދަށް އަންނަން ޖެހޭ ގާނޫނެއް ކަމަށާ، މިއީ ބޮޑެތި ނިންމުންތައް ނިންމުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރު ކުރުމަށް ހުށަހަޅާފައިވާ ބިލެއް ކަމަށް ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުން މިއަދުގެ މަޖިލީހުގެ ޖަލްސާގެ ބަހުސްގައި ވިދާޅުވެފައިވާ ކަން ފާހަގަކޮށްލެވެއެވެ.