ހައްޖުގެ އަޅުކަމަށް ރާއްޖެއިން ބަޔަކު ފުރައިގެންދަނީ.-- ފޮޓޯ: ހައްޖު ކޯޕަރޭޝަން
ހައްޖަށްދާން ދައްކާ ފައިސާއިން ޒަކާތް ދައްކަންޖެހޭނީ ހައްޖު ކޯޕަރޭޝަނުން
މަރްޔަމް މުޙައްމަދު 13 ޖުލައި 2025 (އާދީއްތަ)   12:11
މޯލްޑިވްސް ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް މީހުން ހައްޖަށް ދިޔުމަށް ދައްކާ ފައިސާއިން ޒަކާތް ދައްކަން ޖެހޭނީ އެ ކުންފުނީގެ ފަރާތުން ކަމަށް ކަނޑައަޅައި ފަތުވާ ނެރެފި އެވެ.

ފަތުވާ މަޖިލީހުން މިމަހުގެ 8 ވަނަ ދުވަހު ފާސްކުރި "މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހައްޖަށް ދިއުމަށް ދައްކާ ފައިސާއިން ޒަކާތް ދެއްކުމާ ގުޅޭ" ފަތުވާ މިއަދު ވަނީ އެ މަޖިލީހުގެ ވެބްސައިޓުގައި އާންމުކޮށްފަ އެވެ.

ހައްޖަށް ދިއުމަށް ހައްޖު ކޯޕަރޭޝަނަށް ދައްކާ ފައިސާއިން ޒަކާތް ދިނުމާ ގުޅޭ ގޮތުން އެ މަޖިލީހުގެ ލަފާ ހޯދުމަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ނެރުނު ފަތުވާގައި ވަނީ މިގޮތަށް ކަނޑައެޅީ ހައްޖު ކޯޕަރޭޝަނުން ފަތުވާ މަޖިލީހަށް ދިން މައުލޫމާތުގެ އަލީގައި ކަމަށެވެ.

އެ މައުލޫމާތަށް ބަލައި އެ މަޖިލީހުގެ މެންބަރުން ދިރާސާކުރުމަށް ފަހުގައި ނިންމާފައި ވަނީ އާންމު ރައްޔިތުން ހައްޖަށް ދާން ހައްޖު ކޯޕަރޭޝަނަށް ދައްކާ ފައިސާއިން ޒަކާތް ދައްކަން ޖެހޭނީ އެ ކުންފުނީގެ ފަރާތުން ކަމަށެވެ.

ހައްޖު ކޯޕަރޭޝަންގެ ފަރާތުން ހައްޖަށް ދިއުމަށް މިހާރު ޖުމްލަ 69،965 ރުފިޔާ ދައްކަން ޖެހޭއިރު، ހައްޖަށް ދާން އެދި ކިއުގައި 9،000 އަށް ވުރެ ގިނަ މީހުން މިހާރުވެސް ކިއުގައި އެބަތިއްބެވެ. ހައްޖު ކިއުގައި ޖެހެވެނީ ހައްޖަށް ދާން ދައްކަންޖެހޭ ފުލް ޕޭމަންޓް ނުވަތަ ކަނޑައަޅާފައިވާ ވަކި އަދަދެއް ދެއްކުމުންނެވެ.

ކޮމެންޓް