ރައީސް ނަޝީދު އާއި ރައީސް މުޢިއްޒު.--
މީޑިއާއަށް ހުރަސްއަޅާ ބިލު ތަސްދީގުނުކުރަން ރައީސް ނަޝީދު ގޮވާލައްވައިފި
ޖުނާން އަޙުމަދު 28 އޯގަސްޓް 2025 (ބުރާސްފަތި)   10:48
މިނިވަން މީޑިއާއަށް ހުރަސް އެޅޭގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މިހާރު ކޮމިޓީ މަރުހަލާގައި އޮތް ބިލު ތަސްދީގު ނުކުރެއްވުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.

ރައީސް ނަޝީދު، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ލިޔުންތެރިޔެއްގެ ހައިސިއްޔަތުންނާއި ހިޔާލު ފާޅުކުރުމުގެ ސަބަބުން ޖަލުގެ ހައްޔަރުގައި ދުވަސްތައް ހޭދަކުރަންޖެހުނު މީހެއްގެ ހައިސިއްޔަތުން މީޑިއާ ބިލާ ދެކޮޅު ކަމަށެވެ.

މީޑިއާތައް ކޮންޓްރޯލްކުރުމުގެ ބާރު ސަރުކާރަށް ލިބިދޭ ބިލު ފާސްކޮށްފި ނަމަ އޭގެ ނޭދެވޭ އަސަރު މުޅި ގައުމަށްކުރާނެ ކަމަށާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގު ހަނި ކުރާ ކޮންމެ ފަހަރަކު އޭގެ ސަބަބުން އެ ގައުމެއްގެ މިނިވަންކަމާއި ތަނަވަސްކަން ހީނަރުވެގެންދާނެ ކަން ނަޝީދު ފާހަގަ ކުރެއްވިއެވެ.

ރައީސް ނަޝީދުގެ ޕޯސްޓްގައި ރައީސް މުއިއްޒު ޓެގް ކުރައްވައި އެ ބިލު ތަސްދީގު ނުކުރެއްވުމަށާއި އިއްޔެ އެބިލާ ދެކޮޅަށް މުޒާހަރާ ކުރަނިކޮށް ހައްޔަރުކުރި ނޫސްވެރިން ދޫކޮށްލުމަށްވެސް ގޮވައިލައްވާފައި ވެއެވެ. އިއްޔެ ހައްޔަރުކުރި ނޫސްވެރިންވަނީ ހައްޔަރުކޮށް ފުލުހުންގެ ވެހިކަލަށް އެރުވުމަށްފަހު ދޫކޮށްލާފައެވެ.

ސަރުކާރާ ގުޅިގެން ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު ޢަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި މީޑިއާ ބިލު އިއްޔެ، ރައީސް މުއިއްޒުގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން ބަލައިގަނެފައި ވާއިރު، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އެ ބިލުގެ މަސައްކަތްތައް މިއަދު ފަށަން ތާވަލުކޮށްފައި ވާކަން ފާހަގަކޮށްލެވެއެވެ.

ނަޝީދުގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން ޢަބްދުﷲ ވެސް މިއަދު ވިދާޅުވެފައި ވަނީ، ދައުލަތް ހިންގުމުގެ ނިޒާމުގައި މުއިއްޒު ޖައްސަވާ ގޮށްތައް މޮހެލުމަށް އެތައް އަހަރު މަސައްކަތް ކުރަން ޖެހޭނެ ކަމަށާ، އެކަމުގެ ސަބަބުން ދިވެހިންގެ ކުރިއެރުމާއި ތަރައްގީ އެތައް އަހަރަކަށް މަޑު ޖެހޭނެ ކަމަށެވެ.

އަދި މިހާރުވެސް ގިނަ ނޫސްވެރިންނާއި، އާންމުންގެ ތެރެއިން ވެސް ގިނަ ބަޔަކު މި ބިލާ ދެކޮޅުކަން ހާމަކުރަމުން އަންނައިރު، ޕީއެންސީ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު، ނޫސްވެރިން އުލުބައިންދަން ޖެހޭ ކަމަށް ވަނީ ވިދާޅުވެފައެވެ.

އަދި ނޫސްވެރިންގެ ޖަމިއްޔާ، އެމްޖޭއޭ (މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން) އިން ވަނީ ނޫސްވެރިންގެ ކިބައިން ފަލާހު މައާފަށް އެދެން ޖެހޭ ކަމަށް ބުނެ ބަޔާނެއް ވެސް ނެރެފަ އެވެ.

ކޮމެންޓް