ދިވެހި ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި ސޯބިރު އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ވުމަށްފަހު، މިއަދުގެ ހެނދުނުގެ ވަގުތެއްގައި ޓްރީޓޮޕް ހޮސްޕިޓަލްގައެވެ. އަވަހާރަވިއިރު ޢުމުރުފުޅަކީ 73 އަހަރެވެ.
ސޯބިރަކީ ރާއްޖޭގެ އިގްތިސޯދާ ބެހޭ ހުރިހާ ދާއިރާއެއްގައި ދިގު މުއްދަތެއް ވަންދެން ޚިދުމަތް ކުރެއްވި ބޭފުޅެކެވެ. ފިޝަރީޒް މިނިސްޓަރު ކަމާއި ޓޫރިޒަމް މިނިސްޓަރުކަން ވެސް ކުރެއްވިއެވެ.
ރައީސް މައުމޫންގެ ރިޔާސީ 4 ވަނަ ދައުރު 1993 ނޮވެމްބަރު 11 ގައި ފައްޓަވައި އެކުލަވާލެއްވި ކެބިނެޓްގައި މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ މަގާމަށް ސޯބިރު އައްޔަނުކުރެއްވި އެވެ. އަދި ރައީސް މައުމޫންގެ ރިޔާސީ 5 ވަނަ ދައުރުގެ ކެބިނެޓުގައިވެސް ސޯބިރު ހިމަނުއްވައި، ޓޫރިޒަމް މިނިސްޓަރަކަށް ޢައްޔަން ކުރެއްވިއެވެ.
ވަޒީރުކަމުގެ އިތުރުން ސޯބިރު ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރުކަންވެސް ކުރައްވާފައެވެ. 15 ވަނަ ރައްޔިތުންގެ މަޖިލީހުގައި އއ.އަތޮޅުގެ މެންބަރުކަން ކުރެއްވީ 2000 ވަނަ އަހަރުގެ ފެބްރުއަރީ 24 އިން 2005 ފެބްރުއަރީ 27 އަށެވެ. މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީ އެކުލަވައިލުމުގެ މަސައްކަތް 2004 ޖޫން 15 ގައި ފެށުމާއެކު، މަޖިލީހުގެ މެންބަރުކަމުގެ ދައުރު ނިމެންދެން ހާއްސަ މަޖިލީހުގެ މެންބަރެއްގެ ގޮތުންވެސް މަސައްކަތް ކުރެއްވިއެވެ.
ސޯބިރުގެ ޚިދުމަތް، ފަހުން ފެނިގެން ދިޔައީ ރާއްޖޭގެ ހާރިޖީ ދާއިރާ އިންނެވެ. އެގޮތުން އެ މަނިކުފާނު އަދާކުރެއްވި ބައެއް މަގާމުތަކުގެ ތެރޭގައި، އިނގިރޭސިވިލާތުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަގާމާއި، ސިންގަޕޫރުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަގާމުގެ އިތުރުން ޔޫރަޕިއަން ޔޫނިއަންގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަގާމާއި، ޖަޕާނުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަގާމުވެސް ސޯބިރު ފުރުއްވާފައިވެއެވެ.
ސޯބިރު ވަނީ ދިވެހި ދައުލަތަށް 38 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައެވެ. އަދި އަވަހާރަވިއިރުވެސް ހުންނެވީ ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު ކަމުގެ މަގާމުގައެވެ.
ސޯބިރުގެ ޚިދުމަތްތައް ފާހަގަ ކުރައްވާ، މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި އިއްޔެ ވަނީ ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ.)، ރައީސުލްޖުމްހޫރިއްޔާ އަރުވާފައެވެ. ސޯބިރު އާލާސްކަންފުޅާ އުޅުއްވާތީ އެ ޖަލްސާގައި އެ އިއްޒަތާ ހަވަލުވެވަޑައިގަތީ ސޯބިރުގެ ދަރިކަނބަލުންނެވެ.
ސޯބިރު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ތައުޒިޔާ ވިދާޅުވެފައެވެ. އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި، ރައީސް ވިދާޅުވެފައިވަނީ، އެ ޚަބަރު އަޑުއެއްސެވީ ފުން ހިތާމައާ އެކުގައި ކަމަށާއި، މިއީ މުޅި ދިވެހި ޤައުމަށްވެސް ލިބުނު ފުން ހިތާމައެއް ކަމަށެވެ. މީގެ އިތުރުން، މަރުޙޫމް ސޯބިރަކީ ވަޒީރުކަމުގެ މަޤާމުގައްޔާއި ސަފީރު ކަމުގެ މަޤާމުގައި، ރާއްޖޭގެ މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން ދިވެހި ޚާރިޖިއްޔާއަށްވެސް ދިގުމުއްދަތެއްގައި، ހަރުދަނާ، ގިނަ އަދި ބިނާކުރަނިވި މަސައްކަތްތަކެއް ކުރެއްވި ޚިދުމަތްތެރިއެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
ސޯބިރު އަވަހާރަވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި މާދަމާ، 29 ޖުލައި 2025ވާ އަންގާރަ ދުވަހުން ފެށިގެން ތިންދުވަސް ވަންދެން ދިވެހި ޤައުމީދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައެވެ.
ސޯބިރުގެ ޖަނާޒާ ބޭއްވެވުމަށް ސަރުކާރުން ހަމަޖައްސަވާފައި ވަނީ ރަސްމީ އިއްޒަތުގައެވެ. މޫނުފުޅު ދެއްކުން އޮންނާނީ އިސްލާމީ މަރުކަޒުގައެވެ. ކަށުނަމާދު އޮންނާނީ މިއަދުގެ ޢަޞްރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ.