މުދަލު ޒަކާތާއި ފިތުރު ޒަކާތް ދެއްކުން ލާޒިމުވާ މީހުންގެ ޝަރުތުތައް ބަޔާންކޮށް، އެ މީހުންގެ މައްޗަށް ޒަކާތް ދެއްކުން ލާޒިމު ކުރަން ޒަކާތުގެ ގާނޫނެއް ހަދަން ސަރުކާރުން މިއަދު ވަނީ މަޖިލީހަށް ހުށަހަޅައިފައެވެ. އެ ބިލުގައި ވާގޮތުން ޒަކާތުގެ ނިޒާމު ހިންގައި ބެލެހެއްޓުމުގައި އިސްލާމިކް މިނިސްޓަރަށާއި ޒަކާތު ހައުސްއަށް ލަފާ ދިނުމާއި އެ ނިޒާމު ހިނގާ ގޮތް ބެލެހެއްޓުމަށްޓަކައި ޒަކާތު ކައުންސިލުގެ ނަމުގައި ނުވަ މެންބަރުންގެ މައްޗަށް އެކުލެވޭ ކައުންސިލެއް އުފައްދައެވެ. އޭގެއިތުރުން އިސްލާމިކް މިނިސްޓްރީގެ ދަށުން މިހާރު ހިންގަމުން އަންނަ މޯލްޑިވްސް ޒަކާތު ހައުސް މިނިސްޓްރީގެ ދަށުން ވީއްލައި ސަރުކާރުގެ ވަކި އިދާރާއަކަށް ހަދަން ވެސް އެ ބިލުގައި ހިމަނާފައިވެ އެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގައި އެބިލުގެ ބަހުސް ކުރިއަށްދިޔައިރު ޑރ.ޝަމްހީދު ވަނީ އެބިލުގައި ހުރި ބައެއް ކަންކަމަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ޒަކާތް ނެގުމުގައި މީރާގެ ރޯލެއް އޮވެ އެކަން ރަނގަޅަށް ކުރިއަށް ދަނިކޮށް ޒަކާތް ނެގުމަށް އިތުރު އިދާރާއެއް އުފައްދާ އަދި ފަތުވާ މަޖިލީހެއް އޮއްވާ ޒަކާތުގެ ކަންކަމުގައި ލަފާ ދޭން ޝަރީއާ އެޑްވައިޒަރީ ކޮމެޓީއެއް އުފެއްދުމުގެ ބޭނުމެއް ނެތް ކަމަށެވެ.
"މިބިލާއި އެކީގައި މީރާ އޮތްތަނުގައި ބާއްވާފައި އާ މީރާއެއް އިސްލާމިކް މިނިސްޓްރީގެ ތެރޭގައި އުފައްދަން މި ގާނޫނު ލާޒިމް މިކުރަނީ." ޝަމްހީދު ވިދާޅުވިއެވެ.
އިސްލާމީ ގައުމުތަކުން އަދި ހާއްސަކޮށް ދިވެހިރާއްޖެއިން ވެސް މިސާލެއްގެ ގޮތުގައި ބަލާ ސަޢޫދީ ޢަރަބިއްޔާގައި ޓެކްސްއާއި، ޒަކާތް ނަގަނީ އެގައުމުގެ ޓެކްސް އޮތޯރިޓީން ކަމަށާއި އެހެންކަމުން ދިވެހިރާއްޖެއިން ވަކި ތަފާތު ގޮތަކަށް މިކަން ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ޓެކްސް ނަގާއިރު، ވަރަށް ކޮމްޕްލިކޭޓްކޮށް އަޅުގަނޑުމެން ބެލެންޝީޓެއް ހަދަން މިޖެހެނީ. އާންމު އުސޫލުން ޒަކާތް ކަނޑާފައި، ދެން ހުރި ޓެކްސްތައް އަޅުގަނޑުމެން ބީޕީޓީ ދެއްކިޔަސް މި ދައްކަން މި ޖެހެނީ. އެހެންވީމާ، އަޅުގަނޑުމެން ބެލެންޝީޓު ހަދާއިރު، އަޅުގަނޑުމެން އެއް އިދާރާއިން، މި ބެލެންޝީޓު އަނެއް އިދާރާއަށް އަނެއް ބެލެންޝީޓް ހުށަހަޅައިގެން ދެ ތަނުން އެބަޖެހޭ އަޅާކިޔަން. އެހެންވީމާ، އެއީ އެކަން ކުރެވޭނެ ގޮތެއް ނޫން." ޝަމްހީދު ވިދާޅުވިއެވެ.
ޑރ.ޝަމްހީދުގެ މިވާހަކަތަކާ ގުޅުވައި އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދު ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ.
"އިސްލާމިކް ޑިވެލޮޕްމަންޓް ތާއީދު ކުރައްވާ. މެލޭޝިޔާ ފަދަ ގައުމުތައް ބައްލަވާ ކުރިއަރައިގެން ދާގޮތް. ޒަކާތް، އަވްޤަފް، ހައްޖު ފަންޑު މެނޭޖްމަންޓް ގާނޫނުތައް ހަދައި ގައުމީ ހަޔާތަށް ގެންނަމުންދާ ކުރިއެރުން ބައްލަވާ. އިސްލާމީ ޒަމާނީ ހަޟާރަތާއެކު ކުރިއަށް ދާންވީ" ޑރ.ޝަހީމް ލިޔުއްވާފައި ވެއެވެ.
ޑރ.ޝަހީމްގެ މިވާހަކަތަކަށް ރައްދު ދެއްވައި ޑރ.ޝަމްހީދު، އެކްސްގައި ވިދާޅުވެފައިވަނީ ސަޢޫދީ ޢަރަބިއްޔާ ފަދަ އިސްލާމީ ޤައުމުތަކުގައި ޢަމަލުކުރާ އުސޫލަކީ ޓެކުސް އާއި ޒަކާތުގެ ފައިސާ ބަލައިގަންނަނީ ޓެކުސް އޮތޯރިޓީ ކަމަށެވެ.
ރާއްޖޭގައި މިހާރުވެސް ދައުލަތުގެ މުއައްސަސާއެއްގެ ގޮތުގައި މީރާ ހިނގަމުންދާއިރު، އަދި މިހާރުވެސް ޒަކާތުގެ ފައިސާ ބަލައިގަންނަމުންދަނީ އެ އިދާރާއިން ކަމަށްވާހިނދު، ޒަކާތް ނެގުމަށް އިތުރު އިދާރާއެއް އުފެއްދުމަކީ ވިސްނާލަންޖެހޭ ކަމެއް ކަމަށް ޝަމްހީދު ލިޔުއްވާފައި ވެއެވެ.
"އަލަށް އުފައްދާ 'ޒަކާތު ހައުސް' އަކަށް ޒަކާތުގެ ފައިސާއިން ބޮޑު ބައެއް ހޭދަކުރުމަކީ ދައުލަތުގެ ވަސީލަތްތައް އިސްރާފުވެދާނެ ކަމެއް ކަމުގައި ފާހަގަކުރެވޭތީ، މި ކަމާމެދު ފުންކޮށް ވިސްނައި، އެންމެ ޚަރަދު ކުޑަ އަދި ފައިދާ ބޮޑު ގޮތަކަށް ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަކީ މުހިންމު ކަމެއް ކަމުގައި ދެކެމެވެ." ޝަމްހީދު ފާހަގަ ކުރައްވާފައި ވެއެވެ.
ޒަކާތް ދިނުމާ ގުޅޭގޮތުން މިއަދު ބަހުސް ކުރިއަށްދިޔަ ބިލު ގަނޫނަކަށް ބަދަލުވުމާއެކު މާލިއްޔަތު ގާނޫނުގެ ދަށުން ހަދައި އިސްލާމިކް މިނިސްޓްރީން ބަލަހައްޓަމުން އައި ޒަކާތު ފަންޑު ވެސް ޒަކާތު ހައުސްގެ ދަށަށް ބަދަލުވާނެއެވެ. އެ ބަދަލާއެކު ޒަކާތު ފަންޑުގައި ހުންނަ ފައިސާ އިންވެސްޓު ކުރުމުގެ އިހުތިޔާރު ވެސް މޯލްޑިވްސް ޒަކާތު ހައުސްއަށް އެ ބިލުން ދީފައިވެއެވެ.