ރާއްޖޭން ބޭރަށްދާ ކޮންމެ މީހަކަށް ބީއެމްއެލް އިން މިހާރު ވިއްކަނީ 500 ޑޮލަރެވެ. އެކަމަކު މިއަދު ގެނައި ބަދަލާ އެކު، އެ މީހަކީ ބޭސްފަރުވާއަށްދާ މީހެއް ނަމަ މިހާރަށްވުރެ އިތުރަށް ގަންނަން ޑޮލަރު ލިބޭނެއެވެ. މިހާރު ހަމަޖައްސާފައިވަނީ؛
ބޭސްފަރުވާއަށް ދާ މީހުންނަށް ޑޮލަރު ގަންނަން ލިބޭނީ އިންޓަނެޓް ނުވަތަ މޯބައިލް ބޭންކިން އެޕް މެދުވެރިކޮށް އެކަމާ ގުޅޭ ލިޔެކިޔުންތައް ހުށަހަޅައިގެންނެވެ. އާސަންދައިގެ ދަށުން ބޭހަށްދާ މީހެއް ނަމަ ބަލިމީހާ އަދި އެހީތެރިޔާގެ ޓިކެޓް އަދި ޕާސްޕޯޓް ކޮޕީގެ އިތުރުން އާސަންދަ އެޕްރޫވަލް ނުވަތަ ރިކޮމެންޑޭޝަން ލެޓާ ހުށަހަޅަން ޖެހެއެވެ.
އެންސްޕާގެ އެހީ ލިބިގެންދާ މީހުން ޑޮލަރު ގަންނަން އެންސްޕާއިން އެހީ ހަމަޖެހުނު ކަމުގެ ލިޔުން، ބަލިމީހާ އާއި އެހީތެރިޔާގެ ޓިކެޓާއި ޕާސްޕޯޓް ކޮޕީ ހުށަހަޅަން ޖެހެއެވެ.
އެއްވެސް އެހީއެއް ނުހޯދައި އަމިއްލަ ހަރަދުގައި ބޭހަށްދާ މީހަކު ނަމަ ރާއްޖެއިން ބޭރުން ފަރުވާ ހޯދަންޖެހޭ ކަމަށް ބަޔާންކޮށް ޑޮކްޓަރު ދީފައިވާ ލިޔުން އަދި މި ލިޔުމުގައި ބައްޔާއި ބަލީގެ ހިސްޓްރީ އެނގެން ނެތް ނަމަ އެކަން އެނގޭނެ ވަކި ލިޔުމެއް، ޑޮކްޓަރުގެ ނުވަތަ ފަރުވާގެ އެޕޮއިންޓްމެންޓް ހަމަޖެހިފައިވާ ކަމުގެ ލިޔުން، ބަލިމީހާގެ ޓިކެޓާއި ޕާސްޕޯޓް ކޮޕީ ބޭނުންވެއެވެ.