
ދެކުނު އޭޝިއާ ސަރަހައްދަށް މިހާރު ކުރަމުން މިދާ ބޯ ވިއްސާރައިގައި ލަންކާ ފިޔަވާ، ހާލަތު އެންމެ ގޯސްވެފައިވާ އެއް ގައުމު ކަމަށްވާ އިންޑޮނޭޝިޔާގައި މަރުވި މީހުންގެ އަދަދު މިހާރު 500 އާ ކައިރި ކުރާނެކަމަށް މީޑިއާ ރިޕޯޓްތައް ބުނާއިރު، އެ ގައުމުގެ އަވަށްޓެރި ތައިލެންޑުން ވެސް 170 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ބާރުގަދަ ތޫފާނެއްގެ ސަބަބުން ކުރަމުންދާ ބޯ ވިއްސާރައިގައި އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ އެއް ގައުމު ކަމަށްވާ އިންޑޮނޭޝިޔާގެ ސުމަތުރާ ރަށުގައި ފެން ބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ގިނަ ހާދިސާތަކެއް ވަނީ މެދުވެރިވެފައެވެ.
އިންޑޮނޭޝިޔާގައި 80،000 އަށްވުރެ ގިނަ މީހުން ރައްކާތެރި ސަރަޙައްދުތަކަށް ގެންގޮސްފައި ވީނަމަވެސް، ސުމަތުރާގެ ތިން ޕްރިންސެއްގައި އަދިވެސް އެތައް ސަތޭކަ ބަޔަކު ސަލާމަތް ނުކުރެވި އެކި ސަރަހައްދުތަކުގައި ތާށިވެފައި އެބަ ތިއްބިކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
މެލޭޝިއާގައި މަރުވި މީހުންގެ އަދަދު އެހެން ގައުމުތަކާ އަޅާބަލާއިރު މަދު ނަމަވެސް، ތޫފާނުގެ ސަބަބުން ލިބިފައިވާ ގެއްލުން ކުޑަނޫން ކަމަށާ، މެލޭޝިއާގެ ބައެއް ސްޓޭޓުތަކުގެ ބައެއް ސަރަހައްދުތައް މިހާރު އޮތީ ފެނު އަޑީގައި ކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
އަވައްޓެރި ސްރީލަންކާއަށް މިހާރު ކުރިމަތިވެފައިވާ ތޫފާން "ޑިޓްވާ" ގެ ސަބަބުން ލަންކާގައި މަރުވި މީހުންގެ އަދަދު މިހާރު 334 އަށް އަރައިފައި ވާއިރު، ވީނުވީއެއް ނޭނގި ގެއްލިގެން ހޯދަމުން އަންނަ މީހުންގެ އަދަދު ވަނީ 370 އަށް އަރާފައެވެ. އެ ތޫފާނުގެ އަސަރު 309،607 އާއިލާއެއްގެ 1،118،929 މީހުންނަށް ކޮށްފައިވާ ކަމަށް ވެސް އެ ގައުމުގެ މީޑިއާތަކުން ބުނެއެވެ.




