އެ ބިލު މަޖިލީހުން ބޭރުކުރުމަށް ނޫސްވެރިންނާއި މީޑިއާގެ ދިފާއުގައި މަސައްކަތް ކުރާ ޖަމުއިއްޔާ ޖަމާއަތްތަކުން ގޮވާލަމުންދާއިރު ބިލުގެ މަސައްކަތް މަޖިލީހުގެ މިނިވަން މުއައްސަސާ ކޮމިޓީގައި ކުރިއަށް އެބަ ގެންދެއެވެ. މިއަދު އެ ކޮމިޓީން ވަނީ ބްރޯޑްކާސްޓިން ކޮމިޝަނާއި މީޑިއާ ކައުންސިލާ ބައްދަލުކޮށްފައެވެ.
ކުރީގެ ނޫސްވެރިކަންވެސް ކުރެއްވި ރައީސް ނަޝީދު، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަން އިންތިހާއަށް މުހިންމު ކަމަށާއި ނޫސްވެރިން ޒިންމާދާރުވުން ވެސް މުހިންމު ކަމަށެވެ.
"އަޅުގަނޑަށް ފެންނަ ގޮތުގައި މީޑިއާ ބިލާ ގުޅޭ ގޮތުން ހުރިހާ ސިޔާސީ ޕާޓީއެއްގެ ބައްދަލުވުމެއް ބޭނުންތެރި،" ރާއްޖޭގައި މަލްޓި ޕާޓީ ޑިމޮކްރެސީ ނިޒާމެއް ގާއިމުކުރުމަށް ހިންގި އިސްލާހީ ހަރަކާތުގައި ވެސް އިސްކޮށް މަސައްކަތް ކުރައްވާފައިވާ ނަޝީދު ލިއުއްވި އެވެ.
ރައީސް ނަޝީދަކީ 90 ގެ އަހަރުތަކުގައި ނޫސްވެރިކަން ކުރައްވައިގެން ތަކުރާރުކޮށް ޖަލަށް ލާފައިވާ ބޭފުޅެކެވެ. އެކި ފަހަރު މަތިން ފޮތް ލިޔުއްވައި ޕަބްލިޝް ކުރައްވާފައިވެސް ވެއެވެ.
މީގެ ކުރިންވެސް ލިޔުންތެރިއެއްގެ ހައިސިއްޔަތުންނާއި އެމްނެސްޓީ އިންޓަނޭޝަނަލްގެ ޕްރިޒަނާ އޮފް ކޮންސައިންސްގެ ހައިސިއްޔަތުން މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލު ތަސްދީގު ނުކުރުމަށް ރައީސް މުއިއްޒަށް ނަޝީދު ވަނީ ގޮވާލައްވައިފައެވެ.