މިއަދު ކުރެއްވި އެކްސް ޕޯސްޓެއްގައި، ނޭޕާލުގައި މިހާރު ކުރިއަށްދާ މުޒާހަރާގެ ސަބަބުން އެގައުމުގެ ވެރިކަން ވެއްޓުމުން އެކަމަށް އިޝާރާތްކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، ދަރަންޏާއި ކޮރަޕްޝަން ހައްލު ނުކުރެވޭނަމަ އިތުރު ގައުމުތަކުގެ ވެރިކަންތަކެއް ވެސް ހަމަ އެފަދައިން ވެއްޓުމަށް މަގުފަހިވާނެ ކަމަށެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައި ވާއިރު، ނޭޕާލްގެ އިތުރުން އަވައްޓެރި ސްރީލަންކާއާއި ބަންގްލަދޭޝްގެ ވެރިކަން ވެސް ވެއްޓިފައި ވަނީ، އެ ގައުމުތަކުގެ ކަންކަން ގޯހުން ގޯހަށް ގޮސް، ރައްޔިތުންގެ ޝުއޫރުތަށް ކޮޅުންލައިގެން މަގުތަކަށް ނުކުމެ ކުރަންފެށި އިހުތިޖާޖުތައް ކޮންޓްރޯލް ނުވެގެންނެވެ.
މަސްރަޙު ދިރާސާކުރައްވާ ބޭފުޅުން ވިދާޅުވާ ގޮތުގައި ތިން ގައުމު ވެސް ހަލަބޮލިވީ އާންމުންނަށް ފަގީރުކަން އިހުސާސްކުރަން ޖެހިފައި އޮއްވާ ކޮރަޕްޝަނާއި ވައްކަމާއި ހިޔާނާތުގެ މައްސަލަތައް އިތުރުވުމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ، ބޮޑު ދަރަންޏާއި ކޮރަޕްޝަން އަދި މިސްމެނޭޖްމަންޓްގެ ސަބަބުން ސަރުކާރަކަށް ފަހު ސަރުކާރެއް ހަލަބޮލިވަމުން އަންނަ ކަމަށާ، އެހެންކަމުން ތަރައްގީވަމުން އަންނަ ގައުމުތަކުން ދަރަނި ރީސްޓްރަކްޗާނުކޮށް، ހެޔޮވެރިކަމެއް ނުހޯދައިފި ނަމަ، އިތުރު ގައުމުތައް ވެސް ހަލަބޮލިވާނެކަމަކީ ޔަގީންކަމެއް ކަމަށެވެ.
"މިކަމަށް ހޭލަން އެބަ ޖެހޭ. ނޫން ނަމަ އިތުރު ހަމަނުޖެހުމާ ކުރިމަތިލާން ޖެހޭނެ." ރައީސް ނަޝީދުގެ އެކްސް ޕޯސްޓުގައި ވެއެވެ.
ފާހަގަކުރެވޭ ގޮތުގައި ނޭޕާލްގައި ކޮރަޕްޝަނާއި އާންމުންގެ މެދުގައި އޮންނަ ތަފާތު ކުރުންތަކާއެކު ސަރުކާރާ މެދު އޮންނަ ނަފުރަތު ކޮޅުންލައި، މީސްމީޑިއާގެ މަންސަތައް މަނާކުރުމުން ޒުވާނުން މަގުތަކަށް ނުކުމެ މުޅި ގައުމު ހަލަބޮލި ކޮށްލާ ބޮޑުވަޒީރު އިސްތިއުފާ ދިނުމަށް މަޖުބޫރުވިއެވެ.
އެ ގައުމުގެ ސަލާމަތީ މަރުކަޒުން އެންމެފަހުން ބުނެފައި ވަނީ، ނޭޕާލް ގައި މިއަދު ވެސް ކާފިއު ދެމި އޮންނާނެ ކަމަށާ މާދަމާވެސް ހެނދުނު 6 އިން އިރޮއޮއްސި 6 އަށް ކާފިއު ދަމަހައްޓާނެ ކަމަށެވެ. އަދި ހަމަނުޖެހުންތަކުގެ ތެރޭގައި އެމީހުން ދަނީ ތަންތަން ލޫޓުވައި ހަތިޔާރު ވެސް އަތަށް ނަގާ، މުދަލާއި ތަކެއްޗަށް ގެއްލުންދެމުން ކަމަށް އެ ގައުމުގެ ސަލާމަތީ މަރުކަޒާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ނަޝީދު މި މޭރުމުން ވާހަކަދެއްކެވި އިރު، އެ މަނިކުފާނު ވެސް އިސްތިއުފާދެއްވަން ޖެހިވަޑައިގަތީ މުޅި މާލެ ހަލަބޮލިވުމާ ގުޅިގެން ކަން ފާހަގަކޮށްލެވެއެވެ. އަދި 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ހިނގި ހަމަނުޖެހުންތަކަކީ ބަޣާވާތެއްކަމަށް އެމްޑީޕީން ބުނަމުން ދިޔަނަމަވެސް އެ މައްސަލަ ބަލަން އެކުލަވައިލި ކޮމިޓީގެ ރިޕޯޓު (ކޯނީ ރިޕޯޓް) އިން އެއީ ބަޣާވާތެއް ނޫން ކަމަށް ބުންޏެވެ.