އެ ބޭންކުން ބުނީ، އެއީ މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ 12 ޕަސެންޓުގެ ކުރިއެރުމެއް ކަމަށެވެ. މި އަހަރުގެ ދެވަނަ ކުއާޓަރުގައި ވެސް ބީއެމްއެލަށް ވަނީ އޭގެ ކުރީ އަހަރަށް ވުރެ 24 ޕަސެންޓުގެ ބޮޑު ފައިދާއެއް ލިބިފަ އެވެ. މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެ ކުންފުންޏަށް 790 މިލިޔަން ރުފިޔާގެ ފައިދާއެއް ލިބުނެވެ. އެއީ މިދިޔަ އަހަރަށް ވުރެ 232 މިލިއަން ރުފިޔާގެ ފައިދާއެކެވެ. ޕަސެންޓުން ބަލާނަމަ އެއީ 13 ޕަސެންޓްގެ ކުރިއެރުމެކެވެ.
ދެ ވަނަ ކުއާޓަރުގެ ތަފާސްހިސާބު މިއަދު އާންމުކޮށްފައިވާއިރު، ދެވަނަ ކުއާޓަރުގައި އެ ކުންފުނިން ދޫކުރި ލޯނުގެ އަދަދު 21.3 ބިލިޔަން ރުފިޔާ އަށް އަރައެވެ. އަދި 33.6 ބިލިޔަން ރުފިޔާގެ ޑިޕޮސިޓާ އެކު، ބީއެމްއެލްގެ ޖުމްލަ އެސެޓުގެ އަދަދު 51 ބިލިޔަން ރުފިޔާއަށް އަރައެވެ. މި އަހަރުގެ ދެވަނަ ކުއާޓަރާ ހަމައަށް ބީއެމްއެލުން އާންމު ފަރުދުންނާއި ވިޔަފާރިތަކަށް މުޅިން އަލަށް ތިން ބިލިޔަން ރުފިޔާގެ ލޯނު ދޫކުރި އެވެ.
ބީއެމްއެލަށް މިދިޔަ އަހަރު ވަނީ 2.25 ބިލިޔަން ރުފިޔާގެ ފައިދާއެއް ލިބިފަ އެވެ. އެއީ 2023 ވަނަ އަހަރާ އަޅާ ބަލާއިރު ފަސް ޕަސެންޓުގެ އިތުރުވުމެކެވެ. މިދިޔަ އަހަރު އެ ބޭންކުގެ ޖުމްލަ އާމްދަނީގެ ގޮތުގައި 4.7 ބިލިޔަން ރުފިޔާ ލިބުނެވެ. މިދިޔަ އަހަރު ބޭންކްގެ ޖުމްލަ އެސެޓު ވަނީ އޭގެ ކުރީ އަހަރަށް ވުރެ ތިން ބިލިއަން ރުފިޔާ އިތުރުވެފަ އެވެ.
ބީއެމްއެލުން ވަނީ މިދިޔަ ކުއާޓަރުގައި، ހިއްސާދާރުންނަށް ހިއްސާއަކަށް 55 ރުފިޔާގެ މަގުން 296 މިލިޔަން ރުފިޔާގެ ރެކޯޑު އަދަދެއް ބަހައިފަ އެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމް ބެހެއްޓުމަށް ހިންގާ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއު ވެސް މި ކުއާޓަރުގައި އިތުރަށް ފުޅާކޮށްފައި ވެ އެވެ. އެގޮތުން ށ. ނ. އަދި މ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓާފައިވާއިރު ކ. ހުރާގައި އޭޓީއެމެއް ވަނީ ބަހައްޓާފަ އެވެ. އެއާ އެކު، ކ.އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް ވަނީ އޭޓީއެމްގެ ހިދުމަތް ދޭން ފަށައިފަ އެވެ.
ބީއެމްއެލުން ރާއްޖޭގެ 20 އަތޮޅެއްގައި 40 ބްރާންޗް، 133 ސެލްފް ސާވިސް ބޭންކިން ސެންޓަރު، 188 އޭޓީއެމް މެދުވެރިކޮށް ހިދުމަތްތައް އަންނަނީ ދެމުންނެވެ.