އޯވަޑޯޒްވެގެން މަރުވުމާގުޅޭގޮތުން ތައްޔާރުކޮށްފައިވާ މީސްމީޑިއާ ފޮޓޯއެއް
މަސްތުވާތަކެއްޗާ ގުޅުންހުރި މަރުތައް އިތުރުވަމުންދާއިރު އެންޑީއޭ އޮތީ ހިމޭނުން
ދުވަހެއް ދުވަހަކަށް، ގޮތްނޭނގޭ މަރުތައް އިތުރުވަމުންދާތީ މުޅި ދިވެހިރާއްޖެ އޮތީ ހާސްކަމެއްގެ ތެރޭގައި
ފިޔެސް 17 ޖުލައި 2025 (ބުރާސްފަތި)   08:49
ދިވެހިރާއްޖޭގައި އެންމެބޮޑަށް އިތުރުވަމުންދަނީ، އެކްސިޑެންޓް ތަކާއި، މަސްތުވާތަކެއްޗާ ގުޅުންހުރި މަރުތައްކަމާމެދު އާންމުން ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު، މި ފަހަކަށް އައިސް ގިނަގިނައިން ދޭތެރެ ދޭތެރެއިން އަޑުއިވެމުންދަނީ، ކޮންމެވެސް ފަޅުގެއެއްގައި ނުވަތަ ގެސްޓްހައުސްއެއްގެ ފާހާނާ ތެރޭގައި ޒުވާނަކު މަރުވެފައި އޮއްވާ ފެނިއްޖެކަމުގެ ޚަބަރުތަކެވެ. އަދި އެފަދަ ގޮތަކަށް މަރުވެފައިވާ ޒުވާނުން ގިނަފަހަރު ފެންނަނީ މަސްތުވުމަށް ބޭނުންކުރާ އާލާތްތައް ވެސް އޭނާގެ ކައިރީގައި ވަނިކޮށެވެ. ނުވަތަ އޭނާގެ ގުނަވަނަކަށް އެފަދަ އާލާތެއް މަހާލެވިފައި ވަނިކޮށެވެ.

ރާއްޖޭގައި ހައްދުފަހަނަ އަޅާފައިވާ މަސްތުވާތަކެތީގެ މައްސަލަ ހަމަ މަގަށް އެޅުވުމުގެ ބެލެނިވެރިފަރާތް ކަމުގައިވާ އެންޑީއޭ (ނޭޝަނަލް ޑްރަގް އެޖެންސީ) އިން މިކަމާ ގުޅޭގޮތުން ޒިންމާދާރުކަމާއެކު ބަހެއް ނުބުނެ އެ މުއައްސަސާ ހަނު އޮތުމަކީ އަދި ވަކިން ކަންބޮޑުވާންޖެހޭ މައްސަލައެއްކަމަށް އާންމުން ބުނަން ފަށައިފިއެވެ.

ފިޔެސްއާ ވާހަކަދެއްކި ގިނަ އާންމުން ބުނަނީ، އެންޑީއޭގެ ފަރުވާ ހޯދަންޖެހޭކަމަށް ގާނޫނީ ގޮތުން ލާޒިމްކުރާ ގިނަ ކްލައިންޓުން ގޮތް ނޭނގޭ މަރުތަކުގައި ހިމެނިގެންދާތަން ފެންނައިރު ވެސް އެކަމާ އެ މުއައްސަސާއިން އެއްވެސް ފިޔަވަޅެއް އެޅިގެންދާ ތަން ފެންނަމުން ނުދާތަނުގައި، މިފަދަ މަރުތަކާ ގުޅޭގޮތުން އެންޑީއޭ އިން އެއްވެސް ރަސްމީ ބަޔާނެއް ނުވަތަ ރައްޔިތުންނަށް އެއްވެސް ކަމެއް ސާފުކޮށްދިނުމެއް ވެސް ނެތުމުން އެކަމާ އެމީހުން ނުހަނު ކަންބޮޑުވާ ކަމަށެވެ.

މިކަމުގެ ސަބަބުން ގިނަ އާއިލާތަކާއި އާންމުން ހާސްކަމެއްގެ ތެރޭގައި ވާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުން ލިބޭ ގިނަ މައުލޫމާތުތަކަކުން ދައްކާގޮތުގައި، ގޮތްނޭނގޭ މަރުތަކުގެ އަދަދު އިތުރުވަމުންދަނީ ރާއްޖޭގެ ތާރީހު ނުދެކޭފަދަ އާދަޔާ ހިލާފު މިންވަރަކަށެވެ. މިފަދަ މަރުތަކުގެ ތެރޭގައި ހިމެނޭ، މަސްތުވާތަކެއްޗާ ސީދާ ގުޅުންހުރި މަރުތަކުގެ ތަފާސްހިސާބެއް ރަސްމީ އިދާރާއަކުން ކަށަވަރުވާން ނެތް ނަމަވެސް، ގޮތްނޭނގޭ މިފަދަ ގިނަ މަރުތަކަކީ މަސްތުވާތަކެތި ބޭނުންކޮށްގެން އޯވަޑޯޒްވުމުގެ ސަބަބުން ނުވަތަ މަސްތުވާތަކެތި ބޭނުންކުރުމުގެ ސަބަބުން ދިމާވާ އާއިލީ މައްސަލަތައް ނުވަތަ އިޖުތިމާއީ މައްސަލަތައް ފަދަ، އެހެނިހެން މައްސަލަތަކާ ގުޅިގެން ހިނގާފައިވާ މަރުތަކެއް ކަމަށް ނުހަނު ބޮޑަށް ބެލެވިފައި ވެއެވެ.

އެގޮތުން ބަލާއިރު، ގޮތްނޭނގޭ ގިނަ މަރު ތަކުގެ ޝަރުއީ މަރުހަލާ ކޯޓުތަކުން ކުރިއަށްގެންދާ  ގިނަފަހަރު، އެންޑީއޭ އިން ފަރުވާ ހޯދަންޖެހޭ މީހުން އެ މަރުތަކުގައި ސާމިލުވެފައިވާ ކަމުގެ ސަބަބުން މިޝައްކު އިތުރަށް ބޮޑުވެގެން ވެސް ދެއެވެ.

މި މައްސަލައަށް ބަހެއް ހޯދާލުމަށް ނޭޝަނަލް ޑްރަގް އެޖެންސީގެ އެކްޓިން ސީއީއޯއަށް ފިޔެސް އިން ދެންނެވުމުން ސީއީއޯ މުޙައްމަދު ރާޝިދު ވިދާޅުވީ ގޮތްނޭނގޭ މަރުތަކުގައި، އެންޑީއޭގެ ކްލައިންޓުން

ނުވަތަ އެންޑީއޭގެ ފަރުވާ ހޯދަންޖެހޭކަމަށް ގާނޫނީ ގޮތުން ލާޒިމްކުރާ ބައެއް ކްލައިންޓުން ޝާމިލްވާކަމަށް ބެލެވިފައިވާ ކަމަށާ، އެހެންކަމުން އެ އިދާރާއިން އެކަމަށް ސަމާލުވެ ހައްލުހޯދުމަށް މަސައްކަތްތަކެއް ވެސް ކުރަމުން އަންނަކަމަށެވެ. އެހެން ނަމަވެސް އެފަދަ ކަންކަމަށް އެކަށީގެންވާ މިންވަރުގެ ހައްލެއް ހޯދުމަށް، އެންޑީއޭއިން ކުރަމުން އަންނަ މަސައްކަތްތަކަށް، ހިންހަމަޖެހޭވަރާ ގާތަށް ވެސް ނަތީޖާ ނުފެންނަކަމަށް ވެސް ރާޝިދު ވިދާޅުވިއެވެ.

އަދި ގޮތްނޭނގޭ މަރުތަކުގައި އޯވަޑޯޒްވެގެން މަރުވެފައިވާ މީހުންކަމަށް ބެލެވޭ މީހުން، އެ މަރުވަނީ ސީދާ ކޮން ބާވަތްތަކެއްގެ މަސްތުވާތަކެއްޗެއް ބޭނުން ކޮށްގެންކަން އެންޑީއޭއަށް ދެނެގަނެވިފައި ނުވާ ކަމަށް ވިދާޅުވެ ރާޝިދު ވިދާޅުވީ އެފަދަ ކަންކަމުގައި ޝާމިލްވާ މީހުންގެ ތެރެއިން ހާލުދެރަވެ ހޮސްޕިޓަލުގައި އެނދުމަތިކުރާ މީހުނަށް ވެސް އެންޑީއޭއިން އެހީތެރިކަން ފޯރުކޮށްދީ، ހޭލުންތެރިކުރުމުގެ މަސައްކަތްތައް ވެސް ކުރަމުން އަންނަކަމަށާ ކުއްލި ހައްލެއް ނުލިބުނު ނަމަވެސް ރާއްޖޭގައި ފެތުރެމުންދާ މަސްތުވާތަކެތީގެ ވަބާއަށް މަޑުމަޑުން ހައްލު ލިބެމުން އަންނަކަމަށެވެ.

ރާޝިދު މިފަދަ މޭރުމުން ވިދާޅުވި ނަމަވެސް، މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތައް ހައްލުކުރުމުގެ ޒިންމާ ގައުމީފެންވަރުގައި އުފުލަންޖެހޭ އެ މުއައްސަސާއިން ހަރަކާތްތެރިވަނީ ނުހަނު ޒިންމާދާރުކަން ކުޑަގޮތަކަށް ކަމަށް ބުނެ އާންމުންގެ މެދުގައި ކަންބޮޑުވުމާއި ހިތްހަމަނުޖެހުމުގެ ޝުއޫރުތައް އިތުރުވަމުން އަންނަކަން މީސްމީޑިއާގެ މަންސަތަކުން ފެނިގެން ދެއެވެ.

މަސްތުވާތަކެތީގެ ވަބާގެތެރޭގައި ދިވެހިރާއްޖެ ބަނަވަމުން އަންނަތާ ދުވަސްތަކެއް ފާއިތުވެގެން ގޮސްފައިވާއިރު، ރާއްޖޭގައި މަސްތުވާތަކެތި އިތުރުވަމުންދާ ދިޔުމާ ގުޅޭގޮތުން 2003 ވަނަ އަހަރު ހަދާފައިވާ ދިރާސާއަކުން ދައްކާގޮތުގައި، ރާއްޖޭގައި އެންމެ ގިނައިން ދައުރުވަމުންދާ މަސްތުވާތަކެއްޗަކީ އޮޕިއޭޓްސް އާއި ކެނަބިނޮއިޑްސްއެވެ.

ފަހަކަށް އައިސް، "ޕާޓީ ޑްރަގްސް" ކަމަށް ބުނެވޭ އެމްޑީއެމްއޭ އާއި އެލްއެސްޑީ ފަދަ މަސްތުވާތަކެތި ޒުވާނުންގެ މެދުގައި މަގުބޫލުވަމުން އަންނަކަން ވެސް އެކި ދިރާސާތަކުން ފާހަގަކުރެވުނު ނަމަވެސް މީގެއިތުރުން މެތަމްފެޓަމިން އަދި ކޮކެއިން ބޭނުންކުރަމުން އަންނަކަން ވެސް ފާހަގަކުރެވިފައި ވެއެވެ.

2024 ވަނަ އަހަރުގެ ވައިޓަލް ސްޓެޓިސްޓިކްސް ރިޕޯޓުގައި ފާހަގަކޮށްފައިވާ، ރާއްޖޭގައި މަރުވާ މީހުންގެ ތަފާސްހިސާބުތަކުގައި "ގޮތްނޭނގޭ މަރުތައް" އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ. އެހެންކަމުން މިފަދަ މަރުތަކާ ގުޅޭ ސީދާ ސަބަބު ދެނެގަތުމަށް އިތުރަށް އޮޅުންއަރައެވެ.

އަދި ދިރާސާތަކުން ދައްކާގޮތުން އެންޑީއޭގެ މަސައްކަތްތަކުގެ ނަތީޖާއާ ގުޅޭގޮތުންވެސް ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. އެގޮތުން ފަހަކަށް އައިސް އާންމުކޮށް ޝާއިއުކޮށްފައިވާ ރިޕޯޓުތަކުގައި ވެސް ފާހަގަކޮށްފައިވާ ގޮތުގައި، އެ އިދާރާގެ މަސައްކަތްތަކާއި ސިޔާސަތުތަކުގެ މައްޗަށް ސިޔާސީ ނުފޫޒާއި ފިއްތުންތައް ނުހަނު ބޮޑަށް ކުރިމަތިވެފައިވާ ކަމުގެ ތުހުމަތުތަކެއް އެބަހުއްޓެވެ.

އެހެންކަމުން އެ އިދާރާއާމެދު ކުރެވެމުން މިދާ ތުހުމަތުތަކަކީ ހަގީގަތަކަށް ވާނަމަ، ރާއްޖޭގައި އިތުރުވަމުން މިދާ މަސްތުވާތަކެތީގެ ވަބާއާ ކުރިމަތިލުމަށާއި، ގޮތްނޭނގޭ މަރުތަކާ ގުޅޭގޮތުން ބޭނުންވާ ސާފު މައުލޫމާތު ފޯރުކޮށްދިނުމުގައި އެންޑީއޭ ފަހަތުފަޔަށް ބުރަވެ، އެކަމުގައި އިތުރު އިހުމާލުތަކެއްވެ، އޮޅުންބޮޅުން ގަނޑެއްގެ ތެރެއަށް ހިނގައިދާނެކަމަށް އާންމުން ދެކެއެވެ.

މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ މެދުގައި ހެޕަޓައިޓިސް ސީ އާއި ޓީބީ ފަދަ ބަލިތައް އިތުރުވަމުންދާކަމަށް ދެކެވޭ ވާހަކައާ ސަބަބު ނޭނގޭ މަރުތަކާ ދެމެދު ގުޅުމެއް އޮތުން އެކަށީގެންވާ ކަމަށް ބެލެވެއެވެ. މިކަމަށް އަލިއަޅުވާލާއިރު ދެކަމެއް ފާހަގަކުރެވެއެވެ.

އެގޮތުން ފުރަތަމަ ކަމަކީ ބަލީގެ ނުރައްކާތެރިކަމެވެ. ހެޕަޓައިޓިސް ސީ އާއި ޓީބީ އަކީ ފަރުވާ ނުލިބިއްޖެނަމަ މަރުވުމަށް މަގުފަހިވެދާނެ ނުރައްކާތެރި ބައްޔެއްކަމަށް ވާއިރު، މި ބަލި ފެތުރުން އިތުރުވުމަކީ މި ބަލީގެ ސަބަބުން މަރުވާ މީހުންގެ އަދަދު ވެސް އިތުރުވުމަށް މަގުފަހިވެދާނެ ކަމެކެވެ.

ދެވަނަ ކަމަށް މި ބަލި ދެނެގަތުމުގައި ގޮންޖެހުންތަކެއް ހުރިކަން ފާހަގަކޮށްލެވޭއިރު، މަސްތުވާތަކެތި ބޭނުންކުރާ މީހުން، އެމީހުނަށް ބޭނުންވާ ސިއްހީ ހިދުމަތްތައް ހޯދުމަށް ގިނަފަހަރު ފަސްޖެހޭ ކަމަށް ބެލެވިފައި ވެއެވެ. މިހެންވުމުގެ ސަބަބުން ގިނަފަހަރު ބަލިތައް ދެނެގަނެވެނީ ބަލީގެ ވަރަށް ފަހުގެ މަރުހަލާއެއްގައި ކަން ފާހަގަކޮށްލެވެއެވެ.

ގޮތް ނޭނގޭ މަރުތައް އިތުރުވަމުންދާ ދިއުމާ މެދު، ނޭޝަނަލް ޑްރަގް އެޖެންސީން ޖަވާބުދާރީވެ، އެކަމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅުމަށް، މީސްމީޑިއާގެ އެކިއެކި މަންސަތަކުގައި މިފަހަކަށް އައިސް އާންމުން ތަކުރާރުކޮށް ގޮވާލަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

އެހެން ނަމަވެސް، ގައުމުގެ މިފަދަ ހައްސާސް މައްސަލައެއްގައި އެންޑީއޭގެ ލީޑަރޝިޕުން ހަނުހުރުމުގެ ސަބަބުން އާންމުންގެ އިތުބާރު އެ މުއައްސަސާއާ މެދުގައި ގެއްލުމުގެ އިތުރުން، ރާއްޖޭގެ ގިނަ ރަށްތަކެއްގައި އާންމުންގެ ފުރާނައަށް ނުރައްކާވެ، މަރުތައް އިތުރުވެ، މުޅި ރާއްޖޭގެ މަސްލަހަތު އިތުރަށް ގޯސްވެގެންދިއުމުގެ ނުރައްކާވެސް ނުހަނު ބޮޑަށް އެބައޮތްކަމަށް އާންމުންގެ ގިނަބަޔަކު ދެކެއެވެ.

ކޮމެންޓް