އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަނުކުރި ޒުހައިރު އާއި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު ކަމަށް އައްޔަނުކުރި ނަޒީމް.--
އެޗްޑީސީ އެމްޑީއަކަށް ޒުހައިރު ބަދަލުކޮށް އާރުޑީސީއަށް ނަޒީމް އައްޔަނުކޮށްފި
ފިޔެސް 30 ޖުލައި 2025 (ބުދަ)   18:32
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެޗްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް، ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން ލިމިޓެޑް (އާރުޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ހުރި، ބްރިގޭޑިޔަރ ޖެނެރަލް (ރޓ) ޢަލީ ޒުހައިރު އައްޔަނުކޮށްފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ބުނީ ޒުހައިރު މިމަގާމަށް ހަމަޖެއްސުމުގެ ކުރިން އޭނާ ކުރިން ހުރި އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރ ގެ މަގާމުން ވަކިކޮށްފައި ވާކަމަށެވެ. 

ހަމައެއާކު ހުސްވި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށް ވަނީ މއ.އެލީޒިއަމް، އިބްރާހިމް ނަޒީމް އައްޔަނު ކޮށްފައެވެ.

ނަޒީމް މިހާތަނަށް ހުންނެވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މަގާމުގަ އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މަގާމު ހުސްވީ އެމަގާމުގައި ހުންނެވި މައުރޫފް ޖަމީލް، އަންނަ މަހު ރިޓަޔާ ކުރައްވާނެކަން އިއުލާން ކުރައްވާފައި އޮވެމެ، މިއަދު ކުއްލިއަކަށް އިސްތިއުފާ ދެއްވުމުންނެވެ. 

މައުރޫފް ރިޓަޔާވާން ހުށަހެޅުއްވީ މި ހިނގާ ޖުލައި މަހުގެ ތެރޭގަ އެވެ. އެކަމަކު މިހާތަނަށް އޭނާގެ ރިޓަޔާމަންޓާ މެދު އޮތީ ގޮތެއް ނުނިންމަ އެވެ. 

ރައީސް މައުމޫންގެ ވެރިކަމުގައި ކޮންސްޓްރަކްޝަން މިނިސްޓަރުކަން ވެސް ކުރެއްވި މައުރޫފު ރިޓަޔާ ކުރައްވާ ގޮތަށް ކުރިން ނިންމަވާފައި އޮތީ އަންނަ އޮގަސްޓް މަހުގެ 18 ވަނަ ދުވަހު އެވެ. އަދި އެ ކަން އޮތީ އެ ކުންފުނީގެ މުވައްޒަފުންނަށް މި މަހުގެ ކުރީކޮޅު އަންގާފައެވެ.

އަދި އެކަމާ ގުޅޭގޮތުން ޓީވީއެމްގެ ޕްރޮގްރާމެއްގައި މައުރޫފް ވިދާޅުވެފައި ވަނީ ރިޓަޔާ ކުރިނަމަވެސް އެޗްޑީސީ އެއްކޮށް ދޫކޮށް ނުދާނެ ކަމަށާ، ރިޓަޔާކޮށްފައި އަނެއްކާވެސް ބޭނުންވަނީ އެޗްޑީސީގެ ކޮންމެވެސް މަގާމެއްގައި ހުންނަންކަމަށެވެ.

މި ސަރުކާރުން ކުންފުނިތަކުގެ ބޯޑުތަކުގައި އެންމެ އިސްކޮށް ތިއްބަވާ ބޭފުޅުން ދޭތެރެ ދޭތެރެއިން ދަނީ ބަދަލު ކުރަމުންނެވެ. 

ކޮމެންޓް