ދިވެހި ދަރިވަރުން ލޯން އަދި ސްކޮލާޝިޕްގައި ކިޔަވަމުން ދާއިރު، މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނުން އެ ދަރިވަރުންނާމެދުގައި ވެފައިވާ އިހުމާލުތަކުގެ ރިޕޯޓެއް، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫޫ)، ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދަށް ފޮނުއްވައިފިއެވެ.
ކުޑޫ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، މިނިސްޓަރު ހައިދަރު ފޮނުއްވި ސިޓީ ހިއްސާކުރައްވާ އެކަމާގުޅޭ ރިޕޯޓުގެ މައުލޫމާތު ވެސް ވަނީ ހިއްސާކުރައްވާފައެވެ. އެގޮތުން ދަރިވަރުން ހުށަހަޅާފައިވާ ޝަކުވާތައް ހިމެނޭ ދެ ލިޔުމެއްގެ މައްޗަށް ބިނާކޮށްފައިވާ އެ ރިޕޯޓުގައި ހިމެނޭ ކަންތައްތައް ތިރީގައި އެވަނީއެވެ.
ލިޔުން - 1 ފައިސާގެ މުއާމަލާތްތަކާއި އިދާރީ ލަސްވުންތައް
މި ލިޔުމަކީ މިނިސްޓްރީއަށް ހުށަހަޅާފައިވާ ފައިސާގެ އެކި މުއާމަލާތްތައް ލަސްވަމުންދާ ގޮތް ތަފްސީލުކޮށްދޭ ރެކޯޑްތަކެއް ކަމަށް ވާއިރު މި ލިޔުމުގެ މުހިންމު ނުކުތާތަކަކީ:
- ސްޓައިޕެންޑް ލަސްވުން: ގިނަ އަދަދެއްގެ ދަރިވަރުންނަށް ދޭންޖެހޭ ސްޓައިޕެންޑް ނުލިބި ދެ މަހާއި ހަތަރު މަހާ ދެމެދުގެ މުއްދަތެއް ވެފައިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
- ރީއެމްބާސްމަންޓް: ޓިކެޓް ފައިސާ އާއި އެހެނިހެން ޚަރަދުތަކުގެ ބަދަލު ހޯދަން ހުށަހެޅިތާ އެތައް މަހެއް ވީއިރުވެސް ފައިސާ ޖަމާވެފައިނުވާ ފާހަގަކޮށްފައިވެއެވެ.
- މުޢާމަލާތް ކުރުމުގެ ދަތިކަން: މިނިސްޓްރީއިން އީމެއިލްތަކަށް ޖަވާބު ނުދޭކަމާއި، ވަޓްސްއަޕް މެދުވެރިކޮށް ދެނީ ވަރަށް ނުސާފު ޖަވާބުތަކެއްކަން ފާހަގަކޮށްފައިވެއެވެ.
- ދިރިއުޅުމުގެ ދަތިތައް: ފައިސާ ލަސްވުމުގެ ސަބަބުން ކުލި ދެއްކުމަށާއި އަސާސީ ބޭނުންތަކަށް ބޭނުންވާ ފައިސާ ނެތި ދަރިވަރުން ދަނީ ބޮޑެތި ތަކުލީފުތަކެއް އުފުލަމުން ކަމަށް ބުނެފައިވެއެވެ.
ލިޔުން 2: ދަރިވަރުންގެ ތަޖުރިބާތަކާއި ނިޒާމީ އިހުމާލުތައް
މި ލިޔުމަކީ އެކި ގައުމުތަކުގައި ކިޔަވަމުންދާ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުންތައް އެކުލެވޭ ތަފްސީލީ ލިޔުމެއް ކަމަށްވާއިރު މި ލިޔުމުގެ މުހިންމު ނުކުތާތަކަކީ:
- ސްޓައިޕެންޑްގެ މިންވަރު ކުޑަވުން: މިހާރު ދެވޭ ސްޓައިޕެންޑަކީ މީގެ ގިނަ އަހަރުތަކެއް ކުރީގެ ރޭޓްތަކަކަށްވުމުން، މިހާރުގެ އިންފްލޭޝަންއާއި ގުޅިގެން އެ ފައިސާއިން ޚަރަދުތައް ހަމަނުޖެހޭކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
- ޔުނިވާސިޓީތަކުގެ ފިޔަވަޅުތައް: މިނިސްޓްރީއިން ކޯސް ފީ ނުދެއްކުމުގެ ސަބަބުން އޮސްޓްރޭލިއާ ފަދަ ގައުމުތަކުގައި ކިޔަވާ ދަރިވަރުންގެ އެކައުންޓުތައް ސަސްޕެންޑްކޮށް، ނަތީޖާ ނުފެނުމާއި ކްލާސްތަކަށް ނުވަދެވޭ ގޮތަށް ބްލޮކްކޮށްފައިވުމުގެ މައްސަލަތައް މި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން، ބައެއް ދަރިވަރުންގެ ސްކޮލަޝިޕް ކެންސަލްވާ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
- އިދާރީ ބާގަނޑުތައް : ދަރިވަރުން ހުށަހަޅާފައިވާ ލިޔެކިޔުންތައް ގެއްލުމާއި، އެއް ލިޔުމެއް ތަކުރާރުކޮށް ހުށަހަޅަން އެންގުމާއި، އަދި ކަމާބެހޭ މުވައްޒަފުންނާއި ބައްދަލުނުވުން ފަދަ މައްސަލަތައް ރިޕޯޓުގައި ހިމެނެއެވެ.
- އިތުބާރު ގެއްލުން : މިނިސްޓްރީގެ މަސައްކަތްތައް ހުރި ގޮތުން ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކޮށް، ސަރުކާރުގެ ނިޒާމަށް އޮތް އިތުބާރު ވަނީ ވަރަށް ބޮޑަށް ގެއްލިފައިކަން ފާހަގަކޮށްފައިވެއެވެ.
- މުއާމަލާތުގެ ނިޒާމް : ފޯނު ނުނެގުމާއި، ދަރިވަރުން "ސީން" ކުރުމަށްފަހު ޖަވާބު ނުދިނުމަކީ އާންމު ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.
ކުޑޫ ވިދާޅުވީ މި ރިޕޯޓުގައިވާ ކަންކަމަކީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަގުތުން ވަގުތަށް އިސްލާހުކޮށް، ދަރިވަރުންނަށް ލިބެމުންދާ ގެއްލުންތަކަށް ހައްލު ހޯދައިދޭންޖެހޭ ކަންކަން ކަމަށާ، އަދި އެ ސިޓީގައި ބަޔާންކޮށްފައިވާ ކަންކަމަށް އަވަސް ޖަވާބެއް ބޭނުންވާ ކަމަށް ވެސް ކުޑޫ ވިދާޅުވެފައި ވެއެވެ.