މިހާރު ރާއްޖެއަށް ރަސްމީ ދަތުރެއް ކުރައްވަމުން ގެންދަވާ މޯދީ، މިއަދު ވަނީ ރައީސް ނަޝީދުއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުން އޮތީ މިއަދު ހެނދުނު ކުރުނބާ މޯލްޑިވްސް ގައެވެ.
ބައްދަލުކުރެއްވުމަށްފަހު މޯދީ އެކްސްގައި ދިވެހި ބަހުން ކުރެއްވި ޕޯސްޓްގައި ވިދާޅުވީ "ނަޝީދު އަކީ އަބަދުވެސް އިންޑިއާ އާއި ދިވެހިރާއްޖޭގެ އެކުވެރިކަމަށް ވަރުގަދައަށް ވަކާލާތު ކުރައްވާ ބޭފުޅެއް." ކަމަށެވެ.
މީގެ އިތުރުން "ނެއިބަހުޑް ފަސްޓް ސިޔާސަތާއި މަހާސާގަރުގެ ތަސައްވުރުގެ އަގުހުރި ތަނބެއްގެ ގޮތުގައި އަބަދުވެސް ދިވެހިރާއްޖެ އޮންނަ އޮތުމާ ބެހޭގޮތުން ވާހަކަ ދެކެވުނު" ކަންވެސް މޯދީ ފާހަގަ ކުރައްވާފައި ވެއެވެ.
މޯދީ ވަނީ ހަމަ މި ޕޯސްޓް އިނގިރޭސި ބަހުންވެސް ކުރައްވާފައެވެ.
މި ބައްދަލުވުމަށްފަހު ރައީސް ނަޝީދުވެސް ވަނީ ޕޯސްޓެއްކުރައްވާފައެވެ. ވިދާޅުވެފައިވަނީ ބޮޑުވަޒީރު މޯދީއާ ބައްދަލުވުމަކީ އަބަދުވެސް ލިބޭ ޝަރަފެއް ކަމަށެވެ. ރާއްޖޭގެ ޒުވާނުންނަށް އެހީތެރިވުމުގެ މުހިންމުކަމުގެ މައްޗަށާއި، ފިލްމު އިންޑަސްޓްރީ އާއި މުރަކަ އާއި ފަރު ހިމާޔަތްކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނުކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ނަޝީދު އެ ޖަމުއިއްޔާއެއްގެ ސެކްރެޓަރީ ޖެނެރަލްކަން ކުރައްވާ، ކްލައިމެޓް ވަލްނެރަބަލް ފޯރަމް އާއި އިންޓަނޭޝަނަލް ސޯލާ އެލަޔަންސް ގުޅިގެން މަސައްކަތް ކުރުމުގެ މައްޗަށްވެސް ވާހަކަ ދެކެވުނެވެ.
ރާއްޖޭގެ ސިޔާސީ ލީޑަރުންގެ ތެރެއިން އިންޑިއާއާ އެންމެ ގާތް ގުޅުމެއް ބާއްވާ އެއް ބޭފުޅަކީ ނަޝީދު އެވެ. ބައިނަލްއަގްވާމީ މީޑިއާގައިވެސް އިންޑިއާ ދިފާއުކުރައްވާ ނަޝީދު ވަރަށް ބޮޑަށް ވާހަކަ ދައްކަވާކަން ފާހަގަކޮށްލެވެއެވެ.