
މި ފަރާތްތައް ހޮވުމަށް މި މަހުގެ 9 ވަނަ ދުވަހު އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގައި އާއްމުންނަށް ފެންނާނެހެން ލައިވްކޮށް ގުރުއަތުލުން ބާއްވާފައިވައިވާއިރު ސަރުކާރުގެ ހަރަދުގައި ހައްޖުގެ މަތިވެރި އަޅުކަމަށް ދިއުމަށް 50 މީހަކު ވަނީ ހޮވާފައެވެ.
އަދި އެއްވެސް ސަބަބެއް މެދުވެރިވެ ނުދެވިއްޖެ ހާލަތެއްގައި ދާނެ ފަރާތްތަކުގެ ގޮތުގައި ވެސް 25 މީހަކު ހޮވާފައިވެއެވެ.
އިސްލާމިކް މިނިސްޓްރީން އިއްޔެ ބުނީ، ގުރުއަތުން ހޮވުނު ފަރާތްތަކުގެ ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު މި މަހުގެ 12 ވަނަ ދުވަހުގެ މެންދުރު 12:00 އާއި ހަމައަށް ހުޅުވާލާފައި ވާއިރު، މި ލިސްޓަށް އެއްވެސް ޝަކުވާއެއް ހުށައެޅުމަށް ބޭނުންވެލައްވާނަމަ [email protected] މި މެއިލްއަށް ޝަކުވާ ފޮނުވުމަށް އެ ވުޒާރާއިން އެދޭކަމަށެވެ.
އަދި މި ލިސްޓަށް ޝަކުވާއެއް ހުށައެޅުމަށް ބޭނުންވެލައްވާނަމަ ގޫގުލް ޑޮކްސްގެ މި ލިންކުން ވެސް ހުށައެޅޭނެ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދެއެވެ.
ގުރުއަތުން ހޮވުނު ފަރާތްތަކުގެ ދާއިމީ ލިސްޓު އާއްމު ކުރުމަށް ހަމަޖެހިފައިވަނީ ހުށައެޅޭ ޝަކުވާތަކަށް ބެލުމަށްފަހުގައި ކަމަށާ، މި ރިޔާސީ ދައުރުގެ ތެރޭގައި ޖުމްލަ 1000 ފަގީރުން ހައްޖަށް ފޮނުވުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެއް ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
އާންމުންގެ މެދުގައި މި ސަރުކާރުގެ ނާއިންސާފުގެ ވާހަކަ ފެތުރެމުންދާއިރު، ސަރުކާރުން މީހުން ހައްޖަށް ފޮނުވުމުގައި ވެސް އޮތީ މަކަރާއި ކޮރަޕްޝަން އަދި ސިޔާސީ ނުފޫޒުކަމަށް ގިނަބަޔަކު ތުހުމަތު ކުރެއެވެ.
އެގޮތުން އެތައް ދުވަހެއް ވަންދެން ކިއުގައި މަޑުކޮށްގެން ހުންނަ ނިކަމެތި މީހާ ހުރިގޮތަށް ހުއްޓާ ސިޔާސީ ބޭބޭފުޅުންނާއި އެ ބޭފުޅުންގެ ގާތް ބޭފުޅުންނަށް ކުއްލިއަކަށް ފުރުސަތު ލިބިގެންދާތަން ފެންނަކަމުގެ ތުހުމަތު ވެސް އާންމުން ކުރެއެވެ.




