ބީއެމްއެލް އިން ބުނީ އޮގަސްޓުން ފެށިގެން އޮންލައިންކޮށް ރުޕީ އެކައުންޓް ހުޅުވޭނެ ކަމަށް.--
ބީއެމްއެލް އިން އިންޑިއަން ރުޕީ އެކައުންޓް ތައާރަފުކޮށްފި
ހިޝާމް ހާރޫން 25 ޖުލައި 2025 (ހުކުރު)   22:56
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފުރަތަމަ ފަހަރަށް އިންޑިއަން ރުޕީ އެކައުންޓް ތައާރަފުކޮށްފި އެވެ.

ބީއެމްއެލުން ބުނީ، އަންނަ އޮގަސްޓް މަހުން ފެށިގެން އެ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް، ދިވެހީންނާއި ވިޔަފާރިތަކާއި ބިދޭސީން ވެސް ހިމެނޭހެން އޮންލައިންކޮށް ރުޕީ އެކައުންޓް ހުޅުވޭނެ ކަމަށާއި، މި އެކައުންޓްތަކަށް ބީއެމްއެލްގެ ބްރާންޗްތަކުން ފައިސާ ޖަމާކުރެވޭނެ ކަމަށެވެ.

މިގޮތުން އިންޑިއަން ރުޕީގެ 500 ރުޕީސް ނޫޓުން ފެށިގެން މަތީ އަދަދުތަކުގެ ނޫޓުތައް ޖަމާކުރެވޭނެ ކަމަށާއި، އިންޑިއާއިން ރެމިޓެންސްގެ ގޮތުގައި ގެންނަ ފައިސާ މިގޮތަށް ހުޅުވާ އެކައުންޓްތަކަށް ޖަމާކުރެވޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ. އޭގެ އިތުރުން އިންޑިއާއަށް ފައިސާ ފޮނުވުމުގައި ވެސް މި އެކައުންޓްތައް ބޭނުންކުރެވޭނެ ކަމަށް، ބޭންކުން ބުންޏެވެ.

މިކަމާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ރުޕީ އެކައުންޓް ބީއެމްއެލްގައި ހުޅުވޭ ގޮތް ހެދުމުގެ ސަބަބުން ރާއްޖޭން ބޭރަށް ފައިސާ ފޮނުވުމުގައި ފަސޭހަތަކެއް ލިބި، އިންވެސްޓްމެންޓްގެ އާ ފުރުސަތުތައް ހުޅުވިގެން ދާނެ ކަމަށެވެ.

"2024ވަނަ އަހަރު އޮކްޓޫބަރު މަހު އަޅުގަނޑުމެން ވާނީ ބީއެމްއެލްގެ އޭޓީއެމް އަދި ޕީއޯއެސް ޓާމިނަލްތަކުގައި ރުޕޭ ކާޑު ބޭނުންކުރެވޭ ގޮތް ހަމަޖައްސާފައި. އަދި ނޭޝަނަލް ޕޭމަންޓްސް ކޯޕަރޭޝަން އޮފް އިންޑިއާ (އެންޕީސީއައި) އާއެކު ރުޕޭ ކާޑު އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ދޫކުރުމުގެ މަސައްކަތް ކުރަމުންދާކަމުގެ އުފާވެރި ޚަބަރު އަޅުގަނޑު ދޭން ބޭނުން." އޭނާ ވިދާޅުވިއެވެ.

މިދިޔަ އަހަރު ބީއެމްއެލުން ވަނީ އެ ބޭންކުގެ އޭޓީއެމް އަދި ޕީއޯއެސް ޓާމިނަލްތަކުގައި ރުޕޭ ކާޑު ބޭނުންކުރެވޭ ގޮތް ވެސް ހަދައިފަ އެވެ.

ރާއްޖޭގެ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް (ފަވަރަ) އާއި އިންޑިއާގެ ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް (ޔޫޕީއައި) ގުޅާލުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރުމާ އެކު ބީއެމްއެލްގައި އިންޑިއާ ރުޕީސް އެކައުންޓް ހުޅުވޭ ގޮތް ހަދާފައި ވާއިރު ނެޝަނަލް ޕޭމަންޓްސް ކޯޕަރޭޝަން އޮފް އިންޑިއާ (އެންޕީސީއައި) އާ އެކު ރުޕޭ ކާޑު ބީއެމްއެލްގެ ކަސްޓަމަރުންނަށް ދޫކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

އެމްއެމްއޭ އިން މިއަދު ބުނެފައިވާ ގޮތުގައި އިންޑިއާގެ ޔޫޕީއައި އާއި ފަވަރަ ގުޅާލައި ދިވެހިންނަށް އެ ހިދުމަތް އިންޑިއާގައި ލިބޭނެ ގޮތް އަންނަ އަހަރުގެ ކުރީކޮޅު ހަމަޖެހޭނެއެވެ.

ކޮމެންޓް