ފުލުހުން ބުނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ އދ. ކުނބުރުދޫ / ދިލްބަހާރުގެ، އައިޝަތު ޝިޔާޒާ (31އ) އާއި ހއ. ދިއްދޫ / ހަޒާރުމާގެ، ސައިފުﷲ އަޙްމަދު (26އ) ކަމަށާ، އެ އޮޕަރޭޝަން ފުލުހުން ހިންގާފައިވަނީ ހުކުރު ދުވަހު ކަމަށެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައި މިވާ ސައިފުﷲ އަކީ ވަގުތު ނޫހުގެ ނޫސްވެރިއެކެވެ. އޭނާ ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލުން މިދިޔަ އަހަރު ދިން އެވޯޑްގައި ލައިފްސްޓައިލް ކެޓަގަރީން އެވޯޑު ވެސް ހޯދައިފަ އެވެ.
އަދި އޭނާ އަކީ ޕައިލެޓުކަމުގެ ވަޒީފާއެއް ވެސް އަދާކުރާ މީހެއްކަމަށް ފިޔެސްއަށް ވަނީ މައުލޫމާތު ލިބިފައެވެ.
އަދި ފުލުހުން ހާމަކުރި ގޮތުގައި މި ހައްޔަރުކުރި އައިޝަތު ޝިޔާޒާއަކީ ފުލުސް އޮފިޝަރެކެވެ. އެހެންކަމުން މި މައްސަލައާ ގުޅިގެން އައިޝަތު ޝިޔާޒާ ފުލުހުންގެ ވަޒީފާއިން ސަސްޕެންޑްކޮށްފައިވާ ކަމަށް ވެސް ފުލުހުން ހާމަކުރިއެވެ.
ފުލުހުން ކޯޓުގައި ބުނީ، ސައިފުﷲ ފުލުސް މީހާއާ އެކު ދިޔައީ ޑްރަގް ބަލައި ކަމަށާ، ހައްޔަރުކޮށް ޓެސްޓުކުރި އިރު ދެ މީހުން ވެސް، މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކޮކެއިން އަށް ޕޮޒިޓިވް ކަމަށެވެ.
ފުލުހުން ބުނީ، އެދެމީހުން ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ވިޔަފާރަވެރިންގެ މިސްކިތް ކައިރިން ކަމަށާ، ދެމީހުން ގެނެސް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ތިން ރަބަރު ޕެކެޓާއި މަނާ ބޭސް ގުޅައެއް ފެނިފައި ވެސް ވެއެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އައިޝަތު ޝިޔާޒާއަށް 5 ދުވަސް އަދި ސައިފުﷲ އަޙްމަދަށް 10 ދުވަހުގެ މުއްދަތެއް ޖަހާފައިވާ ކަމަށާ، މިމައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެއެވެ.