ނޭޝަނަލް ޑްރަގް އޭޖެންސީ.- ފޮޓޯ: ފިޔެސް
ވިއްކުން މަނާ ކޮންޓްރޯލްޑް ޑްރަގެއް ވިއްކަނީ، 2000ރ. އަށް 10 ގުޅައެއް
ވިއްކަމުންދަނީ ބިއުޕްރެނޯފިން ނަމަކަށް ކިޔާ ބޭހެއް - ލުބްނާ ޒާހިރު
މަރްޔަމް މުޙައްމަދު 21 ސެޕްޓެމްބަރ 2025 (އާދީއްތަ)   11:08
ދިވެހިރާއްޖޭގައި ވިއްކުން މަނާކޮށްފައިވާ ކޮންޓްރޯލްޑް ޑްރަގެއް، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް، ސިއްރިއްޔާތުގައި ވިއްކަމުންދާ ކަމުގެ މައްސަލައެއް އެންޑީއޭ (ނޭޝަނަލް ޑްރަގް އެޖެންސީ)ގެ ސަމާލުކަމަށް އަތުވެއްޖެއެވެ.

އެންޑީއޭގެ ޗެއާޕާސަން ލުބްނާ ޒާހިރު ހުސައިން މިކަން ހާމަކުރައްވާ ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް، ސިއްރިއްޔާތުގައި ވިއްކަމުންދާ ކަމުގެ މައުލޫމާތު އެންޑީއޭ އަށް ލިބިފައިވާ ބޭހަކީ ބިއުޕްރެނޯފިން ނަމަކަށް ކިޔާ ބޭހެއް ކަމަށެވެ.

މި ވައްތަރުގެ ބޭސް 2،000 ރުފިޔާއަށް 10 ގުޅަ ވިއްކަމުންދާއިރު، މި ބޭހަކީ ރާއްޖޭގައި ވިއްކުން މަނާ ކޮންޓްރޯލް ޑްރަގެއްގެ ގޮތުގައި ކަނޑައަޅާފައިވާ ބޭހަކަށް ވާއިރު، މަސްތުވާތަކެތީގެ ގާނޫނުގެ ދަށުން ކޮންޓްރޯލްޑް ޑްރަގުގެ ބާވަތްތައް ރާއްޖޭގައި ވިއްކުމަކީ މަނާކަމެއްކަމަށް ވެސް ލުބްނާގެ ޕޯސްޓްގައި ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބުޕްރެނޯފިން ނަމަކަށްކިޔާ ކޮންޓްރޯލްޑް ޑްރަގެއް މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ވިއްކަމުން އެބަދޭ، 10 ގުޅަ 2000 ރުފިޔާއަށް ދަނީ ވިއްކަމުން. ކޮންޓްރޯލް ކުރެވިފައިވާ މިފަދަ ބޭސް ވިއްކުމަކީ ގާނޫނާ ހިލާފު ކަމަށް ވާއިރު، ވިއްކާ ފަރާތްތަކާ ގުޅޭ ސީދާ މައުލޫމާތު މި ބޭސް ބޭނުންކުރި މީހުން ދީފައި އެބަވޭ." ލުބްނާ ޒާހިރު ހުސައިން ވިދާޅުވިއެވެ.

އެންޑީއޭގެ ފަރާތުން އެ އިދާރާގެ ޗެއާޕާސަން ލުބްނާ ޒާހިރު ހުސައިން މިކަން ހާމަކުރައްވި ނަމަވެސް، މިކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ދިވެހި ފުލުހުންގެ ހިދުމަތުން އަދި ހާމަނުކުރާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
މާކުންބެ
1 day ago
ހީހީހަލާކު!!!! މިހަބަރުގެ ސުރުހީ ފެނުނީމާވެސް ބޯހަލާކު ވެއްޖެ. ހިތައްއެރީ ރާއްޖޭގައި ވިއްކާ މަސްތުވާ އެއްޗިއްސަކީ ކޮންގޮތަކުން ހުއްދަވެގެން ވިއްކާ އެއްޗިއްސެއް ބާވައެވެ. ވިސްނާވިސްނާވެސް އެސުވާލުގެ ޖަވާބެއް ނުލިބުނު..... މިކަމުން ދޭހަވަނީ ކީކޭ؟؟؟؟؟؟؟