
ދިވެހީން ގިނަ އަދަދަކަށް މަތީ ތައުލީމު ހާސިލުކުރުމަށް ދާ މެލޭޝިއާގެ މި އަހަރުގެ ބަޖެޓުގައިވާ ގޮތުގެ މަތިން، އެސްއެސްޓީ (ސޭލްސް އެންޑް ސާވިސް ޓެކްސް) އަށް ގެންނަ ބަދަލެއްގެ ދަށުން، މަތީ ތައުލީމު ފޯރުކޮށްދޭ ކޮލެޖުތަކާއި ޔުނިވާސިޓީތަކުން ބޭރުގެ ދަރިވަރުންނަށް ފުރުސަތު ދޭ ނަމަ، އެ ޓެކްސްއަށް ރެޖިސްޓާ ކުރަން ޖެހޭނެއެވެ.
އަދި ކޮންމެ ދަރިވަރަކަށް އަހަރަކު 60،000 ރިންގިޓް، ދިވެހި ރުފިޔާއިން ނަމަ ގާތްގަނޑަކަށް 218,500 އަށް ވުރެން ގިނަ ރުފިޔާ ޓިއުޝަން ފީއަށް ނަގާ ޕްރައިވެޓް ސްކޫލްތަކުން ވެސް އެސްއެސްޓީއަށް ރެޖިސްޓާކުރަން ޖެހެއެވެ.
މި ޓެކްސްއަކީ މެލޭޝިއާގެ ރައްޔިތުން އެއިން އިސްތިސްނާ ވެގެންވާ ޓެކުހެކެވެ. ދިވެހި ސަރުކާރުން ބުނަނީ، އެ ގައުމުގައި ދަރިވަރުންގެ އަތުން އިތުރު ޓެކުހެއް ނެގިޔަސް، ދަރިވަރުންނަށް އެ ކަން ބުރައަކަށް ނުވާގޮތަށް ސަރުކާރުން ހަމަޖައްސައިދޭނެ ކަމަށެވެ. އަދި ސްކޮލާޝިޕާއި ލޯނުން ކިޔަވާ ދިވެހި ދަރިވަރުންނަށް އެ ޓެކްސް ދައްކައިދޭނެ ކަމަށް ވެސް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. ޢަލީ ހައިދަރު އަޙުމަދު ވިދާޅުވެފައި ވެއެވެ.
އެހެންކަމުން ސަރުކާރުގެ ހަރަދުގައި މެލޭޝިޔާގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން، އިތުރުކުރި ޓެކުހަށްވާ ފައިސާ ހޯދުމަށް އެދި ހުށަހެޅުމުގެ ފުރުސަތު އެ މިނިސްޓްރީން މިހާރު ހުޅުވާލާފައި ވާއިރު، އެކަމަށް އެދި ހުށަހެޅޭނީ މިނިސްޓްރީން ތައްޔާރުކޮށްފައިވާ ގޫގްލްފޯމެއް މެދުވެރިކޮށް ކަމަށް އެ މިނިސްޓްރީން މައުލޫމާތުދެއެވެ.
މެލޭޝިއާގައި ކިޔަވާ ހުރިހާ ބޭރު ދަރިވަރުން އަތުން %6 ގެ ޓެކްސްއެއް މި ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ނަގަން ނިންމީ ފާއިތުވި ޖޫން މަހުގެ ތެރޭގައެވެ. އަދި ޖޫން މަހުގެ ކުރީކޮޅު މެލޭޝިއާގެ ފިނޭންސް މިނިސްޓްރީން ވަނީ އެ ގައުމުގެ ފިސްކަލް ހާލަތު ރަނގަޅުކޮށް އާމްދަނީ އިތުރު ކުރަން ޓެކްސް ބޭސް ފުޅާ ކުރާނެ ކަމަށް ބުނެފައިކަން ފާހަގަކޮށްލެވެއެވެ.
ނަމަވެސް މެލޭޝިއާގެ އަމާޒަކީ މި އަހަރު އެ ގައުމުގައި ކިޔަވާ ބޭރު ދަރިވަރުންގެ އަދަދު 250،000 އަށް އެރުވުމެވެ. ނަމަވެސް އެ ގައުމުން ބޭރު ދަރިވަރުންގެ އަތުން ޓެކްސްއެއް ނަގަން އުޅުމާއެކު، މެލޭޝިއާއިން ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލުކުރުމަށް ބުރޫއަރާނެކަމަށް ކަމާބެހޭ އިދާރާތަކުން އަންނަނީ ބުނަމުންނެވެ.




